މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފް ދިރިއުޅުއްވާ ގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ދިރިއުޅުއްވާ ގެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިވާ ކަމަށެވެ. އެގޮތުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެ ގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމުގެ ލިޔުން އެގޭގައި ތަތްކޮށްފައެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ، އެ ގެ މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ހުންނެވީ "ބަސް އަހައިގެން" ކަމަށެވެ. އަދި ސިއްހީ މާހިރުންގެ ލަފައާ އެއްގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ހާލަތުގައި ވެސް ގައުމު މިއޮތީ ކަމާގުޅޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ބޯ ލެނބުމުން ކަމަށެވެ.

މަހްލޫފް ދިރިއުޅުއްވާ ގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު، އޭނާ ވަނީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކި ފަރާތްތަކާއި އެކު ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ.