ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ނިންމުމުން މެޖޯރިޓީގެ މައްޗަށް މައިނޯރިޓީން ކާމިޔާބު ހޯދައިފި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ވާނީ ސުޕްރީމް ކޯޓުގެ ލަފައަކާއެކު ކަމަށް ތަކުރާރުކޮށް ދަންނަވަމުން ދިޔަ ކަމަށެވެ. އަދި މިއަދު މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ފާސްކުރުމަކީ މެޖޯރިޓީގެ މައްޗަށް މައިނޯރިޓީން ހޯދި ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އެއީ ރައްޔިތުންގެ ހައްގުގައި ކުރި މަސައްކަތަށް ލިބުނު ނަސްރެއް ކަމަށެވެ.

ކައުންސިލަރުންގެ ދައުރު ދަންމާލުމުގެ މައްސަލައިގައި އުފެދިފައިވާ ހިޔާލު ތަފާތު ވުން ހައްލު ކުރަން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިރެއެވެ.

މި މައްސަލައިގައި މަޖިލީހުގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ބައެއް މެންބަރުން ވަނީ މި ވަގުތަކީ ގާނޫނު އަސާސީ އިސްލާހު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވިދާޅުވެފައެވެ. އެހެން ބައެއް މެންބަރުން ވަކާލާތު ކުރެއްވީ ގާނޫނު އަސާސީ އިސްލާހު ކުރާށެވެ. އެ މައްސަލައިގައި ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ތެރޭގައިވެސް ހިޔާލު ތަފާތުވެ، ބައެއް މެންބަރުން ވަނީ ވިޕްލައިން އޮތަސް އެ އިސްލާހު ފާސްކުރަން ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.