ރައްޔިތުން މަޖިލީހުގައި މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާއަށް ދެވެން ނެތް ކަަމށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

މާދަމާ ޖަލްސާ ބޭއްވުމަށް ހަމަޖައްސަވާފައި ވަނިކޮށް ރިޔާޒް ޓްވީޓް ކުރައްވާ ވިދާޅުވީ، ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ނުވަތަ ފުލުހުންގެ ފަރާތުން ދޭ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވެން ނެތްކަމަށް މަޖިލިހަށް އަންގަވާފައި ވާ ކަމަށެވެ.

ހާއްސަ ފިޔަވަޅު ތަކާއެކު ރައްޔިތުންގެ މަޖިލީހުގައި މާދަމާ ޖަލްސާއެއް ބާއްވަން ހަމަޖެއްސުމަށް ނިންމާފައި ވަނީ މިހާރު ލޯކަލް ކައުންސިލްގެ ދައުރު އަންނަ މަހުގެ 2 ވަނަ ދުވަހަށް ހަމަވާތީ އޭގެ ކުރިން ގާނޫނު އަސީސީއަށް އިސްލާހު ގެނެސް ނިންމަން ޖެހޭ ކަންކަން ނިންމުމަށް ކަމަށް ބުނެއެވެ.

އެހެންކަމުން މި މަހުގެ 26 ވަނަ ދުވަސް (މާދަމާ) ޖަލްސާތައް ނުފަށާ އެ ތާރީހަށް ނިންމޭނެ ކަމަށް ދެކެވަޑައި ނުގަންނަވާތީ ޖަލްސާތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް ގިނަ މެންބަރުން ދެކެވަޑައިގަންނަވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި 28 ވަނަ ދުވަސް އަންނަން ދެން މަޖިލީހުގެ ޖަލްސާތައް ފަސްކުރެވެން ނެތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރަށް ރައީސް ނަޝީދު ވަނީ އަންގަވާފައެވެ.

މާދަމާ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވަން ބައެއް މެންބަރުން ދެކޮޅު ހައްދަވާފައި ވާއިރު އެ މެންބަރުން ވިދާޅުވަނީ ކޮވިޑް-19 އާ ގުޅިގެން މިހާރު މިއޮތް ހާލަތުގައި ގޭގައި ތިއްބަވައިގެން މަޖިލީހުގެ ބަހުސް ކުރިއަށް ގެންގޮސް ވޯޓު ދެވޭ އިރު ކޮންމެހެން މަޖިލީހަށް ހާޒިރު ވުން ރަނގަޅުނޫން ކަމަށެވެ.

މަޖިލީހަށް ހާޒިރުވުމަށް އެޗްޕީއޭ ނުވަތަ ފުލުހުންގެ ހުއްދަ ބޭނުންވާ ކަމަށް ރިޔާޒް ވިދާޅުވެފައި ވާ އިރު ލޮކްޑައުންގެ ހާލަތުގައި މާލެއިން ބޭރުގައި ހުންނެވުމަށް ފަހު އެނބުރި މާލެއަށް ރިޔާޒް ވަޑައިގަތުމުން ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހަޅާ ބަލާ ފައިސަލާ ކޮށްފައިވެއެވެ. މަޖިލީހުގެ ކޮމިޓީން ބެލިބެލުމުގައި ރިޔާޒް މާލެއަށް ވަޑައިގަތީ ހުއްދަ ލިބިގެން ކަމަށް ވާތީ އެ މައްސަލަައިގައި ރިޔާޒުގެ ސުލޫކީ މައްސަަލައެއް ނެތް ކަމަށް ވަނީ ނިންމާފައެވެ.