ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ، އެކަމަނާ އަށް ހަވާލުކޮށްފައިވާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

އެ ކޮމެޓިގެ މުގައްރިރު މުހައްމަދު ފަލާހު އަށް ޖާބިރު ފޮނުއްވި ސިޓީއެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށް އަރާ ފޭބުމުގެ ދަތިކަން ނައްތާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެއް ކަމަށެވެ. ނަމަވެސް މިހާރު ރަށްރަށަށް އަރާ ފޭބުމުގައާ އަދި ރަށްރަށުގައި ހަދާފައިވާ ބަނދަރުތައް ބޭނުން ކުރުމުގައި އެއްވެސް ހަމައެއް ލަމައެއް ނެތް ކަމަށް ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އެ ސިޓިގައި މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތް ކުރުން މަނާކުރެވިފައިވީ ނަމަވެސް އެކަން ބޮޑުކޮށް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މި ކަންކަން މި ދިމާވަނީ ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހަދަންޖެހޭ ގަވާއިދާ އުސޫލުތައް ފުރިހަމަނުވުމުން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން އޭނާ ވަނީ މިނިސްޓަރު ނަހުލާ އެކަމަނާގެ ޒިންމާ އަދާ ނުކުރައްވާތީ ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ޖާބިރު ވަނީ މީގެކުރިންވެސް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ މަޖިލީހުގެ ޖަލްސާ އަށް ހާޒިރު ކުރައްވާފައެވެ. މީގެއިތުރުންވެސް ޖާބިރަކީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ގަރާރުތައް ހުށަހަޅުއްވަމުން ގެންދަވާ އެއް މެންބަރެވެ. ނިމިދިޔަ މަޖިލީހުގެ ދައުރުގައިވެސް އެންމެ ގިނަ ގަރާރުތައް ހުށަހެޅުއްވީ އޭނާއެވެ.