މާދަމާއިން ފެށީގެން ބުކްޝޮޕްތަކާއި ހާދްވެއާ ފިހާރަތައް ހުޅުވަން ހުއްދަ ދީފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މާދަމާއިން ފެށީގެން ލޮކޑައުން 14 ދުވަހަށް ދިގު ދައްމާލުމަށްފަހު ލޮކށްޑައުންގެ ހާލަތުގައި ލުއިތަކެއް ދޭން ނިންމާފައިވާ ަކަމށެވެ. އެ ގޮތުން ލޮކްޑައުންގައި ލުއިތައް ދޭނަ ނިންމާފައިވަނި ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި މާދަމާއިން ފެށިގެން ފުރަތަމަ ދެ ހަފްތާ އަދީ ފުރަތަމަ ފިޔަވަހި ކަމަށް އޭނާ ވިދާޅުވިއެވެ.
މާދަމާއިން ފެށިގެން ދެވޭ ލުއިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކުގެ ހިދުމަތްތައް ފުޅާކުރަން ރާވާފައިވާ ކަންކަމުގެ އަމީން ފާހަގަކުރެއްވިއެވެ. އެގޮތުން ސުޕަމާކެޓްތަކާއި، ބޭކަރީތަކާއި، ކަންމަތީ ފިހާރަތަކާއި، ފާމަސީތަކާއި ބުކްޝޮޕްތަކުގެ އިތުރުން ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތަކާއި ހާޑްވެއާ ފިހާރަތައް ހުޅުވުމުގެ ހުއްދަ ދެވިފަިއވާ ކަމަށް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން މޯބައިލް ފޯން ވިއްކާ ފިހާރަތަކާއި އިލެކްޓްރޯނިކް ސާމަނުތައް ވިއްކާ ފިހާރަތަކާއި، ކުޅޭ ސާމާނު ވިއްކާ ފިހަރަތަކާއި ފޮތި ފިހާރަތަކާއި، ރީތިވާ ސާމާނު ވިއްކާ ފިހާރަ އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފިހާރަތަަކަށް އޮންލައިންކޮށް ވިޔަފާރި ކުރުމާއި ޑެލިވާ ކުރުމަށް ފުރުސަތު ހުޅުވޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ޑެލިވަރީ ސާވިސް، އޮޓޯ މޯބައިލް، ކޮންސްޓަރްކްޝަން، އިލެކްޓްރޯނިކް ރިޕެއާ ވޯކްޝޮޕްތަކުގެ ހިދުމަތްތައް ދިނުމަށް މި ދުވަސްތަކުގައި ހުޅުވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި މަސްމާރުކޭޓުވެސް ހުޅުވޭނެ ކަަމަށް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ތެރެއިން އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި އަދި ވިޔަފާރިކުރުމަށް ދެވޭ ޖާގަ ދިނުމަށާއި ހާއްސަކޮށް މާލެ ސަރަހައްދުގައި ދަތުރުފަތުރުކުރުމަށް ދެވޭނެ ލުއި ދިނުމަށާއި އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް އޮތް ޖާގައިގެ މައްޗަށް ބަލާފައި ވާނެ ކަމަށެވެ.