ރާއްޖޭގައި ކޮވިޑް ޖެހި ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން 91 މީހަކު ރަނގަޅު ވެއްޖެއެވެ. އެޗްޕީއޭއިން ބުނީ އެއީ މިހާތަނަށް ބަލި ޖެހުނު މީހުންގެ ނިސްބަތަށް ބަލާނަލަ 7 ޕަސެންޓް ކަމަށެވެ.

އެޗްޕީއޭއިން ހާމަކުރި ލިސްޓުގައި ވާ ގޮތުން އެންމެ ފަހުން ރަނގަޅު ވެފައި ވަނީ އިއްޔެގެ ތާރީހުގައި ކޭސް ނަންބަރު 470 އާއި 214 އާއި 183 އާއި، 170 އާއި 151، 150، 148، 147، 146، 144، 101 އެވެ. ދެ މީހަކު ފިޔަވާ އިއްޔެގެ ތާރީހުގައި ތިބި އެންމެންނަކީވެސް ބަންގްލަދޭޝް މީހުންނެވެ.

އެހްޕީއޭގެ ޑޭޝްބޯޑަށް ބަލާއިރު މާލެ ތެރެއިން ކޮވިޑް ފެނުމުގެ ފެށުން ކަމުގައިވާ ޖަރީމާގެ ކްލަސްޓާގެ ފުރަތަމަ ކޭސް، ކޭސް 21 އަދިވެސް ރަނގަޅެއް ނުވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދިން ބައެއް މަސްދަރުތަކުން ބުނީ، ޖަރީމާގޭގެ ކްލަސްޓާގައި ހިމެނޭ ބައެއް ކޭސްތައް ނެގެޓިވް ވެ އަނެއްކާ ޕޮޒިޓިވް ވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އެޗްޕީއޭއިން އެއްވެސް އެއްޗެސް ބުނެފައެއް ނުވެއެވެ.

ޖަރީމާގޭ ކްލަސްޓާއިން 3 މީހުން އަދި ރަނގަޅު ނުވާއިރު އެ ކްލަސްޓާއަކީ ހުސްޕި އޭޕްރީލް މަހުގެ 15 އާއި 16 ވަނަ ދުވަހު ޕޮޒިޓިވް ވެގެން އައިސޮލޭޝަނަށް ގެންދިޔަ ކްލަސްޓާއެކެވެ. އެ ކްލަސްޓާއިން މިހާތަނަށް 2 މީހުން ވަނީ ރަނގަޅުވެފައެވެ. އެއީ އަންހެނަކާއި ކުޑަކުއްޖެއެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މީހުން ރަނގަޅުވާ ނިސްބަތް ލަސް ކަމަށް ޑޮކްޓަރުން ވިދާޅުވާ އިރު، އެޗްޕީއޭގެ ޑޭޝްބޯޑަށް ބަލާލުމުންވެސް އެކަން ފާހަގަ ވެއެވެ. ޑޭޝްބޯޑު ދައްކާ ގޮތުން ހުސްޕި އޭޕްރީމް މަހުގެ 15 އިން ފެށިގެން ޖެހިގެން އައި ކޮންމެ ދުވަހަކު ޕޮޒިޓިވް ކޭސްތައް ފެންނަމުން ދިޔަ އިރު ރަނގަޅުވަމުން އައި ތަރުތީބު އޮތީ ބަލި ޖެހެމުން އައި ތަރުތީބާ ދިމާ އިދިކޮޅަށެވެ. ބަލި ޖެހި އައިސޮލޭޝަނުގައި މަހަކަށް ވުރެ ގިނަ ދުވަސްވީ އެތައް ބަޔަކު އެބަތިއްބެއެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ރާއްޖޭގައި މިހާތަނަށް 1186 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.