ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ވޯޓާއެކުއެވެ. މި ބިލް ފާސްކުރީ، ކައުންސިލަރުންގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ސުޕްރީމް ކޯޓުން ލަފާ ދިނުމާއެކު މިދިޔަ ހުކުރު ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި މުޅި މަޖިލިސް ކޮމިޓީއަކަށް ހަދައި ބަހުސް ކުރުމަށްފަހުއެވެ.

އެގޮތުން އެކުލަވާލި ކޮމިޓީގައި ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް، ކޮމިޓީން ގެނައި އިސްލާހާއެކު ކޮމިޓީން ފާސްކުރީ، 63 މެންބަރުންގެ ވޯޓާއެކުއެވެ. އަދި އެއަށްފަހު ކޮމިޓީން ނިންމި ގޮތަށް ވެސް މަޖިލީހުން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.

ކޮމިޓީ މަރުހަލާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ދެ އިސްލާހެއް ހުށަހަޅުއްވާފައެވެ. އެއީ ބިލުގެ 1 ވަނަ މާއްދާ އުނިކޮށް، 1 ވަނަ މާއްދާގެ ގޮތުގައި މާއްދާގެ ގޮތުގައި، ގާނޫނުގެ 3 ވަނަ މާއްދާގެ ފަހަތައް މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން 3.1 ގައި ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ބ)ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް އާޒިމް ހުށަހެޅުއްވިއެވެ. އެއީ:

  • 3 ޖޫން 2017ގައި އިންތިހާބުވެފައިވާ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ އިންތިހާބު ބާއްވާ އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެން މިހާރު އިންތިހާބު ކޮށްފައިވާ އަދި މަގާމުގައި ދެމިތިބި ކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަގާމުގައި ދެމިތިބޭނެ،
  • އަދި މި އިންތިގާލީ މުއްދަތުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު، އެ މެންބަރުން އަމަލުކުރާނެ އިންތިގާލީ އުސޫލުތައް މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށެވެ.

މި އިސްލާހުތަކާއެކު ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް ފާސްކޮށް، ގެޒެޓުގައި ޝާއިއު ކުރާ ހިސާބުން، ކައުންސިލްތަކުގެ ދައުރު ދިގުވީއެވެ.