ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގައި ތިބޭނީ "ގިނައިން އެއްބަނޑު ކުދިން" ކަމަށާއި އެނޫން މީހުންނަށް އެޕާޓީ ތެރެއިން ވަރަށް "އަޖަލު" ޖައްސާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވެފައި މިވަނީ ސޯޝަލް މީޑިއާގައި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ރޮޒެއިނާ އަށް ރައްދު ދެމުން އަންނަ ދަނޑިވަޅެއްގައެވެ.

މައްސަލަ ހޫނުވީ އެންމެ ފުރަތަމަ އެމްއެމްޕީއާރްސީ ހިޔާނާތުގެ ވާހަކަތައް ދައްކަމުން ގޮހެވެ. އެވާހަކަ ދައްކަން ފެށުމުން ބައެއް މީހުން ރޮޒެއިނާ އަކީ ޑީއާރްޕީ މީހެއް ކަމަށް ބުނެ ފާޑު ކިޔާފައިވެއެވެ. ނަމަވެސް ރޮޒެއިނާ އެކަމަށް ދުލެއް ނުކުރެއެވެ. އެފަދަ ވާހަކަތަކަށް އޭނާވެސް ގެންދަވަނީ ރައްދު ދެއްވަމުންނެވެ. އަދި ބައެއް ނޫސްތަކުން މި ވާހަކަތަކުގެ ތެރެއިން ބައެއް ވާހަކަތައް ރިޕޯޓު ކުރާއިރު އެކަމާ ވެސް އެމްޑީޕީގެ ބައެއް އާއްމުންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން އަންނަނީ ރުޅިގަދަވަމުންނެވެ.

އެގޮތުން ރޮޒެއިނާ ދެއްކެވި ވާހަކައެއް މީޑިއާއެއްގައި ރިޕޯޓު ކުރުމުން އެކަމާ ހިތްހަމަނުޖެހި ޓްވީޓު ކުރި ފަރާތްތަކަށް ރޮޒެއިނާ ވަނީ ރައްދު ދެއްވާފައެވެ. އަދި ވިދާޅުވީ އެމްޑީޕީ އަކީ "ކަލްޓް" އެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކުރަމުން އަންނަ ކަމަށެވެ.

ރޮޒައިނާއާ ސޯޝަލް މީޑިއާގައި ދިމާ ކުރަމުން އަންނާތީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އަދި އެމްޑީޕީގެ އެތައް މަގާމުތަކެއް ފުރުއްވާފައިވާ މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ އެތައް ބަޔަކު ގުރުބާންކޮށް އެތައް ހާދިސާތަކެއް ހިނގާފައިވާ ޕާޓީއެއް ކަމަށެވެ.

"ތަރިކަ މުދާ ވާރިސުންގެ ތެރޭގައި ބަހާ އުސޫލުން ހިނގާ ކަމެއްގައި ނޭނގި ހުރެގެން ދައުވާ ނުއުފުލާތި. ގިނަވާނީ އެއްބަނޑު ކުދިން. ވަކި ބަނޑަކަށް ލިބިފައި ތިބި ކުދިންނަށް ވަރަށް އަޖަލު ޖައްސާނެ. އެކަމަކު ހިފަހައްޓާލާތި،" މޫސަ ވިދާޅުވިއެވެ.

މޫސަ އެމްޑީޕީން ވަކިކުރީ ވިޕްލައިނާ ހިލާފަށް 18ވަނަ ރައްޔިތުން މަޖިލީހުގައި ވޯޓެއް ލައްވައިގެންނެވެ. އެގޮތުން ފިޔަވަޅު އަޅާ ކޮމެޓީން މޫސަގެ މައްސަލަ ބެލުމަށް ފަހު އޭނާ ޕާޓީން ވަކި ކުރިއެވެ. އަދި އޭގެފަހުން މޫސަ އަންނަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށް ފާޅުގައި ފާޑު ވިދާޅުވަމުންނެވެ.