ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނާ ބައްދަލުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެން ދިޔަ ކަންކަމުގެ ތަފްސީލެއް މަޖިލީހުގެ އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނާ މީގެކުރިންވެސް ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކޮމެޓީތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އަވަހަށް ނިންމަންޖެހޭ މައްސަލަތަކާއި ކޮމެޓީތަކަށް މައްސަލަތައް ދިރާސާ ކުރުމަށް ދިމާވާ ދަތިތަކާއި ގުޅޭ ގޮތުން ނަޝީދު އަންނަނީ މައުލޫމާތު އޮޅުން ފިލުވައި ހައްދަވަމުންނެވެ.

ކޮމެޓީތަކުގެ މުގައްރިރުންނާއި ނަޝީދު ބައްދަލުކުރައްވަނީ / ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް ކޮމެޓީތަކުގެ މުގައްރިރުންނާއި ބައްދަލުކުރެއްވިއިރު މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ މުހިއްމު މަސައްކަތެއް ނިންމާފައެވެ. އެއީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިއްޔެ ހަމަވާތީ ގާނޫނުއަސާސީ އިސްލާހު ކުރުމަށްފަހު ކައުންސިލަރުންގެ ދައުރު ދަންމާލުމެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާ އަކީ ރާއްޖޭގެ މިފަހުގެ ތާރީހެއްގައި އެހާ ދަންވަރު މަޖިލީހުގެ ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރުވެސް މެއެވެ. އެގޮތުން އެރޭގެ ޖަލްސާ ބާއްވާފައި ވަނީ ދަންވަރު 1:30ގައެވެ. އެރޭގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން މަޖިލީހުގެ ރިޔާސަތުން އިއްވުމުން ވަނީ މަޖިލިސް ތެރޭގައި ހަމަނުޖެހުންތަކެއް ވެސް ހިނގާފައެވެ.