ނ. މަނަދޫ އިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ މީހާ ބަލިން ރަނގަޅުވެ، ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު 60 އަށް އަރައިފިއެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ހަވާލާދީ، ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ބުނީ މަނަދޫ 80 އަހަރުގެ މީހާ އެންމެ ފަހުން ހެދި ޓެސްޓުތަކުން ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަކީ މިހާރު އެންމެ އިސްކަންދޭ ކަންތައް ކަމަށާއި ބަލިޖފައިތިބި މީހުން ރަނގަޅުވަމުންދާއިރު އޭގެ ތެރޭ ދުވަސްވީ މީހުންވެސް ހިމެނޭކަމީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އެ މިހާއަށް ފަރުވާދީފައިވަނީ އައިޖީއެމްއެޗުގައި ކަމަށްވެސް މިނިސްޓާ ވިދާޅުވިއެވެ
މީގެ އިތުރުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ އެރަށުން ފުރަތަމަ ކޮވީޑަށް ޕޮޒިޓިވްވި މީހާ ރަނގަޅުވެފައިވާ ކަމަށް މިއަދު އަންގާފައިވާ ކަމަށެވެ. އެެހެން ކަމުން އެ މީހާ ވަނީ ރާއްޖެއިން ޕޮޒިޓިވްވެ ރަނގަޅުވި 60 ވަނަ މީހާއަށް ކަމަށެވެ.
އެ މީހާއާ ކޮންޓެކްޓުވި އިތުރު ނުވަ މީހަކު އެރަށުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 52 މީހެއްގަ ސާޕަލް ނަގައި ރެންޑޮމް ސާމްޕްލާއެި އެކު 86 ސާމްޕަލެއް ނަގާ މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެ އިރުފުއްޓަށް ބަދަލު ކުރި 9 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު 1094 އަރާފައިވާއިރު، މިއަދު މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 4 މީހުން އެކަންޏެވެ.
މަނަދޫގެ 80 އަހަރުގެ މީހާއާއި އެކު މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 60 މީހެކެވެ. އަދި މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.