ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް މެދުއިރުތަމީގެ މަސްރަހުން އެންމެ ސީރިއަސް ދަރަޖައެއްގައި ރިޕޯޓްކުރަން ފެށި އީރާނުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 10000 މީހަކު މިހާރު ވަނީ މި ބައްޔަށް އިންފެކްޓްވެފައެވެ. ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 100 އެއްހާ މީހުން މި ބަލީގައި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލައިފިއެވެ. ކަންމިހެން އޮތްއިރު، ޔަމަނާ ގައްޒާއިން ވަނީ ބަލިމަޑުކަމުގެ ދެވަނަ ރާޅެއް ކުރިމަތިވަމުން އަންނަ ކަމުގެ އިންޒާރު ދީފައެވެ.
ޔަމަނު: ބޮޑު ކާރިސާއެއްގެ ތުންފަތްމަތީގައި
5 އަހަރުވީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގެ ސިއްހީ ނިޒާމު އޮތީ އިނދަޖެހިފައެވެ. މިފަދަ ހާލެއްގައި ވަނިކޮށް ކޮވިޑް-19ގެ ބަލިމަޑުކަން މިވަނީ ޔަމަނަށް ހަމަލާދީފައެވެ. ޔަމަނުގައި އެހީދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑޮކްޓާޒް ވިތައުޓް ބޯޑާޒް ނުވަތަ މެޑިސިންސް ސާސް ޕްރޮންޓިއާޒް (އެމްއެސްއެފް)އިން ބުނީ، އެ ޖަމިއްޔާއިން ޔަމަނުގައި ހިންގާ ހޮސްޕިޓަލެއްގައި މަރުވަމުންދާ ކޮވިޑް-19ގެ ޕޭޝަންޓުންނަށް ބަލާއިރު، ބޮޑު ކާރިސާއެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.
އެމްއެސްއެފްއިން އާންމު ކުރި ބަޔާނެއް ބުނާ ގޮތުގައި މިއަހަރުގެ އޭޕްރިލް 30 ވަނަ ދުވަހާ މެއި 17 ވަނަ ދުވަހާ ދެމެދު، އެ ޖަމިއްޔާއިން އޭޑަންގައި އޮޕަރޭޓްކުރާ ހޮސްޕިޓަލުގައި ކޮވިޑް-19 ޖެހިގެން 173 ޕޭޝަންޓުން އެޑްމިޓްކުރެވުނެވެ. އަދި މީގެ ތެރެއިން 68 މީހަކު މިހާރު ދުނިޔެ ދޫކޮށްފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އދއިން ބަލައިގެންފައިވާ ޔަމަނުގެ މައި ސަރުކާރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 193 ކޭހެކެވެ. އަދި މި ބަލީގައި މަރުވެފައިވަނީ 33 މީހުންނެވެ.
ނަމަވެސް ޔަމަނުގައި ހަރަކާތްތެރިވާ އެމްއެސްފްގެ އޮޕަރޭޝަންސް މެނޭޖަރު ކެރޮލައިން ސެގުއިން ވިދާޅުވީ، އެ ޖަމިއްޔާއިން ފަރުވާ ދޭ މަރުކަޒުގައި އެ ފެންނަނީ ކަނޑުގައި އޮތް ގަނޑުފެން ފަރުބަދައެއްގެ އެންމެ މަތީކޮޅު ކަމަށާ، އަޑިނޭނގޭ ފުން ރާސްތާއަކަށް އެ ނުރައްކާ ފެތުރިފައިވާނެ ކަމަށެވެ.
ސެގުއިން ވިދާޅުވީ ފަރުވާ ހޯދުމަށް އެދި އެމީހުންނާ ހިސާބަށް ޔަމަނުގެ އާންމުންނަށް އާދެވެނީ މާ ބޮޑަށްވެސް ލަސްވާ ފަހުން ކަމަށާ، އެއްވެސް ގޮތަކަށް ނާންނަ މީހުންވެސް އެބައުޅޭ ކަމަށާ، އެމީހުން މަރުވެދަނީ އެމީހުންގެ ގެތަކުގައި ކަމަށެވެ.
ކަންމިހެން އޮތްއިރު ފާހަގަކުރަންޖެހޭ ކަމަކީ ޔަމަނުގެ ސަރުކާރުން އާންމު ކުރަމުންދާ ތަފާސް ހިސާބުތަކަކީ އެގައުމުގެ އުތުރުން ލިބޭ އެއްވެސް މައުލޫމާތެއް ހިމަނާފައި ނުވާ މައުލޫމާތުތަކެއް ކަމެވެ. މި ސަރަހައްދަކީ ސަރުކާރާ ދެކޮޅު ހޫތީ ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮތް ސަރަހައްދެވެ. އަދި ބަލިމަޑުކަން އެސަރަހައްދުގައި ފެތުރިފައި އޮތް ގޮތް އަދާ ޖެހުނުއިރުވެސް ސިއްރުކޮށްފައިވާކަމަށް މެދުއިރުމަތީގެ މީޑިއާއިން ރިޕޯޓްކުރެއެވެ.
ހޫތީއިން ކޮންޓްރޯލް ކުރަމުންދާ ސަރަހައްދުން މިހާތަނަށް ރިޕޯޓްކޮށްފައިވަނީ އެންމެ 4 ކޭހެވެ. އަދި 1 މަރުގެ ކޭހެވެ. އެމްއެސްއެފްއިން ވަނީ، ހޫތީން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ހިދުމަތްކުރަމުންދިޔަ ވޯލްޑް ފުޑް ޕްރޮގްރާމްގެ ޒުވާން މުވައްޒަފަކު އެ ސަރަހައްދުގައި މަރުވިކަން ހާމަކޮށްފައެވެ.
ޔަމަނުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދިއުމަކީ ބައިނަލްއަގުވާމީ މެޑިކަލް ކޮމިއުނިޓީ އިންތިހާއަށް ކަންބޮޑުކުރުވާކަމެކެވެ. އެހެނީ ޔަމަނުގެ އަދުގެ ހާލަތަށް ބަލާއިރު، ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިމަޑުކަމެއް، އަލިފާންގަނޑެއްގެ ހުޅު ފަޅައިގެންދާހާ ހަލުވި މިނުގައި ޔަމަނުގައި ފެތުރިގެން ދިއުމުގެ އިންތިހާ ބިރުވެރިކަން އޮތުމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ މޮޑެލް ބުނާ ގޮތުގައި 30 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޔަމަނުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ބަލިޖެހުން ގާތެވެ. އަދި މި ބަލީގައި 40000 އެއްހާ މީހުންގެ ފުރާނަ އެގައުމުން ގެއްލިދިއުމުގެ ފުރުސަތުވެސް އެބައޮތެވެ.
ޔަމަނުގެ ސިއްހީ ހިދުމަތްތުގެ ނިޒާމު އޮތީ ހަފުސްވެފައެވެ. ޔަމަނުގެ 333 ޑިސްޓްރިކްޓްގެ ތެރެއިން 18 ޕަސެންޓް ސަރަހައްދުގައި އެންމެ ޑޮކްޓަރެއްވެސް ނެތެވެ. ފެނާ ނަރުދަމާގެ ނިޒާމު އޮތީ އިނދަޖެހިފައެވެ. ދުވާލަކު 1 އިރުގެ ކެއުން ހަމަޖައްސާލާނެ ތަނަވަސްކަން ނެތް އާއިލާތަކުގެ އަދަދު އިންތިހާއެވެ.
ގައްޒާއިންވެސް ކަންބޮޑުވުންތަކެއް
މެދިއިރުމަތީގެ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކާއިރު ގައްޒާގެ ވާހަކަ ނުދައްކާ ވާކަށް ނެތެވެ. ފާއިތުވީ 3 ދުވަހަށް ބަލާލިކަމުގައި ވީ ނަމަވެސް ގައްޒާގެ ސިއްހަތާ ބެހޭ ވުޒާރައިން ވަނީ މުޅިން އަލަށް 35 ކޭހެއް ރިޕޯޓްކޮށްފައެވެ. މިއާއެކު ގައްޒާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 55 އަށް ވުރެ މައްޗަށް އެރީއެވެ.
ގައްޒާއިން ކޮވިޑް-19 ޖެހިގެން އަލަށް ރިޕޯޓްކުރި ގޭސްތަކަކީ ބޭރު ސަރަހައްދުތަކުން އައިސް ކަރަންޓީނު ފެސިލިޓީތަކުން ރިޕޯޓްކުރި ކޭސްތަކެކެވެ.
ގައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ އިސް އޮފިޝަލެއް ކަމަށްވާ ޔޫސުފް އަބޫ އިލް-ރީޝް ވިދާޅުވީ، ކަރަންޓީނު ފެސިލިޓީތަކުން ބޭރަށް ބަލިމަޑުކަން ފެތުރިފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ. ކަރަންޓީނު ފެސިލިޓީތަކުގައި މިހާރުވެސް 2000 އެއްހާ މީހުން އެބަތިބިކަމަށް މައުލޫމާތު ލިބެއެވެ.
ޔަމަނެކޭ އެއްފަދައިން ގައްޒާގެ ސިއްހީ ނިޒާމުވެސް އޮތީ އިނދަޖެހިފައެވެ. 2007 ވަނަ އަހަރު ހަމާސް ޖަމާއަތުން ގައްޒާގެ ކޮންޓްރޯލް ނެގި ހިސާބުން މިސްރުންވެސް ދަނީ ގައްޒާއަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އިސްރާއީލުގެ ފިއްތުންތަކުގެ ވާހަކައަކީވެސް އާ ވާހަކައެއް ނޫނެވެ.
2 މިލިއަނެއްހާ މީހުންގެ އާބާދީއެއް ގޮތް ގައްޒާގައި ހުރީ އެންމެ 60 ވެންޓިލޭޓަރެވެ.
މިސްރުން މައުލޫމާތު ހިފެހެއްޓުން
މިސްރަކީ އަބަދުވެސް ތަފާތު ކަންތައްތަކެއް ފެންނަ ގައުމެކެވެ. ކޮވިޑް-19 ބަލިމަޑުކަމުގައިވެސް ވަނީ މިފަދަ ގޮތެކެވެ. މިސްރުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ރަސްމީ ރެކޯޑްތަކަކީ ކޮބައިތޯ ސުވާލުކޮށްލާ މީހަކަށްވެސް ކުރިމަތިލާންޖެހެނީ ޖަލުގެ ގޮޅިއަކަށެވެ. ނުވަތަ އެމީހެއްގެ ވަޒީފާ ގެއްލުން ފަދަ ކަމަކާ ކުރިމަތިލާންޖެހެއެވެ.
ކަންމިހެން އޮތްއިރު، މިސްރުގައި ކޮވިޑް-19 ފެތުރިފައިވާ ހަގީގީ މިންވަރަކީ އެގައުމުން ރިޕޯޓްކުރާ މިންވަރުތަކަށްވުރެ މާ ނުރައްކާ ދަރަޖައެއްގައި އޮތް ކަމެއް ކަމަށް އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ފުރަތަމަ ފަހަރަށް އިއުތިރާފުވެވަޑައިގެންފައެވެ. އެގޮތުން މިސްރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޚާލިދު ޢަބްދުލްޣައްފާރު ވަނީ، ލަފާކުރާ މޮޑެލްއަކަށް އިޝާރާތް ކުރައްވާ، އެއީ އަދުގެ ހަގީގަތަށްވުން އެކަށީގެންވާކަން ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ.
މިސްރުގެ ރައީސް ޖެނެރަލް ޢަބްދުލްފައްތާހު އަލް ސީސީގެ ވެރިކަމުގެ، މީޑިއާގެ ދައުރު އޮތީ އިންތިހާއަށް ހަނިކުރައްވާފައެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ ނަމުގައި، ކޮވިޑް-19އާ ގުޅޭ ހުރިހާ ކަމެއް ބަލަހައްޓަނީ މިސްރުގެ ސަރުކާރުންނެވެ. މިސްރުގެ މަސްރަހުން ޚަބަރު ތިލަކުރާ ބޭރުގެ ނޫސްވެރިންނަށްވެސް ޖެހެނީ އެގައުމުން ފައިބާށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނުރައްކާ ދުނިޔޭގެ ހުރިހާ ބިތަކަށް ހެން ކުރިމަތިވެފައިވާއިރު، މެދުއިރުމަތީގެ މަސްރަހާ މެދު އެތައް ބައެއްގެ ކަންބޮޑުވުންތައް ހުރިއިރު، މިއީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ހައްލެއް ހޯދުމަށް ދަތިވެފައިވާ ކަންބޮޑުވުންތަކެކެވެ.