މާމިގިލި އެއާޕޯޓް އަވަސް މުއްދަތެއްގައި އިންޓަނޭޝަލް ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރޭގައި ބޭއްވި ބައްދަލުވުމުގައި ދަގެނތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ސިވިލް އޭވިއޭޝަންގެ ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަކުރަމުުން އަންނަ ކަމަށެވެ.

އެގޮތުން ސިވިލް އޭވިއޭޝަންގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަންކަން ކުރުމަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލެވޭ އިރު، އެގޮތަށް އެދިފައިވާ ހުރިހާ އެއާޕޯޓެއް ވެސް އިންޓަނޭޝަލް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރީގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި މާމިގިލީގެ އެެއާޕޯޓް ބޭނުންކުރެވިގެން އައިސްފައި ވަނީ. އެކަމަކު ފަހުން ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ގައި ބޭނުންކުރެވިގެން ދިއުމާ ގުޅިގެން، މިހާރު އަނެއްކާވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަންޏާ އަަޅުގަނޑުމެން ސިވިލް އޭވިއޭޝަންގެ ގައިޑްލައިނާ އެއްގޮތަށް ފޮލޯ ކުރަން ޖެހޭ ކަންތައްތަކެއް ވުމާ އެކު އެ ކަންތައްތައް ފޮލޯކުރަމުންދާ ވާހަކަ އަޅުގަނޑު އިއްޒަތްތެރި މެމްބަރުގެ މައުލޫމާތަށް ޓަކައި ދަންނަވަން،
ނަހުލާ

މިނިސްޓާ ނަހުލާ އެފަދައިން ވިދާޅޔވެފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒުހައިރު ވިދާޅުވީ ޓޫރިޒަމަށް ރާއްްޖެ އަލުން ހުޅުވައިލާ އިރު އުއްމީދުކުރާ ވަރަށް އެއާލައިންތައް ނައުން އެކަށީގެންވާ ކަމަށާއި ގިނައިން އަންނާނީ ޕްރައިވެޓް ޖެޓްތައް ކަމަށް ބެލެވޭތީ އިތުރު ދެތިން އެއާޕޯޓަކަށް ޕްރައިވެޓް ޖެޓް ޖެއްސޭނެ ގޮތެއް ހެދޭތޯ ބަލަމުން އަންނަ ކަމަށެވެ.

މާމިގިލި އެއާޕޯޓް 2013 ވަނަ އަހަރު ރައީސް ވަހީދުގެ ސަރުކާރުން އިންޓަނޭޝަނަލް ކުރި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެނިންމުން ބަދަލުކޮށް 2015 ވަނަ އަހަރުން ފެށިގެން އެ އެއާޕޯޓް އޮޕްރޭޓް ކުރަމުން އަންނަނީ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައެވެ.