މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 2019 އަދި ހައި އެޗީވާސް ސްކޮލާޝިޕް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ހަޔާ އެޑީއުކޭޝަނުން ބުނީ، 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން ސްކޮލަޝިޕް ލިބޭ ދަރިވަރުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ހަމަޖައްސައިދޭނީ ސަރުކާރުގެ ފަރާތުން ކަމަށެވެ. އަދި މި ފުރުސަތުގައި އެ ދަރިވަރަކު ކިޔަވަން ބޭނުންވާ ގައުމަކުން، އަދި ބޭނުން ދާއިރާއަކުން ކިޔެވުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ސްކޮލަޝިޕް ލިބުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އޭލެވެލް 5 މާއްދާއިން އޭ ސްޓާ ފާސް ނުވަތަ ޝަހާދަ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވުން ހިމެނޭ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ. ހަމައެއާއެކު 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލަޝިޕަށް ޝަރުތު ހަމަވާ، ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލަޝިޕް އުސޫލުގެ ދަށުން ފުރުސަތު ދެވޭނީ ހަޔާ އެޑިއުކޭޝަންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، މި ސްކޮލަޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ހުޅުވާލެވިފައި ވަނީ ދިވެހިރާއްޖެ، ސާކްގެ ގައުމުތައް، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުގެ މަތީ ތައުލީމް ފޯރުކޮށްދޭ ތަންތަނަށް ކަމަށެވެ.

މި ސްކޮލަޝިޕްތަކުގައި ބައިވެރިވުމަށް މައި އެޑިއު ޕޯޓަލް މެދުވެރިކޮށް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅޭނެއެވެ. އަދި މި ސްކޮލަޝިޕްތަކާ ބެހޭ އުސޫލު މިނިސްޓްރީގެ ވެބްސައިޓް ގައި ވާނެއެވެ. އިތުރު މައުލޫމާތު ސާފު ކުރުމަށް އީމެއިލް މެދުވެރިކޮށް އަށް އީމެއިލް ކުރެވޭނެއެވެ.