ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ފަރުވާ ދިނުމަށް އެންޓިބައޮޓިކްސް ބޭނުންކުރާ މިންވަރު އިތުރު ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އިންޒާރު ކޮށްފިއެވެ.

ޑަބްލިއު.އެޗް.އޯއިންވަނީ މި ބަލިމަޑުކަމުގައި މާގިނައިން އެންޓިބައޮޓިކްސް ބޭނުންކުރަންވެއްޖެނަމަ ދެން ފެނިގެންދާނީ ބަލިމަޑުކަމުގެ ތެރޭގަޔާ، ބަލިމަޑުކަމުން ނިމުމުންވެސް ގިނަ ބަޔަކު މި ދުނިޔެއާއި ވަކިވެގެންދާ މަންޒަރުކަމަށްވެސް ބުނެފައެވެ.

ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާލުވީ، ބައެއްކަހަލަ ބެކްޓީރިއާތަކުން ޖައްސާ އިންފެކްޝަންތަކަށް ފަރުވާ ކުރުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ބައެއް ބޭސްތަކުގެ ފައިދާއެއް މިހާރު ނުކުރާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ކޮވިޑް-19ގެ ފަރުވާއެއްގެ ގޮތުގައި އެންޓިބައޮޓިކްސް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ކޮވިޑް-19އަށް ޕޮޒިޓިވްވާ ހުރިހާ ޕޭޝަންޓުންނަކީ ފަރުވާގެ ގޮތުގައި އެންޓިބައޮޓިކްސް ދޭންޖެހޭނެ ބައެއް ނޫންކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ ބައެއް އެންޓިބައިކްރޯބިއަލް ބޭސްތަކުގެ ގާބިލިއްޔަތުކަން މިހާރު ގެއްލެމުންދާކަމަށާ، މިއީ އަދުގެ ޒަމާނުގައި ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. މިފަދަ ބައެއް ބޭސްތަކަކީ ބައެއް ފަރާތްތަކަށް ވަރަށް ފަސޭހަ ކަމާއެކު ލިބެން ހުރި ބޭސްތަކެއް ކަމަށާ، ބައެއް ގައުމުތަކުން ހައްދަފަހަނައަޅާ ވަރަށް އެންޓިބައޮޓިކްސް ބޭނުންކުރާއިރު އަނެއް ބައި ގައުމުތަކަށް މި ފަދަ ބޭސްތައް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަންވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.

މިއާއެކު ޑަބްލިއު.އެޗް.އޯއިންވަނީ އެންޓިބައޮޓިކްސް ބޭނުން ކުރަންވީ އާ ގައިޑްލައިންއެއްވެސް އާންމުކޮށްފައެވެ.