ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީފެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތަހުގީގަށް ވީގޮތް ސާފު ކުރުމަށް މަޖިލީހަށް މައްސަލައެއް ވައްދައިފިއެވެ.
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މައްސަލައިގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ އިތުރުން މަރުތަކާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން އުފެއްދި ކޮމިޝަންގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށްވެސް ތުހުމަތުތައް އުފުލިފައިވާ އެމްއެމްޕީއާރުސީފެ ހިޔާނާތާ ގުޅިގެން މިވަގުތު ހުކުމެއް އައިސް ޖަލުގައި ހުންނެވީ އެ ހިޔާނާތުގައި ބައިވެރިވާކަމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
18 އަދި 19 ވަނަ ރައްޔިރުންމެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ސިފައިންނާއި ބައެއް ފުލުހުންގެ އިތުރުން ސިޔާސީ އެކިއެކި ފަރާތްތަކާއި، ބައެއް އާންމުން ހިމެނޭނެ ހެން ޖުމްލަ 335 ފަރާތަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ނަފާ ލިބިފައިވާކަމަށް ތަހުގީގު ރިޕޯޓުތަކުގައި ބުނެފައި ހުއްޓެވެ. ނަމަވެސް އެމްއެންޕިއާރުސީ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ސީދާގޮތުން ނަފާލިބުނު މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ މަޖިލީހުގެ 16 މެމްބަރަކާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ 7 އޮފިސަރަކު ހިމެނޭ ކަމަށެވެ.
ނަމަވެސް ތަހުގީގެއް ހިންގާ މިއަދާ ހަމައަށް ދައުވާއެއް ކޮށް 5 އަހަރުގެ ޖަލުހުމެއް އިއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކަމަށް ވުމުން، ރައީސް ޔާމީނު ނިސްބަވްވެވަޑައިގަންނަވާ އިދިކޮޅު ކޯލިޝަނުން އަންނަނީ ކެނޑިނޭޅި ފާޑު ކިޔަމުންނެވެ. އެކަން އެހެން ހިނގަމުންދާތާ އެތައް ދުވަހެއް ވެފައި ވަނިކޮށް، އެވާހަކައަށް ބާރު ލިބެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިޔާލުފާޅު ކުރެއްވުމުން އެމްއެމްޕީއާރުސީގެ މައްސަލަ އަނެއްކާ ވައިގަ ހިފީއެވެ.
މިކަމާ ގުޅިގެން މުއިއްޒުގެ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ހެންވެރު ހުޅަނގު ދާއިރާގެ މެންބަރު ހަސަންލަތީވު ވަނީ މުއިއްޒަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެ "ކްލެޕް" (އަތްތަލިބަޑި) ޖައްސަވާފައެވެ.
އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް ފޮނުވާފައި އޮތް ރައީސް ނަޝީދުގެ މެސެޖެއްގައި، އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ އިންސާފުވެރިކަމެއް ނޫން ކަމަށް ވިދާޅުވެފައި ވެއެވެ.
އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅުތަކަށާއި ހިޔާލުފުޅުތަކަށް އެއްވެސް އިރެއްގައި އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ އެމްއެމްޕީއާރްސީގެ މައްސަލާގައި ލިބިގެންދިޔަ މާބޮޑު އިންސާފެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
މަޖިލީހަށް މެންބަރު މުއިއްޒު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިން ހޯދުމާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަކީ އެމްޑީޕީ އާއި މި ސަރުކާރުގެ ވައުދެއް ކަމަށެވެ. މި ދެ މައްސަލަަ އަކީ ވެސް އާއްމު މަސްލަހަތު ހިމެނޭ ކަންކަމަށް ވިޔަސް ރައްޔިތުންނަށް މިކަމުގެ މައުލޫމާތު ހިއްސާކުރުން މަދު ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.
މުއިއްޒު އެދިވަޑައިގަންފައިވަނީ އެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި އެ މައްސަލަތައް ބެލުމާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގަން ލަސްވާ ސަބަބުތައް އޮޅުންފިލުވައި ދީ، ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން ނަތީޖާ ނެރެވޭނެ ގޮތަކަށް އަމަލުކުރޭތޯ ޔަގީން ކޮށްދޭން މަޖިލީހުން އެކަން ބަލައި ދިނުމަށެވެ.