އަންނަ ޖޫން މަހު 1-13 އަށް ހަފްތާއަކު ތިން ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިދުމަތް ދޭނެ ކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމައެލުން ބުނީ އެ ބޭންކުން ދޭ ހިދުމަތް ޖޫން މަހުގެ 1-13 އަށް ކޮަންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 2:00 އަށް ދޭނެ ކަމަށެވެ. ނަމަވެސް އެ ހިދުމަތްތައް ދެނީ ދުރާލާ އެޕޮއިންޓްމަންޓް ހައްދާ ފަރާތްތަކަށެވެ.

އެގޮތުން ދެވޭނެ ހިދުމަތް ތަކަކީ:

  • ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން
  • ޕޭ ރޯލް މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން
  • އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސްކުރުން
  • ލޯކަލް ބޭންކް ޓްރާންސްފާ
  • ޕީއޯއެސްގެ ހިދުމަތައް އެދި ހުށަހެޅުން

އެ ހިދުމަތްތަށް ދޭ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހުގައި ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ ޖޫން އެކަކުން ފެށިގެން ބީއެމްއެލް ކަސްޓަމާ ސާވީސް ސެންޓާ މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކާޑު ދޫކުރުމުގެ ހިދުމަތް ދިނުން ހަމަޖެހިފައިވާ ކަމަށާއި 8 ޖޫން އިން ފެށިގެން މާލޭސިޓީގެ ކަނޑައެޅޭ ބައެއް ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އޮންލައިން އަދި ސެލްފްސާވިސް ބޭންކިން މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ ކުރިން އެޕޮއިންޓްމަންޓް ހައްދަން ޖެހޭ ގޮތަށެވެ. މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، ބީއެމްއެލް އިސްލާމިކް، ލޯން އަދި އެކައުންޓް އޯޕަނިންގް ސެންޓާގެ އިތުރުން ބިޒްނަސް ސެންޓާ ހުޅުވާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ވިލިމާލެ އަދި ހުޅުމާލެ ބްރާންޗުން ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ 8 ޖޫން އިން ފެށިގެންނެވެ. ޖޫން އެކެއް އިންފެށިގެން އަތޮޅު ތެރޭގައި ގާއިމް ކޮށްފައިވާ ބޭންކުގެ ބްރާންޗްތައް (މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްނަމަ) އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ލިބެން ހުރި ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ދިނުމަށްޓަކައި ހުޅުވުމަށްވަނީހަމަޖެހިފައެވެ.