މިހާރު ތިބި ކައުންސިލަރުންގެ ދައުރު މާދަމާ ހަމަވި ނަމަވެސް މަގާމުގައި ދެމި ތިބެވޭނެ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކޮށްފައި ވާއިރު މާދަމާއިން ފެށިގެން ދެން އަންނަ ކައުންސިލެއް އިންތިހާބު ކުރުމަށް ދީފައިވާ މުއްދަތުގައި ކައުންސިލަރުންނަށް ގާނޫނުން ލިބިދީފައިވާ ގިނަ ބާރުތަކެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މަޖިލީހަށް ހުށަހެޅުއްވި ސަންސެޓް ގާނޫނު "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލު 2020" މަޖިލީހުން ރޭ ފާސްކޮށްފައި ވަނީ ގިނަ އިސްލާހުތަކަކާ އެކުގައެވެ. މި ބިލު ފާސްކޮށްފައި ވަނީ 73 މެމްބަރުންގެ ވޯޓާ އެކުއެވެ.
މި ބިލު އެންމެ ފުރަތަމަ ހުށަހެޅީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށެވެ. ނަމަވެސް އާއްމު ގާނޫނަކުން އެކަން ނުކުރެވޭނެ ކަމަށް ބަންޑާރަ ނާއިބާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ލަފާ ދެއްވުމާއެކު ގާނޫނުއަސާސީ އަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް މަޖިލީހުން ފެއްޓިއެވެ. އަދިި ރޭ މެންދަމު ބޭއްވި ޖަލްސާގައި ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުވެސް ފާސްކުރިއެވެ.
ލާމަރުކަޒީ ކޮމެޓީން ބޮޑެތި ބަދަލުތަކެއް ބިލު ދިރާސާ ކުރި އިރު ގެނެސްފައިވާ "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލު 2020" ގައި މިހާރު ބުނެފައިވާ ގޮތުގައި މާދަމާ ދައުރު ހަމަވުމަށް ފަހު މިހާރު ތިބި ކައުންސިލަރުން ހަމަ އެ މަގާމުގައި ތިއްބެވި ނަމަވެސް އެއީ ވަގުތީ ބައެއް ކަމަށެވެ. އެހެން ކަމުން މާދަމާއާ ހަމައަށް މަގާމުގައި ދެމި ތިބިއިރު ލިބިގެން ދިޔަ ބާރުތަކެއް އެ ކައުންސިލަރުންނަށް ނުވަތަ ކައުންސިލްތަކަށް ލިބިގެން ނުދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އެގޮތުން ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި، ދަރަންޏަށް ފައިސާ ދިނުމާއި، އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި، ސަޕްލިމެންޓްރީ ބެޖެޓް ފާސް ކުރުން ފަދަ ކަންކަން ނުކުރެވޭނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ ވަގުތީ މުއްދަތުގައި، ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ރަށްވެހިކަމުގެ އެންމެހައި ހިދުމަތްތައް މެދުކެނޑުމެއްނެތި ދޭން ޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރާ ތާރީިހުގެ ދެ ހަފްތާ ކުރިއަށް، ކައުންސިލުތަކުގެ ވަގުތީ މުއްދަތުގައި ކައުންސިލުގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ހިސާބު، ކޮންމެ ކައުންސިލަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި، އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.
މިބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާ ހިސާބުން ފެށިގެން ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އުވިގެން ދާނެއެވެ. އަދި ބޯޑަށް އާ މެންބަރުން އައްޔަން ކުރުމުގެ ބާރުވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ދީފަފައެވެ.