މިއަހަރުގެ އޮކްޓޯބާ ނޮވެމްބާގައި ބޭއްވުމަށް ހަމަޖެއްސި ސާނަވީ ިްނމާ އިމްތިހާން 2021 މޭ/ޖޫންގައި ބޭއްވުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލު ކޮށްފައިވާ ސާނަވީ ނިންމާ އިމްތިހާނު ފަސްކޮށްފައި ވަނީ އަންނަ އަހަރުގެ މޭ ޖޫން އަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ބަދަލާއެކު އަލް މަދްރަސަތުލް އަރައްބިއްޔަތުން އިސްލާމިއްޔާގެ ދަރުވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިންތިހާނުތައް ވެސް މިއަހަރު ނޯންނާނެ ކަމަށެވެ. އަދި އެ އިމްތިހާނުތައް ވެސް އޮންނާނީ އަންނަ އަހަރު މޭ ޖޫން ގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނީ މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނާއި އަލް މަދްރަސަތުލް އަރައްބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދާ ސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން 2021 ވަނަ އަހަރު މޭ ޖޫން އިމްތިހާނުތައް ނިމެންދެން އެދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ.

މި ބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައުގެ ދަތިކަމުންނާއި މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދު ތެރޭގައި ފެށުނަށް ސޯޝަލް ކައުންސިލްގެ ލަފައާއެކު ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާ ގުޅުން ހުރި ފަރާތްރަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލެންޑަރަށް ގެނެޗޭ ބަދަލުތައް ލަސްތަކެއް ނުވެ އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.