މާޗްމަހުގެ ފުރަތަމަ ހަފްތާގައި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލީ 2020 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމި، މިޑް ޓާމް ބްރޭކް އައިސް ޖެހުމާއެކުއެވެ. އޭރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކުވެސް ފެނިފައެއް ނުވެއެވެ. މާލެ ސަރަހައްދުން ޝައްކު ކުރެވޭ މީހަކު ވެސް އެވަގުތަކު ނެތެވެ. މިޑް ޓާމް ބްރޭކަށް މާޗް 5 ވަނަ ދުވަހު ސްކޫލުތައް ބަންދުކުރި އިރު، ރާއްޖެއިން ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނިފައި ވަނީ މާޗް 7 ވަނަ ދުވަހެވެ.
އެއާއެކު ރާއްޖޭގެ އެކި ރިސޯޓްތަކުގައި ތިބި ފަތުރުވެރިންގެ ކިބައިންނާއި ރާއްޖެއިން ބޭރުގައި އުޅެފައި ރާއްޖެ އަންނަ ދިވެހިންގެ ކިބައިން ކޮވިޑްް-19 ފެންނަން ފެށިއެވެ. ހަފްތާއަކަށްފަހު ހަފްތާއެއް ބަންދު ކުރަމުން އައިސް މިއަދާ ހަމައަށް އައި އިރު، ދަރިވަރުން ޔުނިފޯމް ލައިގެން ސްކޫލަށް ނުދާތާ 16 ހަފްތާ ވެއްޖެއެވެ.
ފާއިތުވި 4 މަހެއްހާ ދުވަސްތެރޭގައި ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރި، 2300 އާ ގާތްކުރާ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނިފައި ވަނިކޮށް، ހާއިމްކޮށްފައިވާ ލޮކްޑައުނަށް ދޭން ނިންމި ލުއިތައް އިއުލާން ކުރުމާއެކު، ގިނަ ބެލެނިވެރިންގެ ހިތްތަކުގައި އަނެއްކާވެސް އަށަގަތީ ބިރުވެރިކަމާއި ހާސްކަމެވެ. ކޮންމެ ދުވަހަކު 15-20 ޕޮޒިޓިވް ކޭސް ރާއްޖެއިން ފެންނަމުން ދަނިކޮށް ސްކޫލުތައް ހުޅުވައިގެން ކިޔަވައިދޭން އުޅޭ ކަމުގެ ހަބަރު ލިބުމުން ކޮންމެ މަންމަ އަކާއި ބައްޕަ އަކަށް ވެސް ނުތަނަވަސްކަން ލިބޭނެއެވެ.
ކޮވިޑް-19 އަކީ މުޅި ދުނިޔޭގައި ފެތުރި އެތައް މިލިއަން ބަޔަކު މި ބަލީގެ ޝިކާރައަކަށްވެ، އެތައް ލައްކަ ބަޔަކު މި ބަލީގައި މަރުވެފައިވާ ނުރައްކާތެރި ބައްޔެކެވެ. ރާއްޖޭގައި ވެސް މިބަލި ހަލުވިކަމާއެކު ފެތުރެމުން ދަނިކޮށް ސްކޫލުތައް ހުޅުވާލާ ވާހަކައާއެކު ގިނަ ބެލެނިވެރިންތައް އެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކޮށްލީ ސޯޝަލް މީޑިއާއަށެވެ.
"މަގޭ ދަރި މަށެއް ނުފޮނުވާނަން ސްކޫލަކަށް"
މިކަމުގައި އެންމެ ބޮޑު ކަންބޮޑުވުން ތަކެއް އުފުލާ އެއް ބަޔަކީ، ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ ދުވަސްވަރެއްގައި ސަލާމަތީ ގޮތުން ކިތަންމެ ފިޔަވަޅެއް އަޅައިގެން ސްކޫލަށް ފޮނުވިޔަސް، ހަގީގަތުގައި ރައްކާތެރިކަމެއް އިހުސާސް ނުކުރެވޭނެ ޕްރީ ސްކޫލް ދަރިވަރުންގެ ބެލެނިވެރިންނެވެ.
'ދަ ޕްރެސް' އާ އެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރި ބައެއް ބެލެނިވެރިން ގަބޫލު ކުރާ ގޮތުގައި ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު މަދުވުމަކީ އަދި ބަލިމަޑުކަން ނައްތާލެވުން ނޫން ކަމަށެވެ. ފަހަރެއްގައި ޓެސްޓު ކުރެވޭ ވަރާ، ސާމްޕަލް ނެގޭ ވަރު މަދުވެގެންވެސް އެކަހަލަ ކަމެއް ވެދާނެ ކަމަށް އެ ބެލެނިވެރިން ބުނެއެވެ. އަދި އާބާދީގެ ބޮޑު އިންސައްތައެއް ޓެސްޓު ނުކުރެވެނީސް ނުވަތަ ކޮމިއުނިޓީ ޓްރާންސްމިޝަން އެއްވެސް ވަރަކަށް ނެތްކަން ސާބިތު ނުކުރެވެނީސް، ސްކޫލުތައް ހުޅުވުމަކީ "ތޯތޯ" އަށް ކުރާ ކަމެއް ނޫން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އިލްމީ މަންހަޖުން ހަމަ ނުކުރެވޭ ބައި، ހާސިލު ކުރުމަށް ދިރާސީ އަހަރު ފަސްކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައި ވާއިރު، މި ދަނޑިވަޅުގައި ޕްރީ ސްކޫލް ދަރިވަރުންނާއި ކީ ސްޓޭޖް 1 އަދި 2 ގެ ސްކޫލަށް ގެންދިއުމާ ބެލެނިވެރިން ދެކޮޅެވެ. މި ދައްކަނީ ފެންނަ ހާ އެއްޗެއް ތަޖުރިބާކުރަން އަނގަޔަށް ލާ، އަތްލާ ހަދާ އުމުރުގެ ތުއްތު ކުދިންގެ ވާހަކައެވެ. އެ ކުދިން މާސްކެއް އެޅުވިޔަސް ގިނަ ފަހަރު އެ މާސްކު އަނގަޔާއި ނޭފަތް މަތީގައި ހަރުލައެއް ނޯވެއެވެ. އެހެން ކުދިންގެ މާސްކުގައި އަތްލާ، މޫނުގައާއި ނޭފަތުގައި އަތްލާ ހަދާނެއެވެ.
ކުލާސްރޫމް މާހައުލަށް ބަލާލިޔަސް، ބޯލްޕިޓް، ޕަޒްލް ކަހަލަ ކިތަށް ޓޯއީޒް ކުދިން ހިއްސާކުރާނެ ހެއްޔެވެ؟ 4 ސެޝަނަށް ބައިކުރިއަސް، ކޮންމެ ސެޝަނަކަށް ފަހު، ނޫނީ ވަކިވަކި ދަރިވަރުން ބޭނުން ކުރުމަށް ފަހު ކޮންމެ ބޯޅައެއް ނުވަތަ ޕަޒްލް ކޮޅެއް ޑިސްއިންފެކްޓް ކޮށްދެވޭނެ ހެއްޔެވެ؟ ތުއްތު ކުދިން ބަލަހައްޓަން ތިބޭ ޓީޗަރުންނަށް 6 ފޫޓުގައި ތިބުމަކީ ޕްރެކްޓިކަލް ކަމެއްހެއްޔެވެ؟. ކަންމިހެން އޮތްއިރު އެ ޓީޗަރަކު ކިތަށް ކުދިންނަށް އެކްސްޕޯޒް ވާނެތޯއެވެ؟
ކޮވިޑް-19ގެ ސަބަބުން ގޭގައި ބަންދުވެފައި ތިބެން ޖެހުމާއި، އާއިލާއާއި ރައްޓެހިން އަދި އެހެނިހެން ގާތް މީހުންގެ ކިބަިއން މި ބަލި ފެންނަމުން ދިއުމަކީ ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރަމުން ދާ ކަމެކެވެ. އެހެން ކަމުން މިއީ ދަރިވަރުން ގެންގޮސްގެން ކިޔަވައިދޭން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމުގައި ވެސް ބައެއް ބެލެނިވެރިން ދެކެއެވެ. ހުރިހާ ދަރިވަރުންނަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ނުދެވޭނެ ކަމަށް އެ ބެލެނިވެރިން ދެކެއެވެ. އެގޮތުން، ޔުނިސެފާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ކުރި ޕްލޭނުގައި ވެސް، ބޭބީ ނާސަރީން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށް ވަނީ ކޮވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށް ދައްކައެވެ.
ކޮވިޑް-19ގެ ސަބަބުން ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ސްކޫލުތައް ހުޅުވި ގައުމުތަކުގައި ކަން ކުރާ ގޮތްތައް ބެލުމަށް ފަހު ވެސް ބައެއް ބެލެނިވެރިން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ. އެގޮތުން ސްކޫލަށް ކުދިން ވަންނަ އިރު، ބޭރު ގައުމުތަކުގައި ބަލާ ފެންވަރަށް ހުން ބެލޭނެތޯ ނުވަތަ ރޯގާގެ އަލާމާތެއް ހުންނަ ކުއްޖަކު ގެއަށް ފޮނުވާލަން ކެރޭނެތޯ ވެސް ބައެއް ބެލެނިވެރިން ސުވާލު އުފައްދާފައި ވެއެވެ. މިވީހާތަނަށްވެސް ރޯގާއާއި އެކިއެކި ބަލިތަކުގެ އަލާމާތްތައް ހުރެމެ، އެތައް ދަރިވަރުންނެއް ކުލާސްތަކުގައި ތިއްބެވެ. އޭރުވެސް ބަލި ހުންނަ ކުދިން ސްކޫލަށް ނުގެންދާން އެދިފައިވީ ނަމަވެސް މިކަން ތަންފީޒު ކުރެވުނީ ކޮން ސްކޫލެއްގައި ތޯއެވެ؟ ކަން މިހެން އޮތްއިރު މިހާރު އެކަން އެގޮތަށް ކުރެވިދާނެ ކަމާމެދު ސުވާލު އުފައްދަން ޖެހެއެވެ.
ސްކޫލް ހުޅުވިއަސް ނުފޮނުވާ ބެހެއްޓިދާނެއެވެ. ނަމަވެސް އެއީ އިންސާފެއް ނޫނެވެ. ކިތަންމެ ރަނގަޅަށް ކިޔަވައިގެން ހުއްޓަސް، ހުރިހާ މައިންބަފައިންނަކީ ދެވަނަ މީހަކަށް އިލްމު އުނގަންނައި ދިނުމުގެ ހުނަރު ހުންނަ ބަޔަކަށް ނުވެދާނެއެވެ. ބަހަށް ކިތަންމެ ފަރިތަވިއަސް، ޅަފަތުގައި ބަސް އުނގަންނައި ދިނުމަކީ ކޮންމެ ކޮންމެ މަޔަކަށް ނުވަތަ ބަފަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ވީއިރު، ސްކޫލް ހުޅުވިއަސް ސްކޫލަށް ދަރިފުޅު ނުގެންގޮސް ބެހެއްޓުމަކީ، އެ ދަރިފުޅުގެ ކިބައިން ބެލެނިވެރިންނަށް ނިގުޅައިގަނެވޭނެ ހައްގެކެވެ. އެ ހައްގު ނިގުޅައި ނުގަތުމަށް މި ޖެހެނީ އެ ދަރިވަރުގެ ސިއްހަތު ގުރުބާން ކުރާކަށް ނޫންބާއެވެ.
މި ދަނޑިވަޅުގައި ދަރިފުޅު ސްކޫލަށް ފޮނުވުމުން ގުރުބާން ކުރެވެނީ ހަމައެކަނި ދަރިފުޅުގެ ސިއްހަތެއް ނޫނެވެ. ގޭގައި ތިބޭ އެހެން މީހުން ވެސް އެ ހުށަހެޅެނީ ނުރައްކަލަށެވެ. ހައިޕާ ޓެންޝަން، ހަކުރު ބަލި އަދި ނޭވާލާ ނިޒާމުގެ ބަލި ތަކަކީ ރާއްޖޭގައި އާންމު ބަލިތައް ކަމުގައި ވީއިރު ސްކޫލަށް ދާ ކިތައް ކުދިން އުޅޭ ގޭގޭގައި މިފަދަ ބަލިތައް ހުންނަ ފަރާތްތައް އުޅޭނެތޯއެވެ. މާބަނޑު ކިތައް މީހުން ތިބޭނެތޯއެވެ. މުވާސަލާތީ ވަސީލަތްތަކުގެ ބޭނުން ހިފާ ދަރިވަރުންނަށް ކިޔަވައި ދެވެން އޮއްވާ، އެ ދަރިވަރާއި މުޅި އާއިލާގެ ސިއްހަތު ގުރުބާން ކޮށް ސްކޫލަށް ފޮނުވުމުގެ ބޭނުމަކީ ކޮބާތޯއެވެ. އުނގެނެވޭނީ ވެސް ސިއްހަތު ސަލާމަތުން ތިބެގެންތާއެވެ.
ބައެއް ސްކޫލުތަކުގެ ބަސް
ރާއްޖޭގައި ސަރުކާރުގެ 212 ސްކޫލުގައި ކިޔަވާ 74679 ދަރިވަރުންނާއި ޕްރައިވެޓް 440 ސްކޫލެއްގައި ކިޔަވާ 12878 ދަރިވަރުންނާއެކު ޖުމްލަ 87557 ދަރިވަރުން ދަނީ ސްކޫލުން ތައުލީމު ހާސިލު ކުރަމުންނެވެ. ރާއްޖޭގައި އެއް ދަންފަޅިއަށް ކިޔަވައިދޭ، 153 ސްކޫލު ހުރިއިރު، 206 ސްކޫލެއްގައި އޯލެވެލް އަދި 56 ސްކޫލެއްގައި އޭލެވެލް އިމްތިހާނު ހަދައެވެ.
ޖުލައި 1 ގައި ސްކޫލު ހުޅުވާ ކީ ސްޓޭޖް 4 އަދި 5 ގެ ދަރިވަރުންނަށް ލޮކްޑައުނަށް ލުއިދީ ސްކޫލުތައް ހުޅުވާލަން ނިންމާފައި ވާއިރު، ސްކޫލު ހުޅުވާލާނީ ހުރިހާ ދަރިވަރުންނަކަށް ނޫނެވެ. ރަށްރަށުގެ ސްކޫލުތަކުގެ ކީ ސްޓޭޖް 1 އިން ފެށިގެން މަތީގެ ދަރިވަރުންނާއި، މާލެ ސަރަހައްދުގެ ކީ ސްޓޭޖް 4 އަދި 5 ގެ ދަރިވަރުންނަށެވެ. ރާއްޖޭގައި ކީ ސްޓޭޖް 4 އަކުން މަތީގެ 14430 ދަރިވަރުން ދަނީ ތައުލީމު ހާސިލު ކުރަމުންނެވެ.
ސްކޫލު ހުޅުވުމާ ބެހޭގޮތުން 'ދަ ޕްރެސް' އާ އެ ފަރާތްތަކުގެ ހިޔާލު ހިއްސާ ކުރި ބައެއް ޓީޗަރުން ބުނީ، ސްކޫލުތައް އަލުން ހުޅުވުމަކީ މިހާރަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ކޮވިޑަކީ ފިލައިގެން ދާނެ އެއްޗެއް ނޫން ކަމަށާއި، ބައްޔަށް ބިރަށް ފިލައިގެން އުޅުމަށް ވުރެ މިއާއެކު އުޅެން ދަސްކޮށް ސްކޫލަށް ގޮސް ކިޔެވުން މުހިންމު ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ބައެއް ޓީޗަރުން ބުނީ އޮންލައިންކޮށް ކިޔަވާ ދޭއިރު ކުދިން ކިޔެވުމަށް މަކަރު ހަދާތަން ފެންނަ ކަމަށާއި، ކިޔަވައިދިނުން ފޭސް ޓު ފޭސްކޮށް ގެންދާނަމަ މާ އިފެކްޓިވް ވާނެ ކަމަށެވެ. ނަމަވެސް އެއް ފަހަރާ ހުރިހާ ކުދިން ގެންދިއުމަށް ވުރެ ނިއު ނޯމަލްގައި ފިޔަވަހި ތަކަކަށް ބަހާލައިގެން ގެންދިއުން ރަނގަޅު ކަމަށް ޓީޗަރުން ބުނެއެވެ.
އޮންލައިން ކްލާސްތައް ނެގުމާ ބެހޭގޮތުން ބައެއް ޓީޗަރުން ބުނީ، ބޮޑެތި ކުދިންނަށް އޮންލައިން ކޮށް ކްލާސް ކުރިއަށް ގެންދިމުގައި ދަތިތައް ދިމާވާ ކަމަށާއި، ކުޑަކުދިންނަށް އޮންލައިން ކްލާސްތައް ކުރިއަށް ދެވިދާނެ ކަމަށެވެ. ބޮޑެތި ކުދިން ވީމައި ބެލެނިވެރިން އެ ކުދިން އަމިއްލައަށް ކިޔަވަން ދޫކޮށްލާފައި ތިބޭތީ ކުދިން މަކަރު ހަދާ، ކިޔެވުމަށް ފަރުވާ ކުޑަކަމަށް ޓީޗަރުން ފާހަގަ ކޮށްފައި ވާއިރު، ކުޑަކުދިންނަށް އޮންލައިންކޮށް ކިޔަވައި ދެވެނީ އެކުދިންގެ ބެލެނިވެރިން ކައިރީގައި ތިބޭތީ ކަމަށް ވެސް ޓީޗަރުން ބުނެއެވެ.
މީގެ އިތުރުން މާލެ ސަރަހައްދު ނޫން ކޮވިޑް ފެނިފައިވާ ބައެއް ރަށްތަކުގެ ސްކޫލުތަކުގެ ވެރިން ވެސް ވަނީ އެ ރަށްތަކުގައި ސްކޫލުތައް ހުޅުވައިގެން ކިޔަވައިދިނުމާ އެއްބަސް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ނަރުދޫން 'ދަ ޕްރެސް' އަށް މައުލޫމާތުދިން އެރަށު ސްކޫލުގެ އިސްފަރާތަކުން ވިދާޅުވީ އެ ރަށުގައި ސްކޫލު ހުޅުވައިގެން ކުދިންނަށް ކިޔަވައި ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި ކޮވިޑް އެރަށުގައި ނެތުމުން، ސްކޫލުގައި ބަލި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
މިކަމާ ގުޅިގެން މާލޭ ސްކޫލެއްގެ އިސް ފަރާތަކުން ވިދާޅުވީ، މިދަނޑިވަޅުގައި ސްކޫލުތައް ހުޅުވުމަކީ އެންމެ ބުއްދިވެރި އަދި ރަނގަޅު ގޮތް ކަމަށެވެ. އަދި އެޗްޕީއޭއިން ނިންމާ ގޮތެއްގެ މަތިން ދަރިވަރުން ސްކޫލަށް ގެންގޮސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުން ހާސް ވާން ޖެހޭ ކަމެއް ނެތް ކަމަށް އެ ފަރާތުން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޮންލައިންކޮށް ކްލާސްތައް ގެންދިއުމަށް ވުރެ ކްލާސްރޫމުގައި ކުދިންނަށް ކިޔަވައި ދިނުން މާ ރަނގަޅު ކަމަށެވެ.
މީގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޝުޖާއު އަބްދުއް ރަހީމް ވިދާޅުވީ، ބޮޑެތި ކުދިންނަށް ނިއުނޯމަލްގައި ސްކޫލުތައް ހުޅުވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އެއީ އެ ކުދިންގެ ކިޔެވުން ގެއްލިގެން ހިނގާދާނެތީ ކަމަށާއި، ލޮކްޑައުންގައި ގޭގައި ތިބެ އެކުވެރި ރައްޓެހިންނާ ބައްދަލުކުރާ ހިތުން ތިބި ކުދިން ސްކޫލަށް ގޮސް ރައްޓެހިންނާ ބައްދަލުވުމަކީ ވެސް ފައިދާ ހުރި ކަމެއްގެ ގޮތުގައި ޝުޖާއު ފާހަގަ ކުރައްވައެވެ. އޭނާ ވިދާޅުވީ ގްރޭޑް 9 އަކުން މަތީގެ ކުދިންނަށް މިހާރު މި ބަލީގެ ގޮތް އިނގޭނެ ކަމަށާއި މާސްކު އަޅައިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ކިޔެވުން ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
ފަހުގެ ތައްޔާރީ
ނިއު ނޯމަލްގައި އެޗްޕީއޭން ކަނޑައާޅާ އުސޫލުތަކާ އެއްގޮތަށް ސްކޫލުތައް ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން، ސްކޫލް ތަކުގައި ގާއިމް ކުރަން ޖެހޭ އަތް ދޮންނަ ތަންތަން މިހާރު ހަދަމުންދާ ކަމަށާއި ސްކޫލަތައް ހުޅުވޭއިރު ހުރިހާ ސްކޫލެއްގައި އަތް ދޮންނަ ތަންތަން ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ހުރިހާ ސްކޫލްތަކަށް ހުންބަލާ ތާމޯމީޓާ ފޮނުވަމުންދާ ކަމަށާއި ސްކޫލްތަކުގައި ކުރަން ހުރި މަރާމާތު ވެސް ސްކޫލްތައް ހުޅުވުމުގެ ކުރިން ނިމޭނެ ކަމަށެވެ. އަދި ސްކޫލްތައް ހުޅުވާއިރު ދަރިވަރުންނަށް ދިމާވެދާނެ ނަފްސާނީ ބަލިތަކަށް އެހީ ފޯރުކޮށް ދިނުމަށް 11000 ޓީޗަރުންނަށް ބޭސިކް ސައިކޯ ސޯޝަލް ސަޕޯޓާއި ސައިކޮލިޖިކަލް ފަސްޓަ އެއިޑް ޓްރޭނިން ދޭން ފަށާފައިވާ ކަމަށާއި ސްކޫލްތައް ސެނެޓައިޒް ކޮށް އަދި ޑިސްއިންފެކްޓް ކުރާނެ ގޮތުގެ ތަމްރީން ދަނީ ހިންގަމުން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
ޖުލައި މަހު މާލެ ސަރަހައްދުގައި ގްރޭޑް 9 އަކުން މަތީގެ ދަރުިވަރުންނަށް ކިޔަވައިދޭން ނިންމާފައި ވައިރު، ޖުލައި މެދުތެރޭގައި ކީ ސްޓޭޖް 3 (ގްރޭޑް 7 ،8) ގެ ކިޔެވުން ފެށުމަށް ވަނީ ނިންމާފައެވެ. އަދި ކީ ސްޓޭޖް 1 އަދި 2 (ގްރޭޑް 1 އިން ގްރޭޑް 6) ގެ ކިޔެވުން ފަށާނީ އޮގަސްޓް މަހު ކަމަށް ނިންމާފައި ވާއިރު ޕްރީ ސްކޫލު ދަރިވަރުންނަށް ސްކޫލު ހުޅުވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުއެވެ.
ހަވީރު ފިނިބުރުޖަހާ އަޗާތަޅަން ޤުރުބާން ކުރާއިރު ކީއްވެ އުނގަންނައިދޭންނުކުރަންވީ؟