ގެއްލިފައިވާ ވަޒީފާތައް އަލުން އިއާދަކޮށްދިނުމާއި އިނދަޖެހިފައިވާ ވިޔަފާރިތައް ކޮޅަށް ޖެހުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ބިންގާ ކަމަށް މިނިސްޓާ އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިމުގެ ޖަމިއްޔާއިން އުފައްދާފައިވާ ކްރައިސިސް ކޮމިޓީން މިއަދު ބޭއްވި އެ ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު އަލީ ވަހީދަކީ ފަތުރުވެރިކަމުގެ ޖަމިއްޔާގެ ސައުތް އޭޝިއާ ރީޖަނަލް ކޮމިޝަންގެ ޗެއާއެވެ.
މި ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގައި މިނިސްޓަރު އަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ފައިސާއާއި ސިނާއަތުގެ މުވައްޒަފުންގެ ވަޒީފާ އަލުން އިއާދަ ކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.
އެގޮތުން އައިސްދާނެ ބަލީގެ ދެވަނަ ރާޅެއްގައި ވިޔަފާރިތަކާއި އިއާދަކުރެވޭ ވަޒީފާތައް ހިމާޔަތް ކުރުމަށް ފައިސާ ބޭނުންވާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ރާޅަކަށް ތައްޔާރުވުމުގެ ގޮތުން އިޖާދީ ކަންކަމާއި އާ ފަންނަނިއްޔާތުތަކުގެ މުހިންމު ކަމަށް ވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ.
މިނިސްޓަރު އަލީ ވަހީދު ވަނީ ބަލިން އަރައިގަނެ ބޯޑަރުތައް ހުޅުވައި އަލުން ދަތުރުފަތުރު ފެށުމަށް ފަތުރުވެރިކަމުގެ ޖަމިއްޔާގެ އިސްވެރިންނާއި އެހެނިހެން ގައުމުތަކުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބޯޑަރުތައް ހުޅުވާލުމަށްޓަކައި ހުރިހާ ގައުމަކުން ވެސް ރައްކާތެރިކަމަށް އިސްކަންދީގެން އެންމެންނަށް އެއްބަސްވެވޭ މިންގަނޑުތަކެއް ކަނޑައެޅުމަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވަނީ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައަޅާ އަންނަ ޖުލައި މަހުގައި ބޯޑަރުތައް ހުޅުވާލުމަށް ރާއްޖެއިން ތައްޔާރުވަމުންދާކަން ފާހަގަ ކުރައްވާފައެވެ. ހަމައެހެންމެ މި މިންގަނޑުތައް ކޮންމެ 14 ދުވަހަކުން ސިނާއަތުގެ މަސްލަހަތުވެރިންނާއި ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާގެ މަތިން މުރާޖައާކުރެވޭނެ ކަން މިނިސްޓަރި އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.
ކަލެއަށް ކުޑަ އެތިކޮޅެއް ދިނުމުން ފުދޭނެ ތިއަ އިއާދަ ނުކުރިއަސް