ނ. މަނަދޫން ކޮވިޑަށް ޕޮޒިޓިވްވި ނުވަ މީހުންގެ ދެވަނަ ސާމްޕަލް ނެގެޓިވެ، ރަށް މޮނިޓްރިން އިން ނަގައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ ރޭ ދަންވަރު 1:05 ގައި އެ ރަށް މޮނިޓަރިންއިން އުވާލާފައިވާ ކަމަށާއި އެޗްޕީއޭގެ ލިޔުން ލިބިފައިވާ ކަމަށެވެ.
މަނަދޫން ކޮވިޑަށް ފުރަތަމަ ޕޮޒިޓިވްވި މީހާ އަކީ ކޮވިޑާ ގުޅުން ނެތް ބައްޔެއްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުން ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ވީއެވެ. އަނެއްކާ ފަހުން ހެދި ޓެސްޓަކުން ނެގެޓިވެ ވެފައި ތިން ވަނައަށް ހެދި ޓެސްޓަކުން އަނެއްކާ ޕޮޒިޓިވް ކަަމަށް ދެއްކީއެވެ. ނަމަވެސް 4 ވަނަ ފަހަށް ޓެސްޓް ހެދިއިރު ނެގެޓިވް ވެ ބަލިން ރަނގަޅުވި ކަމަށް ނިންމާ ދޫކޮށްލި އިރުވެސް ކުރިން ފަރުވާ ހޯދަމުން ދިޔަ ބައްޔަށް އޭނާ ދިޔާއީ ފަރުވާ ލިބިގަންނަމުން ދަނިކޮށް ވަނީ މަރުވެފައެވެ.
ކޮވިޑަށް ޕޮޒިޓިވް ވެ، ނެގެޓިވް ވެ އަނެއްކާ ޕޮޒިޓިވް ވި މީހާއާ ކޮންޓެކްޓުވި އިތުރު ނުވަ މީހަކު އެރަށުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 52 މީހެއްގެ ސާމްޕަލާއި ރެންޑަމް ސާމްޕަލް އާ އެކު 86 ސާމްޕަލެއް މާލެ ގެނެސް ޓެސްޓް ކުރިއެވެ. އެ އޭގެ ތެރއިން އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވި 9 މީހުން ބަދަލު ކުރީ އިރުފުއްޓަށެވެ.
އުމަރު ވިދާޅުވީ އިރުފުއްޓަށް ބަދަލު ކުރުމަށްފަހު އެ 9 މީހުންގެ ނެގި ސާމްޕަލް ނެގެޓީވް ވެފައިވާ ކަމަށެވެ. މިއަދަށް 14 ދުވަސް ހަމަވާއިރު، އަދި 14 ދުވަަސް ހަމަވުމުން ނަގާސާމްޕަލް ނަގާ ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެޗްޕީއޭން ބުނެފައި ވަނީ މިމަހުގެ 7 ވަނަ ދުވަހު ސާމްޕަލް ނަގާ ނަތީޖާ ލިބުމުން ދޫކޮށްލާނެ ކަމަށް ކަމަށެވެ.
ކޮވިޑް ޖެހި މަނަދޫން ފުރަތަމަ ޕޮޒިޓިވްވި މީހާ ކޮވިޑުން ރަނގަޅު ވީފަހުން މަރުވެފައިވާއިރު، މިއަދު ރާއްޖޭގައި ވަނީ ކޮވިޑް ޖެހި އިތުރު މީހަކު މަރުވެފައެވެ. އެއީ 54 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ޖުމްލަ 6 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.