ގާނޫނު އަސާސީ އަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނޫ އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފިއެވެ.

ސުޕްރީމް ކޯޓުން މިފަދައިން ލަފާ ދީފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވުމުން ކުރިމަތިވާ ގާނުނީ ހުސްކަން ފޫބެއްދުމަށެވެ.

ލަފާގައި ބުނެފައިވަނީ ކައުންސިލަރުންގެ ދައުރު ދަންމަން މިހާރު ހުށަހަޅާފައިވާ ގޮތަށް، ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނައުމަށެވެ. ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގުސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށް އެ ލަފާގައި ބުނެފައިވެއެވެ.

މިފަދައިން ގެންނަ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ދުވަހުން ފެށިގެން މިހާރު ތިބި ކައުންސިލަތުންގެ މަގާމު، އިންތިހާބު ފަސްވިޔަސް ދެން އިންތިހާބެއް ބޭއްވެންދެން ދެމި އޮންނާނެކަން ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ލަފާގައިވެއެވެ. އަދި މިދިޔަ އޭޕްރީލް 4 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ނިންމި އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ، އާ އިންތިހާބެއް ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫނުބެއްދޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

މިި ލަފާ އަރުވާފައި ވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އާދަމް ހިމެނޭ ގޮތަށް 5 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އޭގެ ތެރޭގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު އައްޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުސްނުއް ސުއޫދު ހިމެނެއެވެ.

މިކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ހުށަހަޅާފައި ވަނީ ކައުންސިލަރުންގެ ދައުރު އިތުރުކުރަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ މައްސަލާގައި ހިޔާލު ތަފާތުވުން ބޮޑުވުމުންނެވެ.