މިހާތަނާ ޖެހުނުއިރުވެސް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ބޮޑުވެ، ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް މީގެ ދެމަހެއްހާ ދުވަސް ކުރިން ސައުދީ އަރަބިއްޔާގައި ތަންފީޒު ކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ފަށާނެ ކަމަށް މެދުއިރުމަތީގެ ހަބަރުތައް ބުނެފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސައުދީއިން މި ފިޔަވަޅުތަކަށް ލުއި ދިނުމަށް ހަމަޖެހިފައި ވަނީ މައިގަނޑު 3 މަރުހަލާއަކަށް ބަހާލައިގެންނެވެ.

ސައުދީގެ ދައުލަތުގެ މީޑިއާއާއި ހަވާލާދީ ބައިނަލްއަގުވާމީ ހަބަރުތައް ބުނާ ގޮތުގައި ސައުދީގައި މިހާރު އިއުލާންކޮށްފައިވާ ކާފިއުގެ އަމުރު އުވާލާނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް އެއީ މައްކާ ފިޔަވާ އެހެން ހުރިހާ ސަރަހައްދަކުންނެވެ.

އާންމުކޮށް ކާރޫބާރޫ ބޮޑުކޮށް ފެންނަ ސައުދީ އަރަބިއްޔާގެ މަގުތައް ކޮވިޑް-19އާ ގުޅިގެން މުޅިންހެން ފަޅުވެފަ/ފޮޓޯ: ސީއެންއެން

ސައުދީ އަރަބިއްޔާގެ އަދުގެ ހާލަތަށް ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވް ވި 74795 ކޭހެއް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މި ބަލީގައި 399 މީހެއްގެ ފުރާނަ ގެއްލިފައި ވާކަމަށް މައުލޫމާތު ލިބެއެވެ. ހަބަރު ލިބޭ ގޮތުގައި މިހާރުވެސް ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އުޅެނީ 2000 އަށްވުރެ މަތީގައެވެ.

ކަންމިހެން އޮތް ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަސައްކަތް މާދަމާ ފަށަން އޮތީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލު ގެންނަނީ ކާފިއުގެ އަމުރު ތަންފީޒު ކުރާ ވަގުތަށެވެ. ބުރާސްފަތި ދުވަހުން ފެށިގެން ސައުދީގައި ކާފިއުގެ އަމުރު ތަންފީޒު ކުރަމުން ދާނީ މެންދުރު ފަހު 03:00 އިން ފެށިގެން އަނެއް ދުވަހުގެ ފަހިތު 06:00 ގެ ނިޔަލަށެވެ.

އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުމުގެ މިނިވަންކަން ދޭއިރު، ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ ބައެއް ހިދުމަތްތަކަށްވެސް ފުރުސަތު އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ފިހާރައެއްގެ ކުރިމަތީގައި ދޮށީ އުމުރުގެ މީހަކު އިށީނދެލައިގެން/ފޮޓޯ: ޢަލީ އަހުމަދު

މިސްކިތްތައް ހުޅުވުން

ސައުދީ އަރަބިއްޔާގައި މިވަގުތު 24 ގަޑިއިރުގެ ކާފިއު އަމުރު ތަންފީޒު ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ނިމިދިޔަ، ބަރަކާތްތެރި ރަމަޟާން މަހާ ގުޅިގެން ކޮންމެވެސް ވަރެއްގެ ދޫދިނުން ތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް ފިތުރު އީދު ބަންދާ ދިމާކޮށް އަނެއްކާވެސް 24 ގަޑިއިރުގެ ކާފިއު އަމުރު ވަރުގަދަ ކުރިއެވެ.

ނަމަވެސް މެއި 30 ވަނަ ދުވަހުން ފަށައިގެން އަނެއްކާވެސް ދޫތަކެއް ދޭނެ ކަމަށް ސައުދީ ޕްރެސް އޭޖެންސީއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ހަބަރު ލިބޭ ގޮތުގައި ސައުދީގެ އެތެރޭގެ އުދުހުންތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ބައިނަލްއަގުވާމީ އުދުހުންތައް އަދިވެސް އޮންނާނީ މަޑުޖައްސާލާފައެވެ.

ކޮވިޑް-19އާ ގުޅިގެން ސައުދީއިން މަސްޖިދު އަލް-ނަބަވީގެ ދޮރުކޮޅު ބަންދުކުރަނީ/ފޮޓޯ: ޙަރަމައިން އިންފޯ | ޓްވިޓާ

ހަމަ މިއާއެކު އިޖުތިމާއީ ގައިދުރުކަމާއި، ސާފު ތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މިސްކިތްތައް ހުޅުވާ، ނަމާދު ކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް މައްކާގައި އަދިވެސް ތަންފީޒު ކުރަމުން ދާނީ ހަރުކަށި އުސޫލުތައް ކަމަށް މައުލޫމާތު ލިބެއެވެ.

ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށް ވަޒީފާއަށް ނިކުތުމުގެ ފުރުސަތު ހުޅުވިގެން ދާއިރު، 50 މީހުންނަށް ވުރެ ގިނަ އަދަދަކަށް މީހުން ބައިވެރިވާ އިޖުތިމާއީ އެއްވުންތަކެއް ނުބޭއްވޭނެއެވެ. މީގެ ތެރޭގައި ކައިވެނި ހަފުލާތަކާ ޖަނާޒާތައްވެސް ހިމެނެއެވެ.

ޖޫން 21 އަށް ފަހު އާންމުން މަގުތަކަށް ނިކުންނަ އިރު، އާންމު ތަންތަނަށް ނިކުމެ އުޅުމުގައި މާސްކު ބޭނުން ކުރުމާ، ސާފު ތާހިރުކަން އިސްކޮށް، އިޖުތިމާއީ ގައިދުރުކަން ތަންފީޒު ކުރަންޖެހެއެވެ.

މާތްވެގެންވާ އަލް މަސްޖިދު އަލް- ޙަރަމްގައި އިޖުތިމާއީ ގައިދުރުކަމާއެކު ތަރާވީހު ނަމާދު ކުރަނީ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޖަމާއަތުގައި ނަމާދު ކުުރުން ވަނީ މެދުކަނޑާލާފަ/ފޮޓޯ: ސައުދީ ގެޒެޓް

މައްކާގެ ހާލަތަށް ބަލާއިރު، މައްކާގައި ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަރުހަލާތައް ރޭވިފައި އޮތީ ގައުމުގެ އެހެން ހުރިހާ ސަރަހައްދެއްގައި ތަންފީޒު ކުރަމުންދާ މަރުހަލާތަކަށް ވުރެ އެއް ގިންތި ފަހަތުގައި އޮންނަ އުސޫލުންނެވެ. އަދި މައްކާގެ މިސްކިތްތައް ހުޅުވަން ހުއްދަ ދެވޭނީ 21 ޖޫންގެ ފަހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ވަކި އެއްޗެއް އަންގަންދެން، ހައްޖާއި އުމްރާގެ އަޅުކަން އަދި މިވަގުތަށް އޮތީ މަޑުޖައްސާލާފައެވެ.