ދަރިވަރުންނަށް މާލީގޮތުން އެހީ ވުމަށް އިސްލާމިކް ޔުނިވާސިޓީގެ ކޯސްފީތަކުގެ 20 ޕަސެންޓް ކުޑަކޮށްދީފިއެވެ.
އިސްލާމިކް ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ ކޯސްފީތަކުގެ 20 ޕަސެންޓް ކުޑަކުރުމަށް ނިންމީ ކޮވިޑް-19އާ ގުޅިގެން މާލީ ގޮތުން މިވަގުތު ދަތިވެފައިވާތީއާއެކު ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެެވެ.
ނަމަވެސް ދަރިވަރުންނަށް ފިލާވަޅުތައް ގެއްލުނު ނުދިނުމުގެ ގޮތުން މިމަހުގެ 29 އިން ފެށިގެން ކިޔެވުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށްވެސް އެ ޔުނިވާސިޓީން ބުނެއެވެ.
މީގެ އިތުރުން އެ ޔުނިވާސިޓީން ބުނީ އޮންލައިންކޮށް ކިޔަވައިދިނުމަށް ޔުނިވާސިޓީގެ މަޖިލީހުން ރުހުން ދީފައި ވުމާއެކު އެކަޑެމިކް ބޯޑުންވެސް ވަނީ އެކަން ފާސްކޮށް އެކަމާ ގުޅިގެން އެކަޑެމިކް ކަލަންޑަރަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައި ކަމަށެވެ.
އިސްލާމިކް ޔުނިވާސިޓީން މިދިޔަ އޭޕްރީލް މަހު ފަހަކުން ފެށިގެން އޮންލައިންކޮށް ކިޔަވައިދިނުން ވަނީ ކުރިއަށް ގެންގޮސްފައެެވެ. ނަމަވެސް މާލެއިން ކޮވިޑްގެ ކޭސްއެއްފެނި ލޮކްޑައުން ކުރުމާއި ގުޅިގެން މިމަހުގެ އެކަކުން ފެށިގެން 28 އަށް އޮންލައިންކޮށް ކިޔަވައިދުނުންވެސް ވަނީ މެދުކަނޑާލައިފައެެވެ.