އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގެ ކަސްޓަމާ ސާވިސަސް ސެންޓަރުން ކާޑު ދޫކުރަން ފަށާނެ ކަމަށް ބީއެމްއެލުން ބުނެފއެވެ. ބީއެމް އެލުން ބުނީ އެގޮތަށް ކާޑު ދޫކުރާނީ އެޕޮއިންޓްމަންޓް ހަދާ ފަރާތްތަކަށް ކަމަށެވެ.
ބީއެމްއެލުން ބުނީ މާލޭ ސިޓީގެ ލޮކްޑައުންއަށް ލުއި ތަކެއް ލިބުމާއެކު އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބީއެމްއެލް ކަސްޓަމަރާ ސާވިސް ސެންޓަރު (އަމީނީމަގު) އިން ކާޑު ދޫކުރަން ފަށާއިރު، ކާޑު ދޫކުރާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އަންނަ މަހުގެ ފުރަތަމަ ދެ ހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ. ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖައްސަން ފުރުސަތު ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
އެޕޮއިންޓްމަންޓް ހައްދާނީ ކިހިނެއް؟
އެޕޮއިންޓްމަންޓް ހައްދަން މެސެޖު ކުރަން ޖެހެނީ ހާއްސަ ފޯމެޓަކަށެވެ. އެ މެސެޖު އޮންނަން ވާނީ ހަތަރު ލައިނަށް ވާ ގޮތަށެވެ. އެގޮތުން ސީއެސްސީ ޖެހުމަށް ފަހު އައިޑީ ކާޑު ނަންބަރު ޖަހާ ނަން އަދި ގޭގެ ނަން ޖެހުމަށް ފަހު މެސެޖު ކުރާނީ 455 އަށެވެ.
މިސާލު:
- ސީއެސްސީ
- އައިޑީކާޑު ނަންބަރު / ޕާސްޕޯޓް ނަންބަރު ( ބިދޭސީއެއްނަމަ)
- ނަން
- މިހާރު އުޅޭ އެޑްރެސް
އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް ފުލުހުން އެސްއެމްއެސް އަކުން 'ޕާމިޓް" ފޮނުވާނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ކަސްޓަމާ ސާވިސަސް ސެންޓަރަށް އެ ހުއްދައިގެ ދަށުން ދެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ދުވާލަކަށް ހިދުމަތް ދޭނީ 300 ކަސްޓަމަރުންނަށް ކަމަށާއި އެ ހިދުމަތަށް އެޕޮއިންޓްމަންޓް ހައްދަން ޖެހޭނީ މާލޭގައި އެކަނި ކަމަށް ބީއެމްއެލުން ބުނެއެވެ.
ކާޑު ނަގަން ދާއިރު ސަމާލު ވާންޖެހޭ ކަންތައްތަކެއް ބީއެމްއެލުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން މާސްކު އެޅުމާއި ކަސްޓަމާ ސާވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމާއި އަމިއްލަ ގަލަން ގެނެދިއުމާއި ސެނިޓައިޒާ ބޭނުން ކޮށްގެން އަތް ސާފުކުރުން ހިމެނެއެވެ.