ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެންނަން ބޭނުންވާ ވެންޓިލޭޓަރުގެ ގެނައުމުގައި ސަރުކާރުން އަމަލުކޮށްފައި ވަނީ އުސޫލުން ބޭރުން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ވެންޓިލޭޓަރުގެ މައްސަލާގައި ތައްޔާރު ކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ވެންޓިލޭޓަރު ގެނައުމުގައި އަމަލު ކޮށްފައި ވަނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ކަމަށް ވާއިރު، އެކަމަށް ވަކި ހާއްސަ ހުއްދަ ދެވުމަކީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަގްސަދުތައް ހާސިލުކުރުމަށް ހުރަސްއެޅޭ އަދި ކޮރަޕްޝަނުގެ ރިސްކް އިތުރުވާނެ ކަމެއް ކަން ފާހަގަކުރެވޭ ކަމަށް ބުނެފައި ވެއެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހުތިމާލު ބޮޑުވެގެން ދާނެކަން ފާހަގަކުރެވޭ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ނާޑް ކުންފުނިން ސަޕްލައި ކުރުމަށް ހަވާލުކޮށްފައިވާ ހަތަރު ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރުގެ ޕްރޮސެސް ޕްރޮކިއުމެންޓް ކުރިޔަށް ގެންގޮސްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބުނާ ރެސްޓްރިކްޓިކް ޓެންޑަރިން އުސޫލުގެ ދަށުން ކަމަށެވެ.
ބިޑް ހުށައެޅުމުގެ ރިކުއެސްޓް 16 ފަރާތަކަށް ފެބްރުއަރީ 23 ވަނަ ދުވަހު ހެލްތް މިނިސްޓްރީން ފޮނުވާފައިވާ ކަމަށް އޭސީސީގެ ރިޕޯޓުން ވަނީ ފާހަގަކޮށްފައި ވާއިރު، 23 ވަނަ ދުވަހުގެރޭ ބިޑު ބައްދަލުވުން ބާއްވާ ބިޑުތައް ބަލައިގަނެފައިވަނީ 24 ވަނަ ދުވަހު ކަމަށް އޭސީސީން އެކުލަވާލީ ރިޕޯޓުގައި ބުނެއެވެ. ނަމަވެސް އެ މުއްދަތަކީ ރެސްޓްރިކްޓެޑް ޓެންޑަރިނެއްގައި ދިނުމަށް ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރު މުއްދަތެއް ކަމަށްވެސް އޭސީސީން ބުނެއެވެ.
75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީގެ ކުންފުންޏަކީ ވިޔަފާރީގެ ހުއްދަތައް އޮތް ކުންފުންޏެއް ކަމަށް އޭސީސީން ބުނެގފައި ވާއިރު، އެކުންފުންޏަށް ފައިސާ ފޮނުވާފައި ވަނީވެސް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށް އޭސީސީ އިން ބުނެއެވެ. ނާޑް ކުންފުންޏަށް ގެނައުމަށް ހަވާލުކުރި ވެންޓިލެޓަރުތަށް ނުގެނެވިވާއިރު އެ މުއްދަތު އިތުރު ކުރުމަށް ދިން ތާރީހަށް ބަދަކު ގެނެސްފައި ވަނީ އެކުންފުނިން ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭސީސީން ބުނެއެވެ.
އަދި އެ ރިޕޯޓިގައި ފާހަގަ ކޮށްފައިވާ ގޮތުން އެސްޓޯއޯއިން ކަނޑައަޅާފައިވާ އަގުތަކަކީ ބޮޑު އަގުތަކެއް ކަމަށާއި މިހާތަނަށް ކޮރަޕްޝަންގެ އަމަލެއް ފާހަގަ ކޮށްފައި ނުވި ނަމަވެސް އެކަމުގެ ރިކްސް އޮތުމުން މައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފާހަގަ ކޮށްފައި ވެއެވެ.