ޕޮލިސް ހުއްދައާއެކު 65 އަހަރުން މަތީގެ މީހުންނަށް ނިކުމެވޭ ގަޑިއެއް ކަނޑައަޅައިފިއެވެ.
ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް، އަންނަ ހުކުރުން ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ކުރިއަށް އޮތް ދެ ހަފްތާގައި އުމުރން 65 އަހަަރުން މަތީގެ މީހުންނަށް ހެނދުނު 5:00 އިން 8:00 އާ ދެމެދު ޕޮލިސް ޕާމިޓާއެކު ބޭރަށް ދެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ހަފްތާއަކު 2 ފަހަރު ގޭބިސީއަކުން 3 މީހުންނަށް ޕޮލިސް ޕާމިޓާއެކު 2 ގަޑިއިރަށް ބޭރަށް ނިކުމެގެން އުޅެވޭނެ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި ހަފްތާއަކު 2 ފަހަރު ގޭބިސީއަކުން 5 މީހުންނަށް ޕޮލިސް ޕާމިޓާއެކު 2 ގަޑިއިރަށް ބޭރަށް ނިކުމެގެން އުޅެވޭނެ ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ވެސް ދެވަނަ ފިޔަވަހީގައި ބޭރަށް ނިކުމެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެވަނަ ފިޔަވަހީގައި ކުޑަކުދިންނަށް ހެނދުނު 5:00 އިން 8:00 އާ ދެމެދު ޕޮލިސް ޕާމިޓާއެކު ބޭރަށް ދެވޭނެ ކަމަށެވެ.
ލޮކްޑައުންގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ލޮކްޑައުނަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާ އިރު ކުރިއަށް އޮތް ދެ ހަފްތާއަކީ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ގުނާ ދުވަސްތައް ކަމަށް ވަނީ ނިންމާފައެވެ.
ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ތެރެއިން އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި އަދި ވިޔަފާރިކުރުމަށް ދެވޭ ޖާގަ ދިނުމަށާއި ހާއްސަކޮށް މާލެ ސަރަހައްދުގައި ދަތުރުފަތުރުކުރުމަށް ދެވޭނެ ލުއި ދިނުމަށާއި އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް އޮތް ޖާގައިގެ މައްޗަށް ހެލްތް މމިނިސްޓާރު ވަނީ ވިދާޅުވެފައެވެ.