ނ. މަނަދޫއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެ ރަނގަޅުވި ދުވަސްވީ މީހާ މަރުވެއްޖެއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން މަނަދޫ ކައުންސިލުން ބުނީ އެ މީހާ މަރުވެފައިވާ ކަން އާއިލާއިން މިރޭ 7 ޖަހާކަން ހާއިރު އަންގާފައިވާ ކަމަށެވެ.

ނ. މަނަދޫން ކޮވިޑަށް ޕޮޒިޓިވް ވީމާއަކީ ކޮވިޑާ ގުޅުން ނެތް ބައްޔެއްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުން ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ވީއެވެ. އަނެއްކާ ފަހުން ހެދި ޓެސްޓަކުން ނެގެޓިވެ ވެފައި ތިން ވަނައަށް ހެދި ޓެސްޓަކުން އަނެއްކާ ޕޮޒިޓިވް ކަަމަށް ދެއްކީއެވެ.

ނަމަވެސް 4 ވަނަ ފަހަށް ޓެސްޓް ހެދިއިރު ނެގެޓިވް ވެ ބަލިން ރަނގަޅުވި ކަމަށް ނިންމާ ދޫކޮށްލި އިރުވެސް ކުރިން ފަރުވާ ހޯދަމުން ދިޔަ ބައްޔަށް އޭނާ ދިޔާއީ ފަރުވާ ލިބިގަންނަމުންނެވެ.

ރޭ މާ ބޮޑަށް އޮކްސިޖަން ދައްވުމުން ވެންޓިލޭޓަރަށް ލި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮވިޑަށް ޕޮޒިޓިވް ވެ، ނެގެޓިވް ވެ އަނެއްކާ ޕޮޒިޓިވް ވި މީހާއާ ކޮންޓެކްޓުވި އިތުރު ނުވަ މީހަކު އެރަށުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 52 މީހެއްގެ ސާމްޕަލާއި ރެންޑަމް ސާމްޕަލާ އެކު 86 ސާމްޕަލެއް މާލެ ގެނެސް ޓެސްޓް ކުރިއެވެ. އަދި އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވި 9 މީހުން ބަދަލު ކުރީ އިރުފުއްޓަށެވެ.

ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު 1216 އަރާފައި ވާއިރު، މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅު ވެފައި ވަނީ 91 މީހެކެވެ. އަދި މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.