ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއާއި ޗައިނާ ގުޅިގެން މަސައްކަތް ކުރުމަށާއި، އެމަސައްކަތް ކުރާނެ އޮނިގަނޑެއް ރޭވުމާ ބެހޭ ގޮތުން ދެގައުމު މަޝްވަރާ ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލޮޖޮންގްއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޚާރިޖީ ވަޒީރާއި ޗައިނާ ސަފީރު ކުރެއްވި މަޝްވަރާތަކުގައި ދެޤައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ކުރިއަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ޗައިނާގެ އެބައޮތް ކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރު ޝާހިދު ޗައިނާ ސަފީރާ ބައްދަލުކުރެއްވި އިރު، މި ބައްދަލުވުމުގައި މިނިސްޓާ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލްއާއި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ އަލީ ނަސީރު މުހައްމަދު އާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ސީނާގެ އިތުރުން ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ އިތުރުން، ކޮވިޑާ ގުޅިގެން ދިމާވަމުންދާ ހައްސާސް ހާލަތްތަކުގައިވެސް މުހިންމު ބައިވެރިއެކެވެ.

ރާއްޖެއިން ކޮވިޑް ފެނުނު ފުރަތަމަ މަރުހަލާގައިވެސް ޗައިނާގެ އެހީތެރިކަމަށް އެދުމަށް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ. ނަމަވެސް އޭރު ސަރުކާރުން އިސްކަން ދިންތައް ފެނިގެންދިޔައީ އިންޑިއާގެ އެހީތެރިކަން ހޯދާށެވެ.