ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވެގެން ބޭއްވި ޖަނާޒާއަށް ރައީސް ޔާމީނު ވަޑައި ނުގެންނެވީ، އެ ޖަނާޒާއަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްﷲ ވިދާޅުވެއްޖެއެެވެ.

"ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މިހާރު ދެކެވެމުން ދާ ވާހަކަ ތަކާ ގުޅިގެން އެވާހަކަތައް ހާމަކޮށްދެއްވަން ބޭނުންވެ ވަައިގަންނަވާ ކަމަށާއި، އެގޮތުން އެ ހާދިސާ ހިނގައި ދިޔައީ މީހުން އެވާހަކަ ދައްކާ ގޮތަށް ނޫން ކަމަށެވެ.

އިމްރާން ވިދާޅުވީ، އެ ޖަނާޒާއަށް ރައީސް ޔާމީން ވަޑައިގަންނަވަން ބޭނުންފުޅުވާ ވާހަކަ، އިމްރާން އަށް އެނގިވަޑައިގަތީ އޭނާ ބައްދަލުވުމެއްގައި އިންނަވަނިކޮށް ކަމަށާއި ނަމަވެސް އެ ބައްދަލުވުން އެހާ ހިސާަބަށް މެދުކަނޑާލެއްވުމަށް ފަހު، ރައީސް ޔާމީން ގެނައުމުގެ ކަންކަން އިންތިޒާމް ކުރުމަށް ކަރެކްޝަންގެ މުވައްޒަފުންނަށް އެންގެވި ކަމަށެވެ. އަދި ކަރެކްޝަނުން ލޯންޗާއި ކަންކަން އިންތިޒާމް ކޮށް ރައީސް ޔާމިނުގެ އިންތިޒާރުގައި އެތައް އިރަކު ތިބި ކަމަށާއި ރައީސް ޔަމީން ފަހުން އެންގެވީ އެ ޖަނާޒާއަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

"ޖަލަށް އެނބުރި ދާ ގޮތަކަށް އެ ޖަނާޒާއަށް ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވި، އަދި ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި"
އިމްރާން

އިމްރާން އިތުރަށް ވިދާޅުވީ، އެކަން ހިނގާ ދިޔަ ގޮތް އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށްވެސް އެނގޭނެ ކަމަށާއި، ޖަނާޒާއާއި ރައީސް ޔާމީނާ ގުޅުވައިގެން ދައްކަނީ ރަނގަޅުވާހަކަ ނޫން ކަމަށެވެ. އަދި އެކަމުގައި އާއިލާގެ ފަރާތްޕުޅުންވެސް އެދިވަޑައިގަތީ ރައީސް ޔާމީން މިނިވަން ކުރަން ނޫން ކަމަށާއި އެދިވަޑައިގަތީ ޖަނާޒާއަށް ޔާމީން ގެނެސްދެއްވުމަށް ކަމަށެވެ.

މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވީ ހުސްވި އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މޫމިނާއަކީ ދިވެހި ދައުލަތަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ހާއްސަ ގޮތެއްގައި ދިވެހި ތާރީހާއި އަދަބިއްޔާތަށް އޭނާ ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ދިވެހި ބަަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައި ވެއެވެ.

މޫމިނާ އަވަހާރަވި އިރު ކޮއްކޯފުޅު އަބްދުﷲ ޔާމީން ހުންނެވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މާފުށި ޖަލުގައެވެ.

މުއުމިނާގެ ޖަނާޒާގައި ރައީސް ޔާމީން ބައިވެރިވަޑައި ނުގެންނެވުމުން، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އޭރު ބުނީ، ދައްތާފުޅުގެ ޖަނާޒާއަށް ރައީސް ޔާމީން ވަޑައިނުގެންނެވީ ކަމަށް ރާއްޖެއެމްވީ ވެބްސައިޓުގައި ޝާއިއުކުރި، ހަބަރަކީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ މަގްސަދުގައި ލިޔެފައިވާ ދޮގު ހަބަރެއް ކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ އަބުރަށް އަރައިގަނެ ރާއްޖެއެމްވީން ނެރުނު ލިޔުމެއް ކަމަށެވެ.

ސަރުކާރަށް ތާއިދު ކުރާ ނޫސް، ރާއްޖެ އެމްވީގައި ބުނެފައި އޮތީ، އެ ޖަނާޒާރަށް ރައީސް ޔާމީން ވަޑައިނުގެންނެވީ ކަމަށެވެ.