ހުސްވި ހަފުތާ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުގެ މީޑިއާ ގުޑުވާލި އެންމެ ވަރުގަދަ އެއް ޚަބަރަށް ވެގެން ދިޔައީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމެއްގައި، އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން ދެއްކި ވާހަކަތަކަކަށް ދިވެހިރާއްޖެއިން ރައްދު ދިން ޚަބަރެވެ.
އިންޑިއާއަކީ މުސްލިމުންނާ އިސްލާމް ދިނާ މެދު އެހެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރާ ގައުމެއް ކަމަށް ބުނެ ޕާކިސްތާނުން ދެއްކި ވާހަކަތަކަކާ ގުޅިގެން، ދިވެހިރާއްޖެއިން އިންޑިއާގެ ދިފާއުގައި ތެދުވިއެވެ. މިފަދަ ކަމެއްގައި ހަމައެކަނި އިންޑިއާގެ ނަން ފާހަގަކޮށް ބަދުނާމު ކުރުމަކީ ހެކީގެ މައްޗަށް ބަލާއިރުވެސް ސައްހަ ވާހަކައެއް ނޫންކަމަށް ބުންޏެވެ. އިންޑިއާއިން ދަނީ އިސްލާމުންނާ މެދު ބިރުވެރިކަމާ ނަފުރަތު އުފެދޭ އެޖެންޑާއެއް ޕްރޮމޯޓްކުރަމުން ކަމަށް ޕާކިސްތާނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މުނީރު އަކްރަމް ވިދާޅުވިއެވެ. މުނީރު އަކްރަމް މަސައްކަތް ކުރެއްވީ، އިންޑިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އޯއައިސީގެ މެދުގައި 'ވޯކިންގް ގުރޫޕެއް' އެކުލަވާލުމަށް ގޮވާލައްވާފައެވެ.
އިންޑިއާގެ ދިފާއުގައި ވާހަކަދައްކަމުން ދިވެހިރާއްޖެއިން ވަނީ، މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިއާއަކީ 200 މިލިއަނެއްހާ މުސްލިމުންގެ ވަޒަންކަން ފާހަގަކޮށް، މިފަދަ ތުހުމަތެއް އަމާޒުކުރުމަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ސުލްހައަށް އޮތް ނުރައްކަލެއް ކަމަށް ބުނެފައެވެ.
ބައިނަލްއަގުވާމީ ޚަބަރު ފަތުރާ މަސްދަރުތަކުން ބުރަވާ ގޮތުގައި ޕާކިސްތާނުގެ ފިޔަވަޅުގެ ފަހަތުގައި އޮތީ ތުރުކީވިލާތުގެ އެއްބާރުލުމެވެ. ތުރުކިވިލާތަކީ އޯއައިސީގައި އޮތް ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ބާރު ކަނޑުވާލުމުގެ އިސްތިރާޖަކަށް ބުރަވާ ބައެކެވެ. ކަންމިހެން އޮތް ނަމަވެސް އޯއައިސީގެ މިފަހަރުގެ ބައްދަލުވުމުގައި ތުރުކީވިލާތަށް ކުރި ނުލިބުނު އެންމެ ބޮޑު އެއް ސަބަބަކަށް ވެގެން ދިޔައީ މެލޭޝިއާގެ ސިޔާސީ މަސްރަހަށް އައި ބަދަލު ކަމުގައިވެސް ދެންނެވިދާނެއެވެ. މެލޭޝިއާއަކީ މީގެ ކުރިން އޯއައިސީގައި އޮތް ސައުދީއާއި ޔޫއޭއީގެ ނުފޫޒާ ދެކޮޅަށް ތުރުކިވިލާތަށް ބައިއަތު ހިފި ގައުމެކެވެ. ނަމަވެސް ހުސްވި ހަފުތާގައި އޯއައިސީގެ ވާޗުއަލް ބައްދަލުވުމުގައި ހިނގާދިޔަ ކަންތައްތަކުގައި ޕާކިސްތާނުގެ ވާހަކަތަކަށް މެލޭޝިއާއިންވެސް އެ ގޮތުގައި ތާއީދެއް ނުކުރިއެވެ.
މާޒީއަށް ބަލާއިރު ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތަކީ މީގެ ކުރިން ޕާކިސްތާނަށް އެއްބާރުލުން ދިން ގައުމުތަކެކެވެ. ނަމަވެސް މިފަހަކަށް އައިސް އެކަން ވަނީ ބަދަލުވެފައެވެ. އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން ދެއްކި ވާހަކަތަކާ ގުޅިގެން އިންޑިއާގެ ދިފާއަށް ރާއްޖެ ތެދުވި ތެދުވުމަށް ސައުދީއާއި ޔޫއޭއީއިން އެއްބާރުލުން ދިނެވެ. ގަލްފް ސަރަހައްދުގައި އޮތް އިންޑިއާގެ އެންމެ ޒަމާންވީ އެކުވެރިޔާ ކަމަށްވާ އޯމާންއިންވެސް ވާހަކަ ދެއްކީ ޕާކިސްތާނާ ދެކޮޅަށެވެ. އަދި ޕާކިސްތާނުން ކުރަމުންދާ ޝަކުވާތަކަކީ އިންޑިއާގެ ދާހިލީ ކަމެއްގެ ގޮތުގައި އޯމާންއިން ސިފަކުރިއެވެ. މީގެ އިތުރުންވެސް ގިނަ ގައުމުތަކަކުން މިފަހަރުގެ ބައްދަލުވުމުގައި އެރީ ޕާކިސްތާނާ ދެކޮޅަށެވެ.
މެއި 19 ވަނަ ދުވަހު ކުރިއަށް ދިޔަ އޯއައިސީގެ ބައްދަލުވުމުގައި ހިނގާދިޔަ ކަންތައްގަނޑުގައި ޔޫއޭއީއިންވެސް ޕާކިސްތާނުގެ ކޮޅު ނުނެގުން ވެގެންދިޔައީ ޕާކިސްތާނަށް ހަޖަމް ކުރަން މާ ފަސޭހަ ކަމަކަށް ނޫނެވެ. ޕާކިސްތާނުގެ ސިޔާސީ ސޯޝަލް މީޑިއާ ޕްލެޓްފޯމުން މި ބުނުމަށް ބާރުދެއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަމުން ދިޔައީވެސް ޔޫއޭއީއިންކަން ފާހަގަ ކުރަންޖެހެއެވެ.
އިންޑިއާގެ "މައްސަލަ ބެލުމަށް" ވޯކިންގް ގުރޫޕެއް އެކުލަވާލުމަށް ޕާކިސްތާނުން ކުރި މަސައްކަތަށް ޔޫއޭއީއިން ފާޅުގައި ހުރަސްއެޅިއެވެ. އަދި މިފަދަ ގުރޫޕެއް އެކުލަވާލެވެން އޮތީ މެމްބަރު ހުރިހާ ގައުމެއްގެ ޚާރިޖީ ވަޒީރުންގެ ރުހުން އޮވެގެން ކަމަށް ޔޫއޭއީއިން ބުންޏެވެ.
އިންޑިއާގެ ޚަބަރު ފަތުރާ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، އޯއައިސީގެ ބައްދަލުވުމުގައި ޕާކިސްތާނުން މިފަދަ މަސައްކަތެއް ކުރާނެ ކަމުގެ މައުލޫމާތު، ދިވެހިރާއްޖެއިން އޮތީ ބައްދަލުވުމުގެ ކުރިން އިންޑިއާއާ ހިއްސާކޮށްފައެވެ. މިކަންވީ، ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއަށް ތާއީދު ހޯދުމަށް އެގައުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.
އޯއައިސީއަކީ މުސްލިމުންގެ މެޖޯރިޓީ އޮންނަ 57 ގައުމެއްގެ ދާއިމީ މެމްބަރުކަން އޮންނަ ޖަމިއްޔާއަކަށް ވާއިރު، މިއީ ބައިނަލްއަގުވާމީ ފެންވަރުގައި މުސްލިމުންގެ އަޑު އިއްވާ އެންމެ ވަރުގަދަ ޕްލެޓްފޯމްގެ ގޮތުގައި ސިފަކުރެވެއެވެ. އިންޑިއާއިންވެސް ދަނީ ދާއިމީ މެމްބަރު ކަމުގެ ގޮނޑިއަކަށް ވަކާލާތު ކުރަމުންނެވެ. އިންޑިއާގެ ދައުވާއަކަށް ވަނީ، މުސްލިމުންގެ މެޖޯރިޓީ އޮންނަ ގައުމުތަކުގެ ބޭރުން، މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމަކަށް އިންޑިއާ ވާކަމުގެ ދައުވާއެވެ. ކަންމިހެން އޮތްއިރު، އިންޑިއާއަކީ އޯއައިސީގައި ނުސީދާ ގޮތުން ވީޓޯ ބާރު ލިބިފައިވާ ގައުމެއް ކަމަށް ޕާކިސްތާނުން ދަނީ ސިފަކުރަމުންނެވެ.
ކޮބާޝަހީމް ޑޮކްޓަރ ޝަހީމް ނިކަން ތިތާ ހުރެގެން ސައުދީއާ ދެކޮޅަށް ބަހެއް ބުނެބާ ނުކެރޭނެ