މި ހިނގާ 1441 ވަނަ އަހަރު ޙައްޖުގެ އަޅުމަކަށް އެ ގައުމުގެ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ނުފޮނުވުމަށް، ދުނިޔޭގެ ނިސްބަތުން މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑޮނޭޝިއާގެ ސަރުކާރުން ނިންމައިފިއެވެ.

އިންޑޮނޭޝިއާގެ ފަރާތުން މިކަން އިއުލާން ކުރެއްވީ، ވާޗުއަލް ކޮށް ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ގައުމުގެ ދީނީ ކަންކަމާ ބެހޭ ވަޒީރު ފަހްރުލް ރާޒީއެވެ.

ރާޒީ ވިދާޅުވީ، 1441 ވަނަ އަހަރުގެ ޙައްގުގެ އަޅުކަމާ ގުޅިގެން ސައުދީ އަރަބިއްޔާއިންވެސް އަދި ވަކި ގޮތެއް ނިންމާ އެއްވެސް ގައުމަކަށް އެކަން އަންގާފައި ނުވާކަމަށެވެ. އަދި ޙައްޖުގެ އަޅުކަމަށް ތައްޔާރުވެ، ޙައްޖަށް ދާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އޮތީ ކުޑަ ވަގުތުކޮޅެއް ކަމަށްވެސް ރާޒީ ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިއާގެ ދައުލަތުގެ މީޑިއާ އަންތާރާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސައުދީއިން އެންމެ ބޮޑު ކޯޓާއެއް ދޫކޮށްފައިވަނީ އިންޑޮނޭޝިއާއަށެވެ. އެގޮތުން މިއަހަރު 221000 މީހުންގެ ކޯޓާއެއް އިންޑޮނޭޝިއާއަށް ދޫކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް އިންޑޮނޭޝިއާއިން އެއްވެސް މީހަކު ނުފޮނުވާން ނިންމާފައިވަނީ ދީނީ ކަންކަމާ ބެހޭ ވުޒާރާގެ ޓީމަކާ، އިންޑޮނޭޝިއާގެ އުލަމާ ކައުންސިލް (އެމް.ޔޫ.އައި)ގެ މެމްބަރުން ކުރިއަށް ގެންދެވި ފުރަތަމަ ދިރާސާއަކަށް ބިނާކޮށެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމާ މެދު ސައުދީއިން އަދި ގޮތެއް ނިންމާފައި ނުވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެންނެވެ.