"މަރުވީ ކިހާ މީހުންނެއް ކަމެއް ބުނާކަށް އެކަކަށްވެސް ނޭނގޭ. ފަހަރެއްގައި 50، ނުވަތަ އެއަށްވުރެ ގިނަވެސް ވެދާނެ"
ހާދިޒާ ބޭގަމް

އުމުރުން 50 އަހަރުގެ ހާދިޒާއަކީ މެލޭޝިއާއަށް އެތެރެވުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، ކަނޑުމަތީގައި ހާލުގައިޖެހި 2 މަސްދުވަސް ފާއިތުވީ ފަހުން ބަންގްލަދޭޝްއިން ސަލާމަތްކުރި 396 ރޯހިންޏާ މުސްލިމުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

މި ދުވަސްވަރު މަރުވެދިޔަ މީހުންގެ އަދަދު، ހާދިޒާ އަންދާޒާ ކުރީ އޭނާގެ ދަރިފުޅު އިމާމުވެ ކޮށްދިން ކަށުނަމާދުތަކުގެ އަދަދަށް ވިސްނައިގެންނެވެ.

ހާދިޒާއަކީ މިޔަންމާގައި ހިންގަމުންދާ ޖަރީމާތަކުން ސަލާމަތްވުމަށް އަމިއްލަ ވަޒަން ދޫކޮށް، އުޖާލާ މުސްތަގުބަލެއް އެދިގެން ރެފިއުޖީއެއްގެ ހާލުގައި ދަތުރުފެށި އުއްމީދީ ހިތެއްގެ ވެރިއެކެވެ. އިންސާނުންގެ ވަގުފާރީގެ ޝިކާރައަކަށްވެ، ދާން އެދުނު މަންޒިލާ ހަމައަށް ނުދެވުނު މީހެކެވެ.

ހާދިޒާ ބޭގަމް ދަތުރުކުރަމުންދިޔަ ބޯޓު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ކުރެހުމެއް/ފޮޓޯ: ލޫ ޔޭންގް

އަވަށްޓެރި ބަންގްލަދޭޝްއިން ހާދިޒާއަށް ހިމާޔަތް ދިނީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ރެފިއުޖީ ކޭމްޕުންނެވެ. ކޮކްޒް ބާޒާރޭ ކިއުނު ސަރަހައްދުގައި އޮތް ރެފިއުޖީ ކޭމްޕުގެ އާބާދީގައި މިހާރު މިލިއަނެއްހާ ރޯހިންޏާއިން އެބަތިއްބެވެ. މި ކޭމްޕުގައި ހުރި ކޮންމެ މީހަކީވެސް ހާދިޒާ ފަދައިން ފޮނި ހުވަފެންތަކެއް ދެކި، ބޭ އޮފް ބޭންގޯލް ކަނޑަށް އެ ހުވަފެންތައް ގަރަގުވެ ގޮސްފައިވާ މީހެކެވެ.

ހާދިޒާގެ ހުވަފެން ނިމުމަކަށް އައި ނާމާންކަމާ ބިރުވެރިކަމުގެ ތެރެއިންނެވެ.

އޭނާ ދަތުރުކުރަމުންދިޔަ ބޯޓުގެ ފަޅުވެރިން ނުވަތަ އިންސާނީ ވަގުފާރީގެ ޖިނާއީ ޖަރީމާ ހިންގަމުންދިޔަ މީހުން، ތޮއްޖެހިފައި އޮތް ބޯޓުގައި މަރުވެދިޔަ މީހުންގެ ވާހަކަ ސިއްރު ކުރަން އުޅުނު ގޮތް ހަދިޒާ އަދިވެސް ހަނދާން ހުރެއެވެ.

"ބޯޓުގެ 2 އިންޖީނުވެސް ހުންނާނީ ހިންގާފަ. އެއީ ބޯޓުން ބޭރަށް އެއްލާލާ ގަބުރު ގޮސް ލޮނުގަނޑުގައި ޖެހޭއިރު އިވޭ އަޑުފަށްގަނޑު އެހެން މީހަކަށް އިވިދާނެތީ"
ހާދިޒާ

ހާދިޒާ ބޭގަމް ދަތުރުކުރަމުންދިޔަ ބޯޓު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ކުރެހުމެއް/ފޮޓޯ: ލޫ ޔޭންގް

ހާދިޒާ ކިޔައިދިން ގޮތުގައި ހުރިހާ ގަބުރެއްވެސް "ނައްތާލަނީ" ރޭގަނޑުއެވެ. އަދި އޭނާ އަށް އެނގިގެން 14-15 ވަރަކަށް އަންހެނުންވެސް އެ ބޯޓުގައި މަރުވެދިޔަ ކަމަށް ހާދިޒާ ބުނެއެވެ. މިތަނުން އެކެއްގެ މަރަކީ މިހާރުވެސް ހަދިޒާގެ ހިތަށް ދަތިކުރުވާ މަރެކެވެ. އެމީހަކީ ބޯޓުގައި ހަދިޒާއާއި ޖެހިގެން އިން މީހެކެވެ. ފެނަށްޖެހި ހަށިގަނޑުން ފެން ހުސްވެ، ވާހަކަވެސް ނުދެއްޖޭ ހާލަތަކަށް އެމީހާ ދިޔައެވެ. އަދި އާދަޔާ ހިލާފު ގޮތްތަކަށް އުޅެންފެށި ކަމަށްވެއެވެ. ބޯޓުގެ ކުރޫއިން އެ އަންހެން މީހާ ގެންދިޔައީ ބޯޓުގެ މަތީ ޑެކަށް ކަމަށާ، އޭނާ މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލީ އެތަނުގައި ކަމަށް ހާދިޒާ ބުނެއެވެ.

"އެ މަރު ފެނި، އަދިވެސް ބިރު ގަނޭ. އޭނާ މަރުވެދިޔައީ އަހަރަމެންގެ ލޯ ކުރިމަތީގަ"
ހާދިޒާ

މަރުވި އެ އަންހެން މީހާއަކީ 4 ދަރިންގެ މައެކެވެ. އެންމެ ދޮށީ ދަރީގެ އުމުރަކީ އެންމެ 16 އަހަރެވެ. މަންމަ ނިޔާވި ޚަބަރު އެ ކުއްޖާއަށް ދިނީ ހާދިޒާގެ ދަރިފުޅެވެ. މަންމައަށް ވީ ގޮތެއް އަނެއް 3 ދަރިންނަށް ނޭނގޭ ކަމަށާ، އެކުދިން ގިސްލަ ގިސްލާ ރޮމުން ދިޔަ މަންޒަރު ފެނި، ހިތް ފަޅައިގެން ދިޔަ ކަމަށްވެސް ހާދިޒާ ބުންޏެވެ. އެ އަންހެން މީހާގެ ހަށިގަނޑު ބޯޓުން ބޭރަށް އެއްލާލީ ވަގުތުން ވަގުތަށް ކަމަށްވެސް ހާދިޒާ ބުންޏެވެ.

ޚުދު ހާދިޒާއަކީވެސް 4 ދަރިންގެ މައެކެވެ. ގެދޮރު ނެތް، އުފަން ވަޒަނެއް ނެތް މީހަކަށް އޭނާ ހަދާލީ 2017 ވަނަ އަހަރުގެ ޖަރީމާގަނޑުގެ ތެރޭގައެވެ. މިޔަންމާގެ ރާހީން ސްޓޭޓްގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގި ނަސްލު ދޮވެލުމުގެ ގަތުލު އާންމުގައި، ހާދިޒާގެ ފިރިމީހާގެ އިތުރުން، ފިރިހެން ދަރިއަކުވެސް ވަނީ މަރާލާފައެވެ. އޭނާގެ މުޅި އަވަށް އަންދާ އަޅިއަށް ހަދާލިއެވެ. ކޮކްސް ބާޒާރުން ޖާގައެއް ހޯދުމަށް ހާދިޒާއަށް މަޖުބޫރުވިއެވެ.

ދޮށީ ދަރިފުޅު ކައިވެންޏަކަށް ދޫކޮށްލުމަށްފަހު ދެން ހުރި ފިރިހެން ދަރިފުޅާ އަންހެން ދަރިފުޅަށް އުޖާލާ ދިރިއުޅުމެއް ހޯދާ ދިނުމަށް ހާދިޒާގެ ހިތް ގޮވަމުންދިޔައެވެ.

"އުޅެމުންދިޔައީ ވަރަށް ދަތި ދިރިއުޅުމެއް. ރެފިއުޖީ ކޭމްޕުގައި ތިބެގެން މުސްތަގުބަލެއް ނުފެނުނު"
ހާދިޒާ

އުއްމީދު އާވާން ފެށީ ކަނޑު ހުރަސްކޮށް މެލޭޝިއާއަށް ބަދަލުވާ މީހުންގެ ވާހަކަތައް އިވުނު ހިސާބުންނެވެ. އަތުގައި ހުރި ހުރިހާ ޖަވާހިރެއް ވިއްކާލައިގެން ދަތުރަށް ބޭނުންވާ 750 ޑޮލަރު ހަމަޖެއްސިއެވެ.

ފެބުރުވަރީ މަހުގެ ރޭތަކުން ރެއެކެވެ. އޭނާ އުއްމީދު ކުރަމުންދިޔަ ކޯލު އައެވެ.

އޭނާގެ މަގުސަދަކީ ކޮބައިކަން އޭރުވެސް އޮތީ ސިއްރު ކޮށްފައެވެ. ކުޑަ ކޮތަޅުގަނޑަކަށް ހެދުން ކޮޅަކާ އަގުހުރި ބައެއް ސާމާނު އަޅައިގެން ދެ ދަރިންނާއެކު ހާދިޒާ ނިކުތެވެ. އެ ދަނީ ބޭސްފަރުވާއަކަށް ކަމަށް އަވަށްޓެރިން ގާތު ބުނުމަށްފަހު ގެ ތަޅުލާ، ރޭގަނޑުގެ އަނދިރި ކަމުގެ ތެރެއަށް ގެއްލުނީއެވެ.

ހާދިޒާ ބޭގަމް ދަތުރުކުރަމުންދިޔަ ބޯޓު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ކުރެހުމެއް/ފޮޓޯ: ލޫ ޔޭންގް

ހާދިޒާގެ އާއިލާއާއި ބައްދަލުކުރީ ފިރިހެނެކެވެ. އޭނާ އެ މީހުން ގެންދިޔައީ އެފަދަ އެތައް ސަތޭކަ ބަޔަކު ތިބި ގެއަކަށެވެ. އެއަށްފަހު އެ ގުރޫޕު އެއްކޮށް ބޯޓަކަށް އަރުވާ ބޭ އޮފް ބެންގޯލް ކަނޑުގައި ދަތުރު ފެށިއެވެ.

"އަހަރެން އެކަން ރާވަމުންދިޔަތަ އޭރު އެތައް މަހެއްވެއްޖެ. ރަނގަޅު ދިރިއުޅެއް އުޅެން އަހަރެންވެސް ބޭނުން. ފޮނި ހުވަފެންތަކެއް ދެކުނިން. އާ ގައުމެއްގައި، އާ ދިރިއުޅުމެއް އުޅެން އުއްމީދު ކުރިން"
ހާދިޒާ

2 ދުވަސް ފަހެވެ. އެހެން ބޯޓަށް ގުރޫޕު ބަދަލުކުރިއެވެ. އޭގައި އަދި އިހުނަށްވުރެ މީހުން ގިނައެވެ. ހާދިޒާ ކިޔައިދިން ގޮތުގައި އޭނާގެ ފައި ދަމާލާނެ ޖާގަވެސް އެ ބޯޓުގައި ނެތެވެ. ހާދިޒާ ލަފާކުރާ ގޮތުގައި އެ ބޯޓުގައި 500 އެއްހާ މީހުން ތިބޭނެއެވެ. ނަމަވެސް އެއީ އެއަދަށް މީހުން އުފުލޭ ވަރަށްވުރެ ކުޑަ ބޯޓެއްކަމަށް އޭނާ ބުންޏެވެ.

ބޯޓުގެ ކުރޫއިން ތިބެނީ މަތީ ޑެކުގައެވެ. މެދު ޑެކުގައި އަންހެނުން ތިބޭއިރު ފިރިހެނުން ތިބެންޖެހެނީ އެންމެ އަޑިއަށް އޮންނަ ބައިގައެވެ. އެންމެ ހައިރާންވާންޖެހޭ ކަމަކީ މި ބޯޓުގެ ކުރޫއިންނަކީ މުޅިންވެސް މިޔަންމާއަށް ނިސްބަތްވާ ބަރުމާ މީހުންކަމެވެ.

ހާދިޒާ ކިޔައިދިން ގޮތުގައި ދަތުރަށް ފެށިގެން އައިއިރު އޭނާ ބިރުގަތެވެ. ނަމަވެސް ދުވަސް ވަމުންދިޔަ ވަރަކަށް ހަމަޖެހެމުން ގޮސް، އަނެއްކާވެސް ފޮނި ހުވަފެންތަކުގައި އުޅެވެން ފެށިކަމަށް އޭނާ ބުންޏެވެ.

އުޖާލާ ދިރިއުޅުމެއް ހޯދުމަށް ބޯޓުގެ ތަކުލީފުތައް ތަހައްމަލު ކުރަމުންދިޔައެވެ. ނަމަވެސް ޒަރޫރީ ބޭނުންތައްވެސް އެ ބޯޓުގައި ފުދޭކަށް ނެތެވެ. ބޯފެނާ ނަރުދަމާގެ ކަންކަންވެސް އެކަށީގެންވާ ގޮތެއްގައި ހަމަޖެހިފައެއް ނެތެވެ. ފާހާނާ ކުރަންޖެހެނީ ދެ ފަރާތުގައި ދެ މަޅު އަޅައިގެން ކަނޑަށެވެ. އެ ބާގަނޑުން ކަނޑަށް ވެއްޓި ކުއްޖަކު މަރުވިކަމަށްވެސް ހާދިޒާ ބުންޏެވެ.

ހާދިޒާ ބޭގަމް ދަތުރުކުރަމުންދިޔަ ބޯޓުގައި އިމާމުވެ ކަށުނަމާދު ކުރަނީ އޭނާގެ ފިރިހެން ދަރިފުޅުކަން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ކުރެހުމެއް/ފޮޓޯ: ލޫ ޔޭންގް

ކަނޑުމަތީގައި އެ ވީ 2 މަސްދުވަހުގެ ތެރޭގައި ހާދިޒާ ފެންވެރީ އެންމެ 2 ފަހަރުއެވެ. ފެންވަރަން ފެން ނެގީ ކަނޑުންނެވެ. ފެންވެރީ އެތައް ބައެއްގެ ކުރިމަތީގައެވެ.

ގަދަ ތޫފާނީ ރޭތައްވެސް ކަޑަތުކޮށް 7 ދުވަސްފަހުން މެލޭޝިއާގެ މަލަމަތި ފެނުނުނެވެ. ރާވާފައި އޮތީ އިތުރު ބޯޓުތަކެއް އެމީހުން ބަލާ އަންނަ ގޮތަށެވެ. ނަމަވެސް އެ ބޯޓުތަކެއް ނައެވެ. ދުވަސްވަރަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ގަދަވެގެން އައި ދުވަސްވަރެވެ. މެލޭޝިއާގެ ކޯސްޓްގާޑުންވެސް ދިޔައީ ފޯރިމަރަމުންނެވެ. ވަގަށް އެތެރެވޭނެ ހުރިހާ މަގެއް ބަންދުވީއެވެ. މެލޭޝިއާއަށް ނުފޭބޭނެކަން ކައްޕިވެސް އެނގިއެވެ.

އޭރު ބޯޓުން ކާބޯތަކެތިވެސް ހުސްވަނީއެވެ. ދަތުރު މަތީގައި ދުވާލު ދެއިރު ބަތް ލިބުނެވެ. މުގުރިހަ ކޮޅަކާ ފެން ޖޯޑަކާވެސް އެކުގައެވެ. ނަމަވެސް، ފަހުން ފަހުން އައިސް އެވަރުވެސް ނުވިއެވެ. ބޯފެނަށް ޖެހުނެވެ. ބައެއް މީހުންނަށް ކެތް ނުވެގެން ލޮނުފެންވެސް ބޯންފެށިއެވެ. ފެން ހޯދާނެ ގޮތެއް ނެތިގެން ކަނޑުގެ ލޮނުގަނޑުގައި އަންނައުނު ފޯކޮށް، އެ ހެދުން އަނގަޔާ ދިމާކޮށްގެން ފެލަމުން ދިޔަ މީހުންވެސް ތިބިކަމަށް ހާދިޒާ ކިޔައިދިނެވެ.

މެލޭޝިއާއަށް ފޭބޭތޯ 2 ފަހަރެއްގެ މަތިން ހާދިޒާމެން މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވެ، ކަނޑުމަތީގައި ހާލުގައިޖެހުނެވެ. ދާނެ މަންޒިލެއް ނެތި އޮޔާ ދެމެމުންދާ ފަދައިންނެވެ. ނަމަވެސް އެ ހާލަށް ކެތް ނުވެގެން މިޔަންމާ ނުވަތަ ބަންގާޅުގައި ބޯޓު ބަނދަރުކޮށްދިނުމަށް ބައެއް މީހުން ކުރޫއިންގެ ކިބައިން އެދުނެވެ. ނަމަވެސް އެމީހުން ހައްޔަރުކޮށް ބޯޓު އަތުލަފާނެ ކަމުގެ ބިރަށް އެކަންވެސް ނުކޮށްދިނެވެ. މިހާ ހިސާބަށް އައިއިރު ރޭޕްއާއި އެފަދަ އެތައް މައްސަލައެއް ބޯޓުން ފެންމަތިވެއްޖެއެވެ. ހިންގި ހަމަނުޖެހުމެއްގައި ކުރޫއިންގެ މީހަކުވެސް މަރުވިއެވެ.

ދުވަސްކޮޅެއް ފަހުން އައި ކުޑަ ބޯޓެއްގައި ކުރޫއިން ފިލީއެވެ. ހާދިޒާމެން ފަދަ އެތައް ސަތޭކަ ބަޔަކު ކަނޑުމަތިވިއެވެ. ބޯޓުގައި ތިބީ އެންމެ 2 ކުރޫއިންނެވެ. އެ 2 މީހުންނާ، ބޯޓުގައި ތިބި މީހުންގެ މަސައްކަތުން ބޯޓު ދުއްވަމުން ދިޔައީ ބަންގާޅާ ދިމާލަށެވެ. ބަންގްލަދޭޝްގެ މަލަމަތި ހާދިޒާއަށް ފެނުނީ 2 މަހެއްހާ ދުވަސް ފަހުންނެވެ. ބަންގްލަދޭޝްގެ އާންމުންގެ ބަޔަކަށް ހާދިޒާ މެން ތިބި ހާލު ފެނި، ކަމާ ބެހޭ ފަރާތްތަކަށް އެންގިއެވެ.

ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ހާދިޒާ މެން ނަގާ، 2 ހަފުތާގެ ކަރަންޓީނުވެސް ފުރިހަމަކޮށްފިއެވެ. ކަރަންޓީނު ނިންމާ، ކޭމްޕުގެ ގެއަށް ދިޔައިރު އެ ގޭގައި މިހާރު ވަޒަންވެރިވެފައިވަނީ އެހެން އާއިލާއެކެވެ. މިއަދު އޭނާ ދިރިއުޅެމުންދަނީ ފިރިހެން ދަރިފުޅާ، އަންހެން ދަރިފުޅާއެކު ކުޑަކުޑަ ތަންކޮޅެއްގައެވެ. ނަމަވެސް އެނބުރި މިޔަންމާއަށް ދިއުމުގެ ނިޔަތެއް ނެތެވެ. އޭނާގެ ހުރިހާވެސް މެސެޖަކީ، އިތުރު މީހަކު އޭނާ ހެދި ފަދަ "ގޯހެއް" ނުހެދުމެވެ.