އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަންގައި މަސައްކަތް ކުރަމުންދިޔަ ޕާކިސްތާނުގެ 2 މީހަކު، ޖާސޫސުންގެ ގޮތުގައި މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އިންޑިއާއިން ބާލާފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގެ ތަންފީޒީ ބާރުތަކުން ޕާކިސްތާނުގެ 2 އޮފިޝަލުން ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ. އަދި އެ 2 މީހުންނަކީ އިންޑިއާއިން ބަލައިގަންނާނެ ބައެއް ނޫންކަމަށާ، އެ މީހުން އިންޑިއާގައި ތިބުމަށް ސަރުކާރުން ނޭދޭ ކަމަށް ސަރުކާރުން އަންގާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާއިން ފޭބުމަށް އެމީހުންނަށް 24 ގަޑިއިރުގެ މުހުލަތެއް ދިން ކަމަށާ، އިންޑިއާއިން އެމީހުން ބަލާފައިވަނީ، ޑިޕްލޮމެޓިކް މިޝަންގެ މެމްބަރުންގެ ގޮތުގައި ތިބެ ހިންގައިގެން ނުވާނެ އަމަލުތަކެއް ހިންގުމުން ކަމަށްވެސް އިންޑިއާގެ ސަރުކާރުގެ ނިންމުމުގައި ބުނެފައިވެއެވެ.

ޕާކިސްތާނުގެ ހާރިޖިއްޔާއިންވަނީ އިންޑިއާ ސަރުކާރުގެ މި ނިންމުން ކުށްވެރިކޮށްފައެވެ. އަދި އިންޑިއާގެ ނިންމުން ނިންމާފައިވަނީ ސާބިތު ނުހިފޭ، ދޮގު ހެކިތަކަކަށް ބަލައިގެން ކަމަށްވެސް ޕާކިސްތާނުގެ ހާރިޖިއްޔާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން 2 ޑިޕްލޮމެޓުން ފުރަތަމަ ހައްޔަރު ކުރި ކުރުމަށްވެސް ޕާކިސްތާނުން ވަނީ ފާޑުކިޔާފައެވެ. އެގޮތުން ދޮގު ދައުވާތަކަކަށް މަޖޫބޫރުން އެއްބަސް ކުރުވުމަށް ބިރުދައްކާ ޕްރެޝަރު ކުރި ކުރުމާ، ޑިޕްލޮމެޓުންނަށް ދިން ލާއިންސާނީ އަނިޔާ ކުށްވެރި ކުރާކަމަށްވެސް ޕާކިސްތާނުގެ ހާރިޖިއްޔާއިން ވަނީ ބުނެފައެވެ. ހައްޔަރު ކުރި 2 ޑިޕްލޮމެޓުން މިނިވަން ކުރެވުނީ އެކަމުގެ ތެރެއަށް ހައި ކޮމިޝަނުން ވަދެގެން ކަމަށް ޕާކިސްތާނުގެ ހާރިޖިއްޔާއިން ޚަބަރު ދެއެވެ.

ޕާކިސްތާނުން ވަނީ އެ ގައުމުގައި ހުންނަ އިންޑިއާގެ ޑިޕްލޮމެޓާ މިމައްސަލާގައި ސުވާލުކޮށްފައެވެ.

ޖާސޫސު ކުރުމުގެ ތުހުމަތުގައި ޑިޕްލޮމެޓުން ބޭރުކުރުމަކީ އިންޑިއާއާއި ޕާކިސްތާނުންވެސް މާޒީގައި ހިންގާފައިވާ އަމަލުތަކެކެވެ.