ބިޔަކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއިން ފެންނަމުން ދިޔަ ފުން އަނދިރިކަމުގެ ތެރެއަށް ފާނޫޒުން ރަނގަޅަށް އަލި ނުވި ނަމަވެސް ފާނޫޒު ދިއްކޮށްގެން ތިބެ ތިން މީހުން ކުރިއަށް ހިނގައިގަތެވެ. އެހިސާބުން އެމީހުންގެ ފިޔަވަޅު މަޑުޖެހުނީ ނޭފަތުގައި މީރު ހުވަނދެއްގެ ވަސް ޖެހުމުންނެވެ. ފުން ނޭވާއެއް އެތެރެކޮށްލުމަށްފަހު އަނގައިން އެކަކުވެސް ބަހެއް ނުބުނެ މަޑުކޮށްލެވުނީ ކުރެވުނު ތަފާތު އިހްސާސަކުންނެވެ. އެ ހަމަހިމޭންކަމުގެ ތެރެއިން ދެން އެމީހުންގެ ކަންފަތުގައި ޖެހުނީ ރީތި ހުނުމެއްގެ އަޑެވެ. އެ އަޑު ޖެހުމާ އެކީ ތިން މީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެކަކު އަނެއްކުގެ މޫނަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ.

ބަލާކަށް ނުހުރެ އެނބުރި ގެއަށް ދާން އެ ތިން މީހުން އެކުއެކީ ދުއްވައިގަތީ ތަނެއް ދޮރެއް ބެލުމެއް ނެތިއެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއިން ގެއާ ހަމައަށް ދާން އެމީހުން ދުއްވައިގަތީ އެ އިވުނު ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުން ގަންނާ ކުރެއްވި ބިރެއްގެ ބޮޑުކަމުންނެވެ.

ވަލަށް ވަނީ އަމިއްލަ ދަރިފުޅު ގެއްލިގެން އޭނާ ހޯދުމުގެ ނިޔަތުގައި ކަންވެސް ތައްކާނުގެ ހަނދާނުން ކައްސާލިއެވެ. މި ވަގުތު އެ އެންމެންވެސް ބޭނުންވީ އަވަހަށް އެ ބިޔަ ގަސްތަކުގެ ތެރެއިން ނުކުންނާށެވެ. ވަލުތެރެއިން ނުކުންނަން މަސައްކަތް ކުރަން ދުވެދުވެ އެތައް އިރެއްވުމުން ވަރުބަލި ވެފައިވާ ހާލުގައި އެމީހުން މަޑުކޮށްލީ އިތުރަށް ދުވާނެ ހިތްވަރެއް ނެތުމުންނެވެ.

މައި ނޭވާ ލަމުން ކައިރީ ހުރި ގަހުގައި ކާސިމް އަތް ވިއްދާލިއެވެ. އެއަށްފަހު އޭނާ ހަށިގަނޑު ގުދުކޮށްލީ ނޭވާލާން އުނދަގޫވާހެން ހީވުމުންނެވެ. ކާސިމްގެ ފަހަތުން އައިސް އޭނާ ކައިރިއަށް ހުއްޓުނު ދީދީގެ ފިޔަވަޅު ވެސް މަޑުކޮށްލުމަށްފަހު އުނަގަނޑުގައި އަތް ވިއްދާލީ ދެން ދުވާނެ ވަރެއް އޭނާގެ ގައިގާ ނެތޭ ބުނަމުންނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ހަށިފުރާ ފުން ނޭވާއެއް ދީދީ އެތެރެކޮށްލީ އޭނާގެ ފުއްޕާމޭ ފިތޭ ކަހަލަ އިހުސާސެއް ކުރާތީއެވެ. ހަމަޖެހެން މަސައްކަތް ކުރަން އެތެރެކޮށްލި ނޭވާއާ އެކު ދީދީގެ ނޭފަތުގައި ދެން ޖެހުނީ އުނިމަލުން ދުވާ މީރު ވަހެވެ. އެވަސް ޖެހުމާއެކު ދެލޯ ތަންމިނަށް ބޮޑުކޮށްލެވުނެވެ. އަދި އެމީހުންނަށް އޭރު ތިބެވުނު ދިމާއަށް ބަލާލިއެވެ.

ވަލުތެރެއިން ނުކުންނަން އެތައް އިރެއް ވަންދެން ދުވަމުން ދިޔަ ތިން މީހުންނަށް އައިސް ވަރުބަލި ފިލުވަން މަޑުކޮށްލެވުނީ ވަލުތެރެއިން އެންމެ އެތެރޭގައި ހުންނަ އުނިގަސް ކައިރިއަށެވެ. ގަހާ ދިމާއަށް އަތް ދިއްކޮށްލަމުން ދީދީ ފަހަތަށް ފިޔަވަޅު އަޅާލީ ރޮއެ ހޭރެމުންނެވެ. "ތައްކާނު... އަފިރިންނަށް މިއާދެވީ އެއް ދިމާއަކަށް... މިވަނީ ކިހިނެއް... ހިނގާ މިތަނުން ދާން... މީ ރަނގަޅު ކަމެއް ހެނެއް ހިއެއް ނުވޭ..."

ދީދީ އިނގިލި ދިއްކޮށްގެން ހުރި ދިމާއަށް ކާސިމާއި ތައްކާނު ބަލާލީ ހައިރާންވެފައި ތިބެއެވެ. ތެދެކެވެ. އެމީހުންނަށް އެ އާދެވުނީ މީގެ އިރުގަނޑެއް ކުރިން އަންހެނެއްގެ ހުނުމުގެ އަޑު އިވުނު ދިމާއަށެވެ. ވަލުތެރޭގައި ހުރި އުނިގަސް ކައިރިއަށެވެ.

*** *** *** *** *** ***

އެ ރަށުގެ ފަޅުތެރެއިން ބޭރަށް ދޯނި ނެރެވުމުން ބަދުރު ފަލި ޖެހުން ހުއްޓާލީ ވައި ހުރި މިސްރާބެއް ބެލުމަށް ފަހު އެ ދިމާއަށް ދޯނީގެ މިސްރާބު އަނބުރާލަމުންނެވެ. ދެން އޭނާ ރިޔާ ނެގިއެވެ. އެއާއެކު އެ ރިޔަލުގައި ރަނގަޅަށް ބޫންލާފައި ވައި އަޅުވާލިއެވެ.

ހިތަށް ލިބުނު ހަމަޖެހުމާއެކު ބަދުރު ހަމަޖެހިގެން ހަށިގަނޑު ދަމާލީ ފަލިޖަހާ ޖަހާ މީހާ ވަރުބަލިވެފައި ހުރުމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ހަމަނިދި ނުލިބި ހުރުމުން އޭނާގެ ބޮލުގައި ވަނީ އާދަޔާ ހިލާފް ރިހުމެއް އުފެދިފައެވެ. އަރާމް ކޮށްލަން ބޭނުންވެފައި އޮތުމުން ބަދުރު ހިމޭނުން އޮތީ އުއްޑުން އޮށޯވެގެން އުޑުމަތިން ފެންނަމުން ދިޔަ ތަރިތަކާ ދިމާއަށް ބަލާށެވެ.

އުޑުމައްޗަށް ބަލަހައްޓައިގެން އޮއްވާ ބަދުރުގެ އެސްފިޔަތަކަށް ބަރުވެ އޭނާގެ ދެލޯ މެރުނެވެ. އޭނާ ހިޔާލު ދަތުރު ކުރީ މީގެ އަހަރުތަކެއް ކުރިއަށެވެ. އެއީ އޭނާއަށް އެތައް ހަގީގަތެއް ހާމަވި ދުވަހެވެ.

ކަމަނަގެ އަޑު ބަދުރުގެ ކަންފަތުގައި ޖެހުނެވެ. "އައްޕާ" އޭ ކިޔާ އޭނާ ގޮވާލުމުން ބަދުރު އޭނާގެ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. އެ އަޑަށް ސަމާލުކަން ދެމުން އިންތަނުން ތެދުވެ އަޑު އައި ދީމާއަށް ދާން އޭނާ އަވަސްވެގަތެވެ.

"ތަށިތައް ނަގާފަ މިދަނީ އެދުރުބެ ގޯއްޗަށް..."

ކަމަނަ އެހެން ބުނި އަޑަށް ބަދުރު އެ ގޯތިން ނުކުމެ ބޭރު ބަލާލިއެވެ. އޭރު ފިލާގަނޑު ހިފައިގެން ބަދުރުގެ ކުރިމަތިން ކަމަނަ ހުރަސް ކޮށް އެގޭ އޮޅިގަނޑުން ބޭރަށް ނުކުންނަނީއެވެ. ބަދުރަށް ހައިރާންކަމެއް ލިބި ގޭތެރެއަށް ބަލާލެވުނީ އޭނާގެ އަމިއްލަ އަޑުން ގޭތެރޭ ހުރި އިތުރު މީހަކު "އާއެކޭ" ބުނުމުންނެވެ. އޭރު އެގޭތެރޭ ތަޅުން މަތީ އިށީނދެގެން ބަދުރު އިނީ މިސްކިތުމަގުގޭ މޫސާފުޅުގެ އަންހެނުން އާމިނަގެ ބައްޔަށް ފަރުވާއެއް ހޯދުމަށް ފަންޑިތަ ހަދާށެވެ.

އެއީ ކަމަނަ ގެއްލުނު ދުވަހު އޭނާ ކުރަން ހުރި މަސައްކަތެވެ. އެ މަންޒަރު އޭނާއަށް ފެނުމުން ބަދުރު އިތުރަށް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. މާޒީގެ ކަންކަން ބެލުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ ކަމަނަ ދިޔަ ތަނެއް ބަލަން ދިއުމަކީ ބުއްދިވެރިކަމެއް ކަމަށް ނިންމާ އޭނާ އަވަހަށް ކަމަނަގެ ފަސްފަހަތުން ދާން އެނބުރި މަގަށް ނިކުތީ ހަލުވި ފިޔަވަޅުތަކެއްގައެވެ.

އެދުރުބެ ގެއަށް ކިޔަވަން ދާން ކަމަށް ބުނެ ނުކުތް ކަމަނަ ވަލުތެރެއާ ދިމާއަށް މިސްރާބު ޖެހިތަން ފެނުމުން ބަދުރަށް ހައިރާން ކަމެއް ލިބުނެވެ. ދޮގު ހަދާފައި ކަމަނަ ވަލަށް ވަންނަން ޖެހުނު ސަބަބެއް އޮޅުން ފިލުވަން ބަދުރު ބޭނުންވިއެވެ. ވަލުތެރެއަށް ވަދެވަދެ ހުރި ކަމަނަ ހުއްޓުވަން ބަދުރު އަޑުގެ ނެތްތަނަށް ގޮވާލިއެވެ.

ކުރިއަށް ގޮސްގޮސް ހުރި ކަމަނައަށް އޭނާގެ ބައްޕަ ގޮވާލި އަޑު ކަންފަތުގައި ޖެހުނު ކަހަލަ އިހްސާސެއް ކުރެވި ފަސް އެނބުރި ބަލާލާ ކަހަލަ ގޮތަކަށް ބަލާލިއެވެ. ކަމަނައަށް ފެންނަ ހިސާބުގައި އޭރު ބަދުރު ހުރެ އަތްހަނާއަޅާ ވާހަކަ ދައްކަމުންދިޔައެވެ. ނަމަވެސް ކަމަނައަށް ބަދުރު ނުފެންނަ ކަހަލައެވެ. ވަށައިގެން އެ ސަރަހައްދަށް ކަމަނަ ބަލާލީ ދެބުމަ ގޮށްޖަހައިގެން ހުރެއެވެ. އަނެއްކާވެސް ކަމަނަ އެނބުރި ވަލުތެރެއާ ދިމާއަށް ހިނގައިގަތެވެ. އެހިސާބުން ކަމަނައަށް ބަދުރު ނުފެންނަކަން އޭނާއަށް ޔަގީންވިއެވެ.

ގަސްތަކުގެ އެތެރެއަށް ވަންނަމުން ދިޔަ ކަމަނައަށް ގޮސް ހުއްޓުނީ ފުރެންދެން މާ އަޅާފައިވާ އުނިގަސް ކައިރިއަށެވެ. އޭނާ އެހިސާބަށް އެރި ތަނުން އެ ގަހުގެ އޮފިގަނޑެއްގައި އިން މަލެއް ވެއްޓުނީ ސީދާ ކަމަނަ ހިފަހައްޓައިގެން ހުރި ފިލާގަނޑުގެ މައްޗަށެވެ. ވީ އުފަލުން ކަމަނަ ހިނިގަނޑެއް ޖަހާލަމުން އެގަހާ ދިމާއަށް ބަލާލީ މައުސޫމް ގޮތަކަށެވެ. ގަހުން ވެއްޓުނު މަލުން ވަސްބަލާލުމަށްފަހު އިސްތަށިގަނޑުގައި އެމާ ހަރުކޮށްލިއެވެ.

ކުރިއަށް ދާން އުޅެފައިވެސް ކަމަނަ ފިޔަވަޅު މަޑުކޮށްލަމުން ގަހުގައި އަޅާފައި ހުރި މާތަކަށް އޭނާ ބަލާލިއެވެ. އަތުން ހިފަހައްޓައިގެން ހުރި ފިލާގަނޑު ގަސްދޮށުގައި ބޭއްވުމަށް ފަހު ކަމަނަ އެގަހުން މާ ބިންނަން ކޮރާލިއެވެ. އަތް ނުފޯރާތީ އޭނާ ފުންމާލިއެވެ. އެތަނުން މަލެއް ބިނދެވުމާއެކު ވީ އުފަލުން އަނެއްކާވެސް އޭނާ ހިނިގަނޑެއް ޖަހާލިއެވެ.

ބަދުރުގެ ދަރިފުޅުގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމަށް ބަލަން ހުރި އިރު ބަދުރުގެ މޫނު މައްޗަށްވެސް އުފާވެރިކަން ފާޅުވެގެން ދިޔައެވެ. ނަމަވެސް ދެން އޭނާގެ ސަމާލުކަން ދިޔައީ ވަލުތެރޭގައި ހުރި ޖިފްޓިގެއިން ނުކުތް ފިރިހެން މީހާ އަށެވެ. ކަމަނަ ފެނިގެން އެދިމާއަށް އޭނާ އަންނަ ތަން ފެނުމުން ބަދުރު ނުތަވަސްވިއެވެ.

އަނެއްކާވެސް މަލެއް ބިންނަން ކަމަނަ ކޮރާލިއެވެ. ކަމަނައަށް ނޭނގޭގޮތަށް ފަހަތުން އައިސް އެ ފިރިހެން މީހާ ކަމަނަގެ ބުޑުމަތިން ދެއަތް ވަށާލައި ބާރުކޮށްލަމުން އޭނާ ބިމުން މައްޗަށް އުފުލާލިއެވެ. ސިހިފައި ކަމަނަ ތެޅިގަތް އިރު އެމީހާގެ އަތުގައި ވަކި އަޅާ އެމީހާގެ އަތްދަށުން ސަލާމަތް ވާން ތެޅިގަތެވެ. ގަދަ ހަދަން ކަމަނަ ހަތަރެސްފަޔަށް ލުކި ޖެހި ވަގުތު އެ ފިރިހެންމީހާގެ ދަށްބަނޑުކޮޅުގައި ޖެހި އެމީހާއަށް އަނިޔާވިއެވެ. ވީތަދުން އައި ރުޅީގައި ކަމަނަ އެއްފަރާތަކަށް އެމީހާ ހޫރާލިއެވެ.

މަންޒަރު ބަލަން ދުރުގައި ހުރި ބަދުރު ކުރިއަށް ފިޔަވަޅު އަޅަމުން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތީ އޭނާގެ އަންހެން ދަރިފުޅުގެ ގަޔަށް ބޮލަށް އަރަން އުޅުނު މީހާއާ ދިމާއަށް އެއްޗެހި ކިޔަމުންނެވެ. ނަމަވެސް އޭނާއަށް އެހުރި ހިސާބުން އެންމެ ތަންކޮޅެއްވެސް ކުރިއަކަށް ނުދެވުނެވެ. އަދި އޭނާ ލެވި ހަޅޭކުގެ އަޑު އެތަނުގައި ތިބި އެކަކަށްވެސް ނީވުނެވެ. ކުރިއަށް ދާން އުޅުނު ނަމަވެސް އެ ދެމެދުގައި ނުފެންނަ ފަށަލައެއް ވާ ކަހަލައެވެ. ބަދުރަށް އެ ފަށަލަ ފޫއަޅުވާފައި ދެވޭ ގޮތެއް ނުވެ އެ ހުރި ތަނަށް ތިރިވީ އަމިއްލަ މީހާގެ ބަލިކަށިކަން ހިތަށް ވެރިވުމުންނެވެ. ޖިފްޓިގެ ތެރެއިން އިތުރު ދެމީހަކު ނުކުތް ތަން އެވަގުތު ބަދުރަށް ފެނުނެވެ. އެމީހުންގެ ފަރާތުން ކަމަނައަށް ހިމާޔަތެއް ލިބޭނެ ކަމަށް ބަދުރަށް އުންމީދު ކުރެވުނެވެ.

ބިންމަތީ ވެއްޓިފައި އޮތް ކަމަނައަށް ބަލާލަމުން މީ އެއްކަލަ މަންޖެދޯ އެތަނުން އެކަކު ބުންޏެވެ. ދަށްބަނޑުގައި އަތް އަޅައިގެން ގުދަށް އޮތް އަލީ ތެދުވަމުން ކަމަނަ ގާތަށް ޖެހިލިއެވެ. ބިރެއް ފެނިގެން ކަހަލަ ގޮތަކަށް އަލީއާ ދިމާލަށް ކަމަނަ ބަލަހައްޓައިގެން އޮތީ ދެބުމަ ގޮށްޖަހައިގެންނެވެ. "ކަމަނާ އަފިރިންނާ އިންނަންވީނު... ވަރަށް އުފަލުގަ ގެންގުޅޭނަން. ތިއާ ހިނިގަނޑު އަފިރިންނަށް ވަރަށް ކަމުދޭ.... ރައިވަރު ކިޔާ ގޮތްވެސް ވަރަށް ކަމުދޭ..."

އަލީ އެދުނީ ކަމަނަ ގާތު އޭނާއާ ކައިވެނި ކުރާށެވެ. ރުޅި އައިސް ރަތްވެފައި އޮތް ކަމަނަ އަލީގެ މޫނަށް ކުޅުޖެހިއެވެ. "ނޫޅެން އިންނާކަށް. އަފިރިން އިންނާނީ އައްޕަ ބުނާ މީހާކާ... އައްޕަ ކައިރީ އަލީ އުނދަގޫ ކުރާ ވާހަކަވެސް ބުނާނަން. މުޅި ތަށުތެރޭ މި ވާހަކަ ދައްކާނަން"

ކަމަނަގެ ފަރާތުން ލިބުނު ޖަވާބާއެކު އަލީ ރުޅި ގަދަވިއެވެ. އޭރުވެސް އޭނާގެ ދަށްބަނޑުކޮޅުގައި ތޫނު ތަދެއް ހުއްޓެވެ. އަލީއަކީ އެރަށުގެ އާރާއި ބާރު އޮތް އާއިލާއެއްގެ މީހަކަށް ވުމުން އޭނާއަށް ދެރަ ބަހެއް މީހަކު ބުނާކަށް ބޭނުމެއް ނުވެއެވެ. އަދި އޭނާގެ އަބުރު ކަތިލެވޭކަށްވެސް ބޭނުމެއް ނުވެއެވެ. ބިންމަތީ ވެއްޓިފައި އޮތް ކަމަނަގެ އިސްތަށިގަނޑުގައި ހިފާ ދަމާ ކޫއްތަމުން އޭނާ ގިފްޓިގެއާ ދިމާއަށް ގެންދިޔައީ ކަމަނައާ ދިމާއަށް އެއްޗެހި ކިޔަމުންނެވެ. މަދަދަށް އެދި ކަމަނަ ހަޅޭއްލަވާ ރޮއެ ހެދި އިރު އެތަނުގައި ދެންތިބި ދެ މީހުން ކަމަނައަށް އެހީވާކަށް ގާތެއް ނުވިއެވެ.

ކަމަނަ ލައިގެން ހުރި އަންނައުނު ވީދާލާ އޭނާގެ ގައިމައްޗަށް އަލީ ޖެހިގަތީ ޝިކާރަކުރަން ނުކުމެ އުޅޭ ސިންގާއެއް ފަދައިންނެވެ. ކަމަނަގެ އާދޭހާ ރުއިމުގެ އަޑަށް ފަރުވާލެއް ނުބަހައްޓާ އޭނާގެ ބޭނުން ފުއްދާލިއިރު އެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. މަންޒަރުބަލަން ދުރުގައި ތިބި އަލީގެ ދެ އެކުވެރިންވެސް އޭނާއާ ބައިވެރިގެން ކަމަނަގެ ހަށިގަނޑުގައި ވަކިތައް ހިއްޕާލީ ޖިންސީ އެދުންވެރިކަން ފުއްދުމުގެ ދަހިވެތި ކަމުގައެވެ.

އެ މަންޒަރު ބަލަން ދުރުގައި އިން ބަދުރު ރޮއެ ހަޅޭއްލަވާ ހެދިއިރު އޭނާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. އަމިއްލަ ދަރިފުޅު ސަލާމަތް ކުރަން އޭނާއަށް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ. އެދުވަހު އޭނާ އެ މަންޒަރު ދައްކުވައިދިނީ ހުވަފެނުގެ ޒަރީއާއިން ސިހުރު ބޭނުންކޮށްގެން އޭނާ ކުރިމައްޗަށް ފާޅުވި ޖިންނި، ދޮން ކަމަނަގެ ބާރުންނެވެ.

*** *** *** *** *** ***

ވަލުތެރެއިން ނުކުމެވޭތޯ އެތައް އިރަކު ތައްކާނުމެން މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުންނަށް ނުކުމެވޭ ގޮތެއް ނުވިއެވެ. ދުވަމުން ދުވަމުން ގޮސް އެމީހުންނަށް ކޮންމެ ފަހަރަކު ނުކުމެވެނީ އެއް ދިމާއަކަށެވެ. އުނިގަހާ ހަމައަށް އައިސް އެމީހުންނަށް ނުކުމެވުނު މީ ތިންވަނަ ފަހަރެވެ. ކޮންމެ ފަހަރަކުވެސް އެއްދިމާއަކަށް އެމީހުންނަށް ނުކުމެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ދީދީ ގަބޫލު ކުރިއެވެ.

ހަދާނެ ގޮތް ހުސްވެފައިވާ ހާލުގައި ދީދީ އެގަސް ބުޑުގައި އިށީނެވެ. އަދި އޭނާ ބޮލުގައި ދެއަތުން ހިފާ ބާރުކޮށް ހަޅޭއް ލަވައިގަތެވެ. "އަފިރިންގެ ކަންފަތުގައި އެ އަޑު ހުންނަނީ ހަރުލާފަ...."

ދީދި ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދެމުން ކާސިމް އައިސް އޭނާގެ މަގަތުގައި އިށީނެވެ. އަދި ދީދީއަށް އިވެނީ ކޮން އަޑެއްތޯ އޭނާ އަހާލީ އެއީ ކާސިމަށް ވެސް އިވެމުންދިޔަ އަޑުތޯ ޔަގީން ކުރާށެވެ. ކާސިމާ ދިމާއަށް ދީދީ ބަލާލިއިރު އޭނާގެ ލޯ މައްޗަށް އެ ދުވަހު ކަންތައް ވީ ގޮތް ސިފަވެގެން ދިޔައެވެ.

"ކަމަނަ... ކަމަނަ މަރުވީތަ؟ ދެން ކިހިނެއް ހަދާނީ... މީހަކު މަރައިފިއްޔާ މަރަށް މަރު... އެއީ ހުކުމަކީ... ދެން ދެން ކިހިނެއް ހަދާނީ..." ކާސިމް ހާސްވެފައި ހުރެ ވާހަކަ ދެއްކީ ދީދީއާއި އަލިތައްކާނު ކައިރީގައެވެ. އެމީހުންގެ ކުރިމަތީގައި އެއްވެސް ފޭރާމެއް ނެތް ހާލުގައި އޮތް ކަމަނަގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތް ކަހަލައެވެ.

"އެޔަ މަރެއް ނުވޭ.... ބަލާބަލަ..." ކަމަނަގެ އިނގިލިތައް ހަރަކާތްކޮށްލި ތަން ފެނުމުން ދީދީގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އަލި ތައްކާނަށް އެކަންވީ ބޮޑު ހާސްކަމަކަށެވެ. ކަމަނަ ސަލާމަތުން ހުރެއްޖެ ނަމަ އޭނާގެ އަބުރު ވެއްޔާ މޮޑެވޭނެއެވެ. އޭނާ ކުރި ކަންތައް މުޅި ރަށުތެރޭ އެންމެން ކައިރީ ކިޔަމުން ކަމަނަ ދުވާނެއެވެ.

ޖިފްޓި ގޭތެރޭގައި ހުރި ފުޅި ބައްތަ ނަގާ އޭގާއި ހުރި ކަރާސީނު ތަކާއެކު ކަމަނަގެ ގައިމައްޗަށް އޭނާ އެ ތަޅާލަމުން ފަހަތަށް ޖެހުނެވެ. މަންޒަރު ބަލަން ތިބި ކާސިމާއި ދީދީއަށް އެކަމެއް ނުހުއްޓުވުނެވެ. ކަމަނަގެ ހަށިގަނޑުގައި އަލިފާން ރޯވެ އަނދަމުން ދިޔަ އިރު އެ ތިން މީހުން ތިބީ އެތަނުގައި މަންޒަރު ބަލާށެވެ.

*** *** *** *** *** ***

ގަސްބުޑުގައި ތިބި ތިން މީހުންނަށް ސިހުމެއް ލިބުނީ އެމީހުން ތިބި ދިމާއަށް ބަޔަކު އަންނަ ތަން ފެނުމުންނެވެ. ފާނޫޒުތައް ހިފައިގެން ރަށުގެ ރައްޔިތުން ވަލުތެރެއަށް ވަދެގެން އަންނަ ތަން ފެނުމުން އެ ތިން މީހުންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

އެ ހިސާބަށް އައިސް ހުއްޓުނު އެންމެން ތައްކާނާއި ދީދީ އާއި ކާސިމްމެން ތިބި ހާލު ފެނި އެމީހުންނާ ދިމާއަށް ބަލަހައްޓައިގެން ތިބީ ހައިރާންވެފައެވެ. އެމީހުން ބަލަން ތިބި ގޮތުން ތައްކާނަށް އޭނާގެ ހަށިގަނޑަށް ބަލާލެވުނެވެ. އެނާ ހުރީ ކިލައާއި ކިސަޑުން ތަތްތެޅިފައެވެ. ހައިރާންވެފައި ހުރެ ތައްކާނު އޭނާގެ އެކުވެރިންނާ ދިމާއަށް ބަލާލިއެވެ. ދީދީއާއި ކާސިމްވެސް ތިބީ އެފަދަ ހާލެއްގައެވެ.

އެތަނަށް އައި ރަށުގެ ފިރިހެންވެރިން އެމީހުން ތިބި ގަސްބުޑާ ދިމާއަށް ފާނޫޒުން އަލިކޮށްލިއެވެ. އެތަނުން އެކަކު ކުރިއަށް ޖެހި ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ފެނުނު މަންޒަރުން ޝަހާދަތް އިނގިލި ނަގާ ތުންފަތުގައި ޖައްސާލިއެވެ. "އަސްތަގުފިރުﷲ"

ތިން މީހުންނަށް ވެސް އެހިސާބުން އުނިގަހުގެ ބުޑުގައި ކޮނެފައިވާ ވަޅުގަނޑާ ދިމާއަށް ބަލާލެވުނެވެ. އެ ވަޅުގަނޑުތެރޭގައި އޮތީ އަނދާފައި އޮތް ތިން ގަބުރެވެ. ހަށިގަނޑުގެ ބޮޑުބައި އަނދާފައި އޮތް ނަމަވެސް އެއީ ކޮންބައެއްކަން ދެނެގަންނަން އެމީހުންނަށް އެނގުނެވެ. ކާސިމާ ތައްކާނާއި ދީދީއަށް އެއްފަހަރާ ހަޅޭއްލަވައި ރޮއެގަނެވުނެވެ. އެމީހުންގެ ތިން ދަރިން އެއޮތީ އަންދާލާފައެވެ.

*** *** *** *** *** ***

ހަށިގަނޑުގައި ބީހިލި ވައިރޯޅިން ހީކަރުވާގޮތްވެ ބަދުރަށް ލޯ ހުޅުވާލެވުނީ އޭނާގެ ދަރިފުޅު ގޮވާލިހެން ހިވުމުންނެވެ. އޮތްތަނުން ބޯހިއްލާލަމުން ރަށާ ދިމާއަށް އޭނާ ބަލާލީ އަޑު އައީ އެ ދިމާލުން ހެން ހީވުމުންނެވެ. އޭރު އެ ދޯނި ވަނީ އެ ރަށާ ވަރަށް ދުރަށް އާދެވިފައެވެ.

ކިރިއާ ލޮލުކޮޅަށް ފެންނަން އޮތް ރަށާ ދިމާއަށް ބަލަން ހުރި ބަދުރަށް ކުރެވުނީ ވަރަށް ތަފާތު އިހުސާސެކެވެ. ދަތުރަށް ފުރަން އޭނާ ގެނައި ސާމާނުތައް ހާވާލުމަށްފަހު ފޮތިބޮނޑި ތެރެއަށްލީ ފިލާގަނޑު ނަގާ އޭގައި ފިރުމާލިއެވެ. ދެލޯ މަރާލި ވަގުތު ކަމަނަގެ ހަށިގަނޑަށް އެމީހުން ހެދި ގޮތް ސިފަވެގެން ދިޔައެވެ.

ކަމަނަގެ ހަށިގަނޑު އަންދާލުމަށްފަހު އެމީހުން އެ އުނިގަސް ބުޑުގައި ވަޅުލީ އެމީހުން ކުރި ކުށް ފޮރުވާށެވެ. ބަދުރަށް އެމީހުން ކުރި ކަންތައް އެނގުނު ނަމަވެސް އެކަން ސާބިތުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތްކަން އެނގުނެވެ. އެނާ ދައްކާ ވަހާކަ އެރަށު މީހުން ގަބޫލު ނުކުރާނެ ކަންވެސް އެނގެއެވެ. އެހެންކަމުން ކަމަނަގެ ހަށިގަނޑު ވަޅުލި ތަނުން އޭނާ ނަގާ ފޮރުވިއެވެ. ކުށެއް ނެތް އޭނާގެ ދަރިފުޅަށް އެމީހުން ދިން އަނިޔާގެ ބަދަލު ހިފަން އެދުވަހު ބަދުރު އަޒުމް ކަނޑައެޅިއެވެ.

ކަމަނައަށް އެމީހުން ހެދި ގޮތް ފެނުމުން ބަދުރުގެ މަގްސަދަކަށް ވެގެން ދިޔައީ އެ ގާތިލުންނަށް ބަދުރު ތަހައްމަލު ކުރިފަދަ ވޭނެއް ދިނުމަށެވެ. އެމީހުންގެ ދަރިންނަކީ ވެސް ކަމަނަ ފަދަ ކުށެއް ނެތް ބައެއްކަން އޭރު ބަދުރުގެ ވިސްނުމަކަށް ނާދެއެވެ. ނަމަވެސް ކަމައަށްޓަކައި އޭނާއަށް ދުއްވާލެވުނީ ކުށެއްނެތް މައުސޫމް ތިން މީހުންގެ ފުރާނައެވެ.

އަނެއްކާވެސް ބަދުރުގެ ކަންފަތުގައި ޖެހުނީ "އައްޕާ" އޭ ކިޔާފައި ކަމަނަ ގޮވާލި އަޑެވެ. މި ފަހަރު ބަދުރު ތެދުވެގެން ގޮސް އެ ދޯނީގެ ވަތުތެރެއަށް ގުދުވެ ބަލާލިއެވެ. ވަތުތެރޭގައި އޮތް ހުދު ފޮތިގަނޑު ހަވާލަމުން ބަދުރު ތެޅިގަތެވެ. ކަމަނަގެ ހަށިގަނޑު ފޮރުވަން އޭނާ ލީ އެ ދޯނީގެ ވަތަށެވެ. ނަމަވެސް އެތާކު މިހާރު ކަމަނައެއް ނެތެވެ.

އަނެއްކާވެސް ބަދުރަށް ކަމަނަ ގޮވާލި އަޑު އިވިއްޖެއެވެ. ވަށައިގެން ބަދުރު ބަލާލިއެވެ. މޮޔައެއް ހެން ކަމަނައަށް އޭނާ ގޮވަން ފެށިއިރު އެދޯނި ކައިރިން ރެދަންތައް ފާޅުވިއެވެ. އެ ސަރަހައްދުގައި ދުންފިނި ބޯވެ ވަށައިގެން ފެންނަމުން ދިޔަ މަންޒަރު ފުސްވިއެވެ.

ކުއްލިއަކަށް ދޯނީގެ އަރިމަތީގައި އެއްޗެއް ޖެހުނު އަޑަށް ބަދުރު ދިޔައީ ސިއްސައިގެންނެވެ. އޭރު އެ ދޯނީގެ ވަށައިގެން އެކި ދިމަދިމާލުން ސަންދޯއްތައް ފާޅުވާން ފަށައިފިއެވެ. ރެދަންގެ އަލިކަމުގެ ތެރެއިން މޫދުގެ އަޑިން މުރަކަތަކާއި މަސްތައް ސާފުކޮށް ބަދުރަށް ފެނުނެވެ. ނޫ އަލިކަމުގެ ތެރެއިން މުރަކަތަކުގެ ތެރޭގައި ތާށިވެފައި ތިބި ގަބުރުތައް ފެން މައްޗަށް އަރަންފެށިތަން ފެނުމުން ބަދުރު މޫދުގެ ތެރެއަށް ބޯކޮއްޕާ ރަނގަޅަށް ބަލާލިއެވެ. އޭނާއަށް ކަމަނަ ފެނުނުހެން ހީވިއެވެ. މަދަދަށް އެދި އަތް ހަނާ އަޅާމުންދިޔައީ އޭނާގެ ދަރިފުޅު ކަމަށް ގަބޫލު ކުރެވުނެވެ. ކަމަނައަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ހުރި ބަދުރު ބަލާކަށް ނުހުރެ ކަނޑަށް ފުންމާލިއެވެ.

(ނިމުނީ)