ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން ދާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ޖަޕާނުން ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ. ޖަޕާނުން މިއެހީ ދީފައިވަނީ ޔޫއެންޑީޕީ މެދުވެރިކޮށެވެ.

ޖަޕާނުގެ މި އެހީއަކީ، ކޮވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުން ދިން 21,740,400 ރުފިޔާގެ އެހީގެ ސަބަބުން، ރާއްޖެ އަލުން ހުޅުވާލާއިިރު ދިވެހި ސަރުކާރަށާއި ވިޔަފާރިވެރިންނަށް ފައިދާ ކުރާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ޖަޕާނު ސަރުކާރުން މީގެ ކުރިންވެސް ރާއްޖެއަށް 8.4 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އެ އެހީ ދިނީ ބޭސްވެރިކަމުގެ ސާމާނާއި ނުވަތަ މެޑިކަލް އިކްއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމު ކުރުމަށް އެހީ ވުމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަން ފޫފެއްދުމަށް ސަރުކާރުން ހޯދާ މާލީ އެހީއާއި ލޯނުފެސިލިޓީތައް އެއްކޮށް މިހާތަނަށް 290 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވެއެވެ.