ހުސްވި މާޗު މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލި 11 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މ. ބޮއިލިންގފިޝް، އަހުމަދު ވިސާމް އިސްވެހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން 26 މާރިޗު 2020 ދުވަހު "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ދިވެހިރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުވާ މައްސަލާގައި 11 މީހަކަށް ދަޢުވާކުރުމަށް ކުރިމިނަލަ ކޯޓަށް ހުށަހަޅާފައި ވާ ކަމަށެވެ.
މި ކަން ހިނގާފައިވަނީ ހުސްވި މާޗުމަހުގެ 20 ވަނަ ދުވަހުއެވެ. ފުލުހުން އެ 11 މީހުން ހައްޔަރު ކޮށް ބަންދާ މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ގެންދިޔައީ މާޗުމަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު އެމީހުންގެ ބަންދަށް 10 ދުވަސް އޭރު ޖެހިއެވެ.
ފުލުހުން ބުނެފައިވަނީ ހައްޔަރުކުރި 11 މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ މީހުންނެވެ. އޭގެތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، ފޭރުމާއި، ހެކި ނައްތާލަން އުޅުމާއި، ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ހިމެނޭ ކަމަށެވެ.
ފުލުހުން އެމީހުން އަތުލި އިރު، އެ މީހުން މަސްތުވާތަކެތި ބަލައި ދިޔަ އިރުއަލިމަސް ދޯނީގެ އިތުރުން މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކުރިއެވެ. އަދި ހައްޔަރު ކުރި 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރު ކުރި މީހުން ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ. އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އާއި ހުޅުމާލެއިންނެވެ.
ހައްޔަރު ކުރި މީހުން
- އަހުމަދު ވިޝާމް/ ގ. ބޮއިލިންފިޝް
- މުހައްމަދު ހަމީދު/ ގދ. ރަތަފަންދޫ، ގުލްދަސްތާގެ
- މުހައްމަދު މާއިޝް/ މ. މާކޮޅު
- މުހައްމަދު ޝާމިން/ މއ. ވިރާހު
- އަހުމަދު ޝިފާޒް/ ހުޅުމާލޭ ފްލެޓް 06ޖީ4
- އަބްދުﷲ ޝާމް/ މއ. ބޯޅަކިންކިރިމާގެ
- ހުސައިން ސުނާޒް/ މ. މުލި، ސޯސަންވިލާ
- ސައުދުﷲ ރަޝީދު/ މ.ކެޕްރިކޯން
- މުހައްމަދު ނަޝީދު/ މ.މުލި، ހުދުފިނިފެންމާގެ
- މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު
- މުހައްމަދު ރިޟްވާން އިބްރާހިމް/ މ. މުލި، މުސްތަރީގެ
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، މާޗު 26، 2020 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ މޫނުމަތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
މި މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި އިރު މިހާރު މި މީހުން ތިބީ ދޫކޮށްލައިފައި ކަމެއް ނުވަތަ ބަންދުގެ މުއްދަތު އިތުރު ކޮށްފައި ކަމެއް ސާފެއް ނުވެއެވެ.