އެޗްޕީއޭގެ ވެބްސައިޓާއި ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައި ވާއިރު އެ ދެ ކަންތައް ވީ ގޮތް މިހާތަނަށް ފުލުހުންނަށް ސާފުކޮށް ދެވިފައި ނުވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށް ވާތީ ސަރުކާރަށް ލަފާ ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ފުލުހުންނާއި ސިފައިންގެ ކަންކަން ދިރާސާކޮށް އެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު މަޖިލީހަށް ހުށަހަޅާފައެވެ.

އެ ރިޕޯޓާ ގުޅޭ ގޮތުން ވަހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީ ރިޕޯޓު އެކުލަވާލި ފަހުން ވެސް ގިނަ ޖިނާއީ މައްސަލަތަކެއް އައިސްފައިވާ ކަމަށެވެ. އެޗްޕީއޭގެ ވެބްސައިޓާއި ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައި ވާ ކަން ފާހަގަ ކުރެއްވަމުން އެމަނިކުފާނު ވިދާޅުވީ އެ ދެ ކަންތައް ވެގެން ދިޔަ ގޮތް ފުލުހުންނަށް މިހާތަނަށް ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ޓޫރިސްޓުން ތަކަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ދޫކުރެވިފައި ވާތީ އެކަމާ ވެސް ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މިފަހުން ގަސްދުގައި ތަންތަނުގައި ރޯކޮށް އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ނަޝީދު އިޝާރާތް ކުރެއްވީ މިހަފުން މާލެއާއި އަތޮޅުތެރޭގައި މީހުންގެ މުދަލުގައި ރޯކުރި ހާދިސާތަކަށް ކަމަށް ބެލެވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ފަރާތުން އަޅަމުންދާ ފިޔަވަޅުތަކަށް ރައީސް ނަޝީދު އަންނަނީ ފާޑު ވިދާޅުވަމަުންނެވެ. އެގޮތުން ދާދި ފަހުން އެ މަނިކުފާނު ވަނީ މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވެފައި ތިބި މީހުންނަށް ރަށަށް ދޭވެ އިންތިޒާމް އަވަހަށް ހަމަޖައްސައި ނުދޭތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން ކޮވިޑާ ގުޅިގެން މުސާރައަށް ބަދަލު ގެނައުމުގައި ފިނޭންސުން އަމަލު ކުރަަމުންދާ ގޮތަށް ވެސް ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން މޭއި މަހުގެ މުސާރަ އުނިކުރާ ކަން މޭއި މަހު ބުނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.