ކޮވިޑް-19 ފެތުރެމުން ދާ މި ދަނޑިވަޅުގައި މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަަތަށް ގެނެސްފައި ވާ އިރު އެކަމަށް ރައްކާތެރި ވުމަށް ގަނޫނީ ގޮތުން އަމުރުތައް ނެރެފައިވާ ހިނދު އެ އަމުރުތަކަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ތަބާވާން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައި ވަނީ މާދަމާ ހާއްސަ ފިޔަވަޅު ތަކާއެކު ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ބާއްވަން ހަމަޖެއްސުމަށް ނިންމާފައި ވާތީ އެކަމާ ގުޅިގެންނެވެ. އުޝާމް ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ހާލަތުގައި އޮތްއިރު މަޖްލިސް ޖަލްސާތައް ބޭއްވުމަށްޓަކާ މަޖިލިސް ކުރާ ގެއަށް މެންބަރުންނަށް އެއްވެވޭނީ އެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ގާނޫނީ އަމުރުތަކަށް ތަބާވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އުޝާމް މިހެން ވިދާޅުވެފައި ވާއިރު ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ މި ކަމާ ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ. ރިޔާޒް ވިދާޅުވީ ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ނުވަތަ ފުލުހުންގެ ފަރާތުން ދޭ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވެން ނެތްކަމަށް މަޖިލިހަށް އަންގަވާފައި ވާ ކަމަށެވެ.
ހާއްސަ ފިޔަވަޅު ތަކާއެކު ރައްޔިތުންގެ މަޖިލީހުގައި މާދަމާ ޖަލްސާއެއް ބާއްވަން ހަމަޖެއްސުމަށް ނިންމާފައި ވަނީ މިހާރު ލޯކަލް ކައުންސިލްގެ ދައުރު އަންނަ މަހުގެ 2 ވަނަ ދުވަހަށް ހަމަވާތީ އޭގެ ކުރިން ގާނޫނު އަސީސީއަށް އިސްލާހު ގެނެސް ނިންމަން ޖެހޭ ކަންކަން ނިންމުމަށް ކަމަށް ބުނެއެވެ.
އެހެންކަމުން މި މަހުގެ 26 ވަނަ ދުވަސް (މާދަމާ) ޖަލްސާތައް ނުފަށާ އެ ތާރީހަށް ނިންމޭނެ ކަމަށް ދެކެވަޑައި ނުގަންނަވާތީ ޖަލްސާތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް ގިނަ މެންބަރުން ދެކެވަޑައިގަންނަވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި 28 ވަނަ ދުވަސް އަންނަން ދެން މަޖިލީހުގެ ޖަލްސާތައް ފަސްކުރެވެން ނެތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރަށް ރައީސް ނަޝީދު ވަނީ އަންގަވާފައެވެ.
މާދަމާ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވަން ބައެއް މެންބަރުން ދެކޮޅު ހައްދަވާފައި ވާއިރު އެ މެންބަރުން ވިދާޅުވަނީ ކޮވިޑް-19 އާ ގުޅިގެން މިހާރު މިއޮތް ހާލަތުގައި ގޭގައި ތިއްބަވައިގެން މަޖިލީހުގެ ބަހުސް ކުރިއަށް ގެންގޮސް ވޯޓު ދެވޭ އިރު ކޮންމެހެން މަޖިލީހަށް ހާޒިރު ވުން ރަނގަޅުނޫން ކަމަށެވެ.
މިކަމާ ގުޅިގެން ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާދަމާ މަޖިލީހުގައި ޖަލްސާއެއް ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.