އެހެން އެއްމެންގެ މުސާރަ ކުޑަކޮށްފައި، ބޮޑު މުސާރައެއް ނަންގަވަން ބޭނުންވެވަޑައި ނުގަންނަވާ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައުމާ ގުޅިގެންނެވެ. ސަލީމް ވިދާޅުވީ އެތައް ފަހަރަކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި މަޖިލިސް މެންބަރުންގެ މުސާރައަށް ބަދަލު ގެނައުމުގެ އުސޫލެއް ކަނޑައެޅުމަށް ދަންނަވާފައި ވާނެ ކަމަށެވެ.

ރެޑްވޭވް ސަލީމް މިހެން ވިދާޅުވެފައި ވާއިރު މީގެ ކުރިން ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވަނީ އޭނާގެ މުސާރައިގެ 50 ޕަސެންޓް ކުޑަކުރަން ނިންމަވާފައެވެ. ކާނަލް ނާޒިމް އެގޮތަށް ނިންމެވީ އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ފެއްޓެވި ޗެލެންޖެއްގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެގޮތުން އެ ޗެލެންޖުގައި އިހުސާން ވަނީ އޭނާގެ މުސާރައިން 43 ޕަސެންޓު ކުޑަ ކުރުމަށް ނިންމަވާފައެވެ.

ފިނޭންސުން ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައުމަށް ނިންމީ ކޮވިޑް-19 އިން އަރައި ގަތުމަށް ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އެގޮތުން ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރަ 20،000 ރުފިޔާއަށް ވުރެ ދަށް މުވައްޒަފުންގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރާނެއެވެ. ނަމަވެސް އަސާސީ މުސާރައިގެ ގޮތުގައި 20،001 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ ނަމަ 20 ޕަސެންޓް އުނިކުރާނެއެވެ. މީގެ އިތުރުން 30،001 ރުފިޔާ އާއި 60،000 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭ ނަމަ 30 ޕަސެންޓު، އެ އަށް ވުރެ ބޮޑު އަދަދެއް ލިބޭ ނަމަ 35 ޕަސެންޓު އުނިކުރާ ގޮތަށް ވަނީ ނިންމާފައެވެ.

އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ސަރުކާރު މުވައްޒަފުންގެ ތެރެއިން މިނިސްޓަރުގެ ނައިބާއި އެ މަގާމަށް ވުރެ މަތީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ އަސާސީ މުސާރަ 20،000 އަށް ވުރެ ދަށްވި ނަމަވެސް 20 ޕަސެންޓު އުނިކުރަން ޖެހޭނެ އެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައި ނަމަވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި އެޗްޕީއޭއާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްފުންގެ ތެރެއިން ރައީސް އައްޔަން ކުރާ މަގާމްތައް ފިޔަވައި އެހެން މުވައްޒަފުނާއި ސިފައިންނާއި ފުލުހުން އަދި ކޮވިޑް-19އާ ގުޅިގެން އިމަޖެންސީ ސެންޓަރުގައި 6 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ސަލީމް ބޮޑު މުސާރަ ބޭނުންވެވަޑައިނުގަންނަވާ ކަަމަށް ވިދާޅުވި އިރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މުސާރަ ކުޑަކުރަން ފިނޭންސުން ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ފާސްކޮށްފައެވެ.