ދަރުމަވަންތަ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި އޮތް މީހާގެ ނަތީޖާ ނެގެޓިވް ވެ ކޮވިޑުން ރަނގަޅު ވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި އޮތީ ދެ މީހުން ކަމަށެވެ. އޭގެ ތެރެއިން ވެންޓިލޭޓަރުގައި އޮތް މީހާ ވެންޓިލޭޓަރުން ނަގައި އެމީހާގެ ޓެސްޓް ހަދާފައި ކަމަށާއި ނަތީޖާ ނެގެޓިވް ކަމަށެވެ.

މިއަދުގެ މިހާތަނަށް އިތުރު 12 މީހަކު ވަނީ ރިކަވާ ވެފައިވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ޑީއެޗް 11 ގައި އޮތީ ދެ މީހުން. އޭގެ ތެރެއިން ވެންޓިލޭޓަރުގައި އޮތް މީހާ ވެސް މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފައި. މިއަދުގެ މިހާތަނަށް އިތުރު 12 މީހަކު ވަނީ ރިކަވާ ވެފައި."
ޑރ. އަފްޒަލް

ވެންޓިލޭޓަރުގައި ފަރުވާ ދެނީ އެންމެ މީހަކަށް ކަމަށް އެޗްޕީއޭން ހާމަ ކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 1143 އަށް އަރާފައި ވާއިރު، މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅު ވެފައި ވަނީ 86 މީހެކެވެ. އަދި މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ.

އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.