ގުޅީފަޅަށް ކޮމާޝަން ޕޯޓު ބަދަލު ކުރުމުގެ މަސައްކަތަށް އެ ސަރަހައްދު ހިއްކަމުން އަންނައިރު ފަރުތަކަށް ލިބެމުން އަންނަ ގެއްލުންތައް ކުޑަ ކުރުމަށް އާ ގޮތްތަކެއް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅީފަޅު ހިއްކުން ކުރިއަށް ދާއިރު ފަރު ރައްކާތެރި ކުރުމުގެ ގޮތުން އާ ގޮތްތަކެއް ރައްޔިތުންގެ މަޖިލީހުގެ އިތުރުން އީޕީއޭ އިން ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށާއި އެ ހުށަހެޅުއްވުމަށް ސަރުކާރުން ގަބޫލު ކުރާނެ ކަމަށް ދެކެވާޑައިގަންނަވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ. ގުޅީފަޅު މަޝްރޫއު މުހިއްމު ނަމަވެސް އެކަމުގެ ސަބަބުން ފަރު ހަލާކުވާން ދޫކޮށްލެވެން ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ތަރައްގީގެ ގިނަ މަސައްކަތްތަކަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާ ކަމަށެވެ. އަދި ވިދާޅުވީ މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުންވާ ސަބަބަކީ މާލޭގައި ދިރިއުޅުއްވާ "އެހެންގޮތެއް ނެތް" ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކަމަށެވެ. އަދި މާލެ ސަރަހައްދަަށް އިތުރު ހިކިފަސް ބޭނުންވާ އަނެއް ސަބަބަކީ މި ސަރަހައްދު ތޮއްޖެހުން ކުޑަ ކުރުން ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު އިއްޔެ ރައްޔިތުން މަޖިލީހުގެ އެންވަޔަރަމަންޓު އެންޑް ކްލައިމެޓު ޗޭންޖު ކޮމެޓީގައި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން ފަޅުން ބައެއް ހިއްކުމަށް ކުރިޔަށް ގެންދާ މަޝްރޫއުގައި ތިމާވެއްޓަށް ގެއްލުން ކުޑަކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި އެކަން ޕްލޭނިން މިނިސްޓްރީ އަށް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.