ނެޝަނަލް ސްކިލް ޑިވަލޮޕްމަންޓް މާސްޓާ ޕްލޭނެއް ތައްޔާރު ކުރުމަށް، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންއާއި ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އިންޑިއާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ 3 ވަނަ ކުއާޓަރަށް ދާއިރު، 5 އަހަރަށް ޕްލޭން ކުރެވިގެން ހެދޭ މި މާސްޓާޕްލޭން ފުރިހަމަކޮށް ނިންމޭނެ ކަމަށް ލަފާކުރާ ކަމަށެވެ. އަދި ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރު ކުރެވިގެންދާނީ ދިވެހި ސަރުކާރުގެ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭންއާއި 2019-2023 ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހާސިލް ކުރުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާއި ޕޮލިސީތަކާއި އެއްގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓަށް ފައިނޭންސް ކުރެވިގެންދަނީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންއާއި ވާލްޑް ބޭންކާއިއެކު ހިންގާ މީރީ ޕްރޮޖެކްޓްގެ ތެރެއިންނެވެ.

ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް މާސްޓާ ޕްލޭނެއް ތައްޔާރުކުރަން ނިންމައިފި

ރާއްޖެއަށް ބޭނުންވާ ހުނަރުވެރި، މަސައްކަތުގެ ތަމްރީނު ލިބިފައިވާ ޒުވާން ޖީލެއް ބިނާ ކުރުމަށް ދިވެހި ސަރުކާރުގެ އިސް ނެންގެވުމާއިއެކު ކުރާ މި މަސައްކަތަކީ ރާއްޖޭގެ އިގްތިސޯދު ހިންގުމުގައި ޒުވާނުންގެ ހަކަތަ އިތުރުކުރެވި ވަޒީފާގެ ބާޒާރުގައާއި ވިޔަފާރި ކޮށްގެން ނަފާ ހޯދުމަށް ދިވެހި ޒުވާނުންނަށް ގިނަގުނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ޕްރޮޖެކްޓެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓޤރީން ބުނީ މި ޕްރޮޖެކްޓް ކުރިއަށްދާނީ ސްޓިއަރިންގް ކޮމިޓީއެއް އެކުލަވާލެވި، މި ކޮމިޓީގެ ލަފައާއި މަޝްވަރާގެ މަތިން ކަމަށެވެ.

ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ޓިވެޓް އޮތޯރިޓީއާއި އެކުގައެވެ. އަދި މި މާސްޓާޕްލޭން ތައްޔާރު ކުރެވިގެންދާއިރު އެކި ދާއިރާތަކުގެ ކަމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާ އެކުވެސް މަޝްވަރާކުރެވިގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މި ކޮންސަލްޓަންސީ ކުރިއަށްދާނީ 2 ފޭސްއަކަށް ބަހާލެވިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި މަސައްކަތްކުރާނީ ސްކިލް ސެކްޓަރުތައް އެނަލައިޒްކުރުމަށާއި ރިސާޗް އަށް ކަމަށްވާއިރު، ދެވަނަ ފޭސްގައި މާސްޓާ ޕްލޭން ތައްޔާރުކުރުމާއި، ސްޓްރެޓެޖީތައް އެކަށައެޅުމުގެ މަސައްކަތް ކުރާނެއެވެ.