ސިިވިލް ކޯޓުގެ ޝަރީއަތްތައް ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ސިވިލް ކޯޓުން މިއަދު ވަނީ އެ ކޯޓުގައި ޝަރީއަތްތައް އޮންލައިންކޮށް ގެންދިއުމާ ގުޅޭ ގޮތުގެ އުސޫލުތައް އާންމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން ވަޓްސްއެޕާއި ވައިބާގެ އިތުރުން މައިކްރޯސޮފްޓް އޮފީސް ޓީމްސް އަދި ސްކައިޕް މެދުވެރިކޮށް ވެސް ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ބަޔާންތައް ބަދަލު ކޮށްގެން ވެސް އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ކަމަށް ބުނެއެވެ. އަދި ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ބާއްވާ ޑިސްޕިއުޓް ރިޒޮލިއުޝަންގެ އަޑުއެހުންތައް އާންމު އުސޫލު ކުރިއަށް ގެންދެވޭނީ އޮންލައިންކޮށް ކަމަށް ސިވިލް ކޯޓުން ބުނެއެވެ.
އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދާއިރު ކޯޓު އަމުރުގައިވާ ގަޑިއަށް އޮންލައިން ޕްލެޓް ފޯމަށް ލޮގިންވުމުން ޝަރީއަތަށް އެ މީހަކު ހާޒިރުވީ ކަމަށް ބެލެވޭނެ ކަމަށް ސިވިލް ކޯޓުން ބުނެއެވެ. އެގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުމުގައި އަޑާއި މަންޒަރު ރަނގަޅަށް ސާފުވާ ކަން ކަށަވަރު ކުރުމުގެ އިތުރުން މައްސަލާގައި ހިމެނޭ ފަރާތްތަކުން ތިބީ އެކަށީގެންވާ ހެދުމެއްގައި ކަން ކޯޓުން ކަށަވަރު ކުރާނެ ކަމަށާއި އަދި އަމުރުގައިވާ ގަޑިއަށް ހާޒިރު ނުވެއްޖެ ނަމަ، ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.
ބަޔާން ބަދަލުކުރާ އުސޫލުގައި ޝަރީއަތްތައް ހިންގާނީ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކަމަށާއި ބަޔާންތައް ދެ ފަރާތުން ބަދަލު ކުރުމުގެ މަރުހަލާ ނިމުމުން އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ހުކުމް ކުރާ ގޮތަށް ކަމަށް ސިވިލް ކޯޓުން ބުނެއެވެ. އެ މަރުހަލާގެ ތެރޭގައި ވެސް އޮންލައިންކޮށް އަޑުއެހުމެއް ބޭއްވިދާނެ ކަމަށާއި އެކަމަކު ހެކިންނާއި އެކްސްޕާޓުންގެ ބަސް ކޯޓުން ހޯދާނީ ހާލަތަށް ބެލުމަށް ފަހު ކޯޓަށް ހާޒިރު ކޮށްގެން ކަމަށް ސިވިލް ކޯޓުން ބުނެއެވެ. އަދި ހުކުމް ތަންފީޒު ޑިވިޝަންގެ ހުރިހާ މައްސަލަތައް ވެސް އާންމު އުސޫލުން ގެންދާނީ އޮންލައިންކޮށް ކަމަށް އެ ފަރާތުން ބުނެއެވެ.
ހަމައެއާއެކު އަޑުއެހުންތައް ނިމުމުން ހުކުމް ކުރުމަށް ފަހު އީމެއިލް މެދުވެރިކޮށް ދެ ފަރާތަށް ހުކުމް ފޮނުވަން ޖެހޭނެ ކަމަށާއި އެކަމަކު މިހާރު އަޑުއެހުންތައް ނިމިފައި ހުރި މައްސަލަތަކުގައި އޮންލައިންކޮށް އަޑުއެހުމެއް ބޭއްވުމެއް ނެތި ވެސް ހުކުމް އިއްވިދާނެ ކަމަށް ސިވިލް ކޯޓުން ނެރުނު އުސޫލުގައި ވެއެވެ. އަދި ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާއި ލިޔުންތައް ވެސް އީމެއިލް ނުވަތަ އޮންލައިންކޮށް ފޮނުވުމުގެ އިތުރުން އެގޮތަށް މައްސަލަތައް ވެސް ހުށަހެޅޭނެއެވެ.
މީގެ އިތުރުން އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔަޔަސް، ޝަރީއަތުގެ ނިޒާމާ ހިލާފްވާ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި އެގޮތުން އޮންލައިންކޮށް އަޑުއެހުން ކުރިއަށް ދަނިކޮށް އެތަނަށް އިތުރު މީހަކު ވެއްދުމާއި ޝަރީއަތް ރެކޯޑް ކުރުން މަނާ ކުރުމުގެ އިތުރުން ހުއްދަ ހޯދައިގެން ވާހަކަ ދެއްކުމާއި އޮންލައިން ޕްލެޓް ފޯމަށް ކޯޓުން ހުުއްދަ ނުދޭ މީހަކު ވެއްދުން ފަދަ ކަންކަން ނުކުރެވޭނެއެވެ.
އޮންލައިންކޮށް ޝަރީއަތް ކުރިއަށް ދާއިރު، މީޑިއާތަކަށް ޝަރީއަތުގައި ބައިވެރިިވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އާންމުކޮށް ހުޅުވާލާފައިވާ އަޑުއެހުމެއްގައި ބައިވެރިވާން މީޑިއާތަކުން ކޯޓުގައި އެދުމުން އެ އަޑުއެހުމެއްގައި ބައިވެރިވުމަށް ލޮގިންވުުމުގެ ފުރުސަތު އެ މީޑިއާއަކަށް ދިނަސް، އެ ޝަރީއަތް ރެކޯޑްކޮށް އަދި ބްރޯޑްކާސްޓް ކުރެވޭނީ ކޯޓުގެ ހުއްދަ ލިބިގެންނެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޝަރީއަތްތައް މެދުކެނޑިފައި އޮތުމަށް ފަހު ކޯޓުތަކުން މިހާރު ގެެންދަނީ އޮންލައިންކޮށް ޝަރީއަތްތައް ބާއްވަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމައި، މި ހަފްތާތެރޭގައި އޮންލައިންކޮށް ޝަރީއަތެއް ވަނީ ބާއްވާފައެވެ.