މާލެ ސަރަހައްދުގެ އެކި ބަނދަރުތަކުގައި އަޅާފައިވާ މަސްވެރިކަން ކުރާ ކުދި ދޯނި ފަހަރަށް މަހަށް ނުފުރުމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މޭޔަރު ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު އަންނަ އެންމެ ބޮޑު އެއް މައްސަލައަކީ ފަރުމަހަށް ދާން ބޭނުންވާ ފަރާތްތަކާއި ކުދި ދޯނި ފަހަރަށް މަހަށް ފުރޭނެ ގޮތެއް ނެތުން ކަމަށެވެ. ޝިފާ ވިދާޅުވީ މާލެ ސަރަހައްދުގެ މަސްވެރިންގެ ނަން ނޯޓުކޮށް މައުލޫމާތު އެއް ކުރަމުން ގެންދާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 15ވަނަ ދުވަހު މާލެއިން ކޮވިޑް19 ފެނުމާ އެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލެ ސަރަހައްދުގެ އެއްވެސް ބަނދަރަކުން އުޅަނދުތައް ފުރުން ވަގުތީ ގޮތުން މަނާކުރިއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން މާލެ އަށް މުދާ ބަލާ ރަށްރަށުން އަންނަ ބޯޓު ފަހަރުތަކަށް މާލެ އައުމުގެ ހުއްދަ ދިނެވެ. އެކަމަކު އެ ބޯޓު ފަހަރުތަކުން އެއްވެސް މީހަކަށް މާލެ އަށް ނުފޭބެއެވެ.

މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއިތަކެއް ވަނީ ދީފައެވެ. އެ ލުއިތަކާ އެކު އާއްމުން ބޭރަށް ނިކުމެ އުޅުމާއި އަދި ވިޔަފާރީގެ އެކި ކަންކަމުގައި ނަގަން ޖެހޭ ބައެއް ހުއްދަތައް ސިޓީ ކައުންސިލުން އަންނަނީ ދެމުންނެވެ. ނަމަވެސް މިއަދުން ފެށިގެން އެގޮތުން ވިޔަފާރިތަކަށް ދެމުން ގެންދާ ހުއްދަތައް ދޭނީ ފުލުހުންނެވެ.

މަސް މާރުކޭޓު ސަރަހައްދުވެސް ސިޓި ކައުންސިލުން ވަނީ ހުޅުވާލައިފައެވެ. އަދި މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން މަސް މާރުކޭޓަށް ވިޔަފާރިކުރަން މަދު ބަޔަކަށް ވަދެވޭނެ ގޮތަށް ދިއުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ. މަސްމާރުކޭޓު ހުޅުވާއިރު، އެތަނުގައި މަސް ވިއްކާ ސްޓޯލްތައް މަދުކޮށް، މަދުން މީހުން ވައްދައި، ގައި ދުރުކަން ބެހެއްޓޭ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި މަސްމާރުކޭޓުގައި އަތް ދޮވެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައި ބެހެއްޓުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މަސް މާރުކޭޓު ހުޅުވާލި ނަމަވެސް އަދި އެތަނަށް ގޮސް މަސް ގަނެވޭނެ އިންތިޒާމު ހަމަޖެއްސި ނަމަވެސް ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު މިދިޔަ މަހުގެ 30ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ މާލޭގެ ލޮކްޑައުން އަށް ލުއިތަކެއް ދީ ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭ ވަގުތު އިތުރުކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ރައްޔިތުން މަސް މާރުކޭޓަށް މަސް ގަންނަން ނުގޮސް، މަސް ޑެލިވަރީ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.