ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ށ. ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލު ދައްކައި ދީފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނަރުދޫ އިންޖީނުގޭގެ ފައިނޭންސްގައި މަސައްކަތް ކުރައްވާ އަހުމަދު އާތިފް ވިދާޅުވީ ނަރުދޫގެ ހުރިހާ ގޭބީސީއެއްގެ ކަރަންޓު ބިލު، އެ ރަށް ނިސްބަތްވާ މެމްބަރު އަލީ ރިޒާގެ ހަރަދުގައި ދައްކަވާފައިވާ ކަމަށެވެ.

އެގޮތުން އަލީ ރިޒާ އަމިއްލައަށް ގުޅުއްވާ ނަރުދޫގެ ޑޮމެސްޓިކް ހުރިހާ ކަސްޓަމަރުންގެ ޖުމްލަ އަދަދު ބައްލަވާފައި ވާ ކަމަށެވެ. އަދި ޑޮމެސްޓިކްގެ ގޮތުގައި ހުންނަ 87 ގޭބިސީއެއްގެ މޭ މަހުގެ ކަރަންޓް ބިލް ވަނީ ދައްކަވައި ދެއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ،

ނަރުދޫއަކީ ކޮވިޑް-19 އަށް 11 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށެކެވެ. އެންމެ ފުރަތަމަ ނަރުދޫ އިން ޕޮޒިޓިވް ވެފައި ވަނީ އެރަށުގެ އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެރަށަކީ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށެއް ކަމަށް އެޗްޕީއޭއިން ކަނޑައަޅާފައި އޮތް ރަށެކެވެ.

ނަރުދޫގެ ރައްޔިތުންނަށް ކުރިމަތި ވެފައިވާ ދަތިތަކުން އަރައިގަތުމަށް ށ. އަތޮޅުގެ ގިނަ ރަށްރަށުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން ފުނަދޫ، ފީވަށް، މިލަންދޫން ވަނީ އެހީގެ ތަކެތި އެރަށު ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ.