އިސްލާމްދީނުގައި އަންހެނުންގެ ޙައްޤު
ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެން ކަނބަލުންނާ ބެހޭގޮތުން ޙަދީޘް ކުރައްވާފައި ވެއެވެ. الدُّنْيَا مَتَاعٌ ، وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ (رواه مسلم) މާނައީ: "ދުނިޔެއަކީ ފައިދާއެކެވެ. ދުނިޔޭގައިވާ ހެޔޮ ފައިދާއަކީ ޞާލިޙު އަންބެކެވެ."
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (أَلاَ أُخْبِرُكَ بِخَيرِ مَا يَكْنُزُ المَرْءُ المَرْأةَ الصَّالِحَةَ الَّتِي إذَا نَظَرَ إلَيْهَا سَرَّتْهُ ، وَإذَا أمَرَهَا أطَاعَتْه ، وَإذَا غَابَ عَنْهَا حَفِظَتْهُ – (رواه أبو داود والحاكم وقال: حديث صحيح الإسناد) މާނައީ: "ފިރިހެނަކު ކަންޒުކުރާނެ ހެވަކީ ކޮބައިކަން ތިމަންކަލޭގެފާނު އަންގައެއް ނުދެމުހެއްޔެވެ؟ އެއީ ޞާލިޙު އަންބެކެވެ. އޭނާ އެއަންހެނާއަށް ބަލައިފިނަމަ ހިތްހަމަޖެހުން ލިބެއެވެ. ކަމަކަށް އަމުރުކޮށްފިނަމަ އެކަމަށް އިޖާބަ ދެއެވެ. އަދި އޭނާގެ ފިރިމީހާ ނެތް ހާލަތުގައި އޭނާއަށްޓަކައި ރައްކާތެރިވެއެވެ."
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (حُبِّبَ إِلَيَّ مِنْ الدُّنْيَا النِّسَاءُ وَالطِّيبُ وَجُعِلَ قُرَّةُ عَيْنِي فِي الصَّلَاةِ (رواه النسائي) މާނައީ: "ތިމަން ކަލޭގެފާނަށް މިދުނިޔެއިން އެންމެ ލޮބުވެތި އެއްޗަކީ އަންހެނުންނާއި ހުވަނދެވެ. އަދި ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަމަކީ ނަމާދެވެ."
އިސްލާމްދީނުގައި އަންހެނުން ޢިލްމު އުނގެނުމުގެ މުހިއްމުކަން
ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ވަޙީބާވާލެއްވިފައިވަނީ އުނގެނުމާ ބެހޭގޮތުންނެވެ. އެއީ އަލްޢަލަޤް ސޫރަތުގެ ފުރަތަމަ އާޔަތެވެ.”اقْرَأْ “ކިޔަވާ ވިދާޅުވާށެވެ. މި ޚިޠާބުގައި އަންހެނުންނާއި ފިރިހެނުންވެސް ޝާމިލުވެއެވެ. އެހެންކަމުން ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަކި ޖިންސެއް ޚާއްޞަވެފައެއް ނުވެއެވެ.
އިސްލާމްދީންވަނީ އަންހެނާއަށްވެސް ޢިލްމު އުނގެނުން ފަރްޟުކުރައްވާފައެވެ. މިފަރްޟުގެ ތެރޭގައި އީމާންކަމުގެ ރުކުންތަކާއި ތައުޙީދު މަޢުރިފާކޮށް ދެނެގަތުމާއި ބިދުޢަތަކާއި ޚުރާފާތްތައް ވަކިކޮށް ދެނެގަތުމާއި ޝަރުޢީ ފަރްޟުތަކާއި ދީނީ ވާޖިބުތައް އަދާކުރާނޭގޮތް ދަސްކުރުން ހިމެނެއެވެ. އަދި ފިރިމީހާއާއި ދަރީންގެ ކަންތައްތަކާއި ޢާއިލާގެ ކަންތައްތައް ދީނީ ގިއުގަނޑުގެތޭގައި ކުރާނޭގޮތާއި އަނބިމީހާ އޭނާގެ ހިތް ޙަސަދަވެރިކަމާއި ޣީބަބުނުމާއި ދެބައޮޑުވުމާއި ނެތިމޮށުންފަދަ ބަލިތަކާއި އާފާތްތަކުން ސަލާމަތްކުރާނޭ ގޮތާއި، އޭނާގެ ނަފްސު އިޞްލާޙްކުރާނޭގޮތާއި، އިންސާނުންގެ ތެރެއިންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިން އޭނާ ރައްކާތެރިވާނޭ ގޮތާއި އަދި ހަމަ އެހެންމެ ޒީނަތްތެރިވުމުގެ ޙުކުމްތަކާއި ޢައުރަ ނިވާކުރުމުގެ ޙުކުމްތަކާއި ޝަރުޢީ ޙިޖާބުގެ ޝަރުޠުތަކާއި ބެލުމާއި މަސްހުނިވުމާއި އެކަހެރިވުމުގެ ޙުކުމްތައް އޭނާ ދަސްކުރަންޖެހެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ދިރުއުޅުއްވި އަންހެން ޞަޙާބީން ދީނުގެ ޢިލްމު އުނގެނުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވިއެވެ.
عَنْ أبي سَـعِيْد رَضِيَ اللَّـهُ عَنْـهُ قَالَ: جَـاءَتِ امْـرأةٌ إلى اَلرسُولِ صَلىَّ اللهُ عَلَيْهِ وَسَلَّمَ فَقَالَتْ : يَا رَسُولَ اللهِ، ذَهَبَ الرِّجَالُ بحَدِيثِكَ ، فَاجْعَلْ لَنَا مِنْ نفْسِكَ يَوْماً نَأتِيكَ فِيهِ، تُعَلِّمُنَا مِمَّا عَلَّمَكَ اللهُ ، فَقَالَ :اجْتَمِعْنَ فِي يَوْم كَذَا وَكَذَا، فِي مَكَانِ كَذَا وَكَذَا. فَاجْتَمَعْنَ، فَأَتاَهُنَّ رَسُولُ اللهِ صَلىَّ الله عَليْهِ وَسَلَّمَ، فَعَلَّمَهُنَّ مِمَّا عَلَّمَهُ الله، ثُمَّ قَالَ : مَا مِنْكُنَّ امْرَأَةٌ تُقَدِّمُ بَيْن يَدَيْهَا مِنْ وَلَدِهَا ثَلاَثَةً إِلاَّ كاَنُوا لهَا حِجَاباً مِنَ النَارِ. فَقَالَتِ امْرَأَةٌ مِنْهُنَّ : يَا رَسُولَ اَللهِ، وَاثْنَيْنِ؟ قَالَ: فَأَعَادَتْهَا مَرَّتَيْنِ ثُمَّ قَالَ: وَاثْنَيْنِ وَاثْنَيْنِ واثْنَيْنِ. )صحيح البخاري(
އަބޫސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމުގައި ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަންހެނެއް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޙަދީޘްތައް އަޑުއެހުމުގައި ފިރިހެނުން ކުރިއަރައި ހިނގައްޖެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކަލޭގެފާނަށް އުނގަންނަވާ ދެއްވާފައިވާ ތަކެތި ތިމަންމެންނަށް އުނގަންނަވައިދެއްވުމަށްޓަކައި، ކަލޭގެފާނުގެ އަރިހަށް ތިމަންމެން އަންނާނޭ ދުވަހެއް ހަމަޖައްސަވައިދެއްވާށެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިވެނި އެވެނި ދުވަހެއްގައި ތިޔަކަނބަލުން ޖަމާވާށެވެ. އެވެނި މިވެނި ތަނެއްގައެވެ.” ދެން އެބޭކަނބަލުން ޖަމާވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް އުނގަންނަވާދެއްވާފައިވާ ތަކެތީން އެބޭކަނބަލުންނަށް އުނގަންނަވައިދެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. (ޅަފަތުގައި) އެމީހެއްގެ ތިންކުދިން މަރުވެ، އެކަނބުލޭގެއާ ނަރަކައާ ދެމެދު ހުރަހެއްކަމުގައި އެކުދިން ނުވާ އެއްވެސް ކަނބަލެއް ތިޔަކަނބަލުންގެ ތެރެއިންނުވެއެވެ.” އޭގެތެރެއިން އަންހެނަކު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ” “ދެކުދިންވެސް ތޯއެވެ؟” އަބޫ ސަޢީދު ރަޟިޔަﷲ ޢަންހުވިދާޅުވިއެވެ. އެކަނބުލޭގެ މި ސުވާލު 2 ފަހަރު ތަކުރާރު ކުރެއްވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ދެކުދިންވެސް” “ދެކުދިންވެސް” “ދެކުދިންވެސް” (މެއެވެ)
މި ޙަދީޘުން ދަލީލުކޮށްދޭގޮތުގައި އަންހެން ކަނބަލުންނަށް އިސްލާމްދީން އުނގަންނަވައި ދެއްވުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަނބަލުންނަށް ޚާއްޞަކުރައްވައިގެން ވަކި ދުވަހަކާއި ތަނެއް ހަމަޖެއްސެވިއެވެ. އަދި އުނގަންނަވައިދެއްވިއެވެ.
އެއްމަޖިލީހަކަށް އަންހެނުންނާއި ފިރިހެނުން އެއްކޮށްގެން ފިތުނައަށް މަގުފަހިވާގޮތަށް، ދީނީ ތަޢުލީމު އުނގެނުމުގައިވެސް ޢަމަލުކޮށްގެން ނުވާނެކަމާއި، ތަޢުލީމު އުނގަންނައިދިނުމުގައި 2 ޖިންސު ވަކިކުރަންޖެހޭނެކަން، ވަކިދުވަހަކާއި ވަކިވަގުތެއް އެކަނބަލުންނަށް ޚާއްޞަކުރެއްވުމުން ދޭހަވެއެވެ. އެކަނބަލުންނަށް ވަކި ދުވަހަކާއި ވަކި ވަޤުތެއް ޚާއްޞަކުރުމުން ދެޖިންސު ތަޢުލީމުގެ ކަންތައްތަކުގައި ވަކިކުރުމަށް ބާރުލިބެއެވެ. އަދި ކިއެއްތަ ދީނީ ޢިލްމުކިޔެވުން މިމަގަށް ހުރި އިރު ދުނިޔަވީ ޢިލްމުތަކާއި އެހެނިހެން ފަންނުތަކުގެ ޢިލްމުތައް ކިޔަވާއިރު މިކަން މިގޮތަށް ކުރުން މާބޮޑަށް އައުލާވެގެންވެއެވެ. އެހެނީ ލަދުވެތިކަމާއި މަޑުމޮޅިކަން ވަނީ ދީނީ މަޖިލީސްތަކުގައެވެ.
އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލާއިރު، އެތައްބައިވަރު އަންހެން ޢިލްމުވެރިން އިސްލާމީ ތާރީޚު ދެކެފައިވެއެވެ. ޙަދީޘް ޢިލްމުވެރިންނާއި ފިޤްހު ޢިލްމުވެރިންނާއި، ތަފްސީރު ޢިލްމުވެރިންނާއި ބަހުގެ ޢިލްމުވެރިންނާއި ޝާޢިރުންނާއި އަދަބުގެ ފުންނާބުއުސް ބޭކަނބަލުންނާއި، އެކިއެކި ފަންނުތަކުގެ ޢިލްމުތަކަށް އަރާތިއްބެވި އުންމަތުގެ ފަޚްރުވެރި އަންހެން ސާހިބާއިންނެވެ.
ޢިލްމު އުނގެނުމުގެ އިތުރުން އީމާންކަމުގައިވެސް އަންހެނުންވަނީ ކުރި ހޯއްދަވާފައެވެ. އެގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަޢުވަތަށް އެންމެ ފުރަތަމަ އިޖާބަދެއްވީ އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުން އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. އިޖާބަދެއްވުމުން ހަމައެކަނި ފުއްދަވާލެއްވީކީ ނޫނެވެ. އިސްލާމްދީނުގެ ދަޢުވަތައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތެދުވެވަޑައިގަތުމުން އެކަލޭގެފާނަށް ވާގިވެރިވެވަޑައިގަތުމާއި ހިތްވަރުދެއްވުމުގައި އެކަމަނާ ޘާބިތުކަމާއެކު ދެމިހުންނެވިއެވެ.
އިސްލާމްދީނުގެ އަސާސުތައް އަނބިމީހާއަށް ދަސްކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް ވާޖިބެކެވެ. އެވާޖިބު އަދާ ނުކޮށްފިނަމަ އޭނާ ފާފަވެރިވާނެއެވެ. އަދި ވާޖިބު އަދާކުރުމުގައި ނާކާމިޔާބު ވެއްޖެނަމަ އޭނާގެ ދަރިފަސްކޮޅު އޭނާ އެވައްޓާލަނީ ޖާހިލުކަމުގެ އަނދިރި ވަޅުގަނޑަށެވެ.
އިސްލާމްދީނުގައި ދަރީން ތަރުބިއްޔަތުކުރުމުގެ ޒިންމާދާރު ވަޒީފާ އަދާކުރުމުގެ އެންމެ އިސްބަޔަކީ މައިންކަމުގައިވީއިރު، ދަރިންނަށް ތަޢުލީމު ދެވޭނީ ފުރަތަމަ މަންމަ ތަޢުލީމު ޙާޞިލްކޮށްގެންނެވެ. އެކަންވާރެއްގައި ހުރި އެއްޗެއް ނޫނީ އެކަންވާރަކުން ނުނުކުންނާނެއެވެ. އެހެންކަމުން އުޚްތުން ދީނީ ޢިލްމާއި ރިވެތި އަދަބުތަކާއި އަޚްލާޤު ދަސްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ކުއްޖާގެ ފުރަތަމަ މަދަރުސާއަކީ މަންމައެވެ. އަދި ކުއްޖާގެ ދީން ޙިމާޔަތްވުމާއި ނުވުން ބިނާވެގެންވަނީ ކުއްޖާގެ މަންމަގެ ކިބައިގައި ހުރި ދީނީ ޢިލްމެއްގެ މައްޗަށެވެ.
އިސްލާމީ އުންމަތުގައި އުފެދުނު ބޮޑެތި މުޙައްދިޘުންނާއި ޢިލްމުވެރިން އުފެއްދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރައްވާފައިވަނީ އެބޭކަލުންގެ ހިތްވަރުގަދަ މައިންނެވެ. އޭގެތެރެއިން ގިނަ ޢިލްމުވެރިންތަކެއް ބޮޑުފުޅުވެވަޑައިގެންފައިވަނީ ޔަތީމު ޙާލުކޮޅުގައި ނުހަނު ފަޤީރުކަމާއި ދެރަނިކަމެތިކަން މަތީގައެވެ. އިމާމް އަޙްމަދު ބިން ޙަންބަލް އަކީ މި އުއްމަތުގެ ބޮޑު އިމާމެކެވެ. އެކަލޭގެފާނަށް ތަޢުލީމު ދެއްވުމަށްޓަކައި އެކަލޭގެފާނުގެ މަންމަ ވީ މަތިވެރި ޤުރުބާނީގެ ވާހަކަ އެކަލޭގެފާނުގެ ސިޔަރަތު ކިޔުއްވި ކޮންމެ ބޭކަލަކަށްވެސް ވަރަށް ރަނގަޅަށް ސާފުވެގެންދާނެއެވެ. ފިނި ރޭތަކުގައި ބަޣްދާދުގައި މަގުތަކުގެ މަތީގައި އެތައް ދުރުމިނެއް ކަޑައްތުކުރައްވާ ފަތިސް ނަމާދަށް އެކަލޭގެފާނު ގޮވައިގެން ވަޑައިގަތުމާއި ޢިލްމީ ޙަލަޤާތައް ނިމެންދެން މަޑުކުރެއްވުމާއި، އެފަދަ އެތައްކަމަކުންނެވެ. އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމަކީ މިފަދަ މަތިވެރިކަމެއް މިބޭކަނބަލުން ޢިލްމަށް މިދެއްވެވީ މި ޢިލްމުގެ އަގު އެބޭކަނބަލުންނަށް ވަޒަންކުރެއްވޭލެއް ބޮޑުކަމުންކަމެވެ.
ޢިލްމު އުނގެނުމަކީ އޭގެ ފައިދާ ދުނިޔޭގެ އިތުރުން އާޚިރަތުގައިވެސް ތިބާއަށް ކުރާނެކަމެކެވެ. އެހެނީ މަރުވުމަށްފަހު އިންސާނާގެ ޢަމަލުތައް ތިން ކަމަކުންނޫނީ ކެނޑިގެންދާނޭކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ތިމާ ދޫކޮށްފައިދާ ފައިދާކުރުވަނިވި ޢިލްމެވެ. އެހެންކަމުން ހެޔޮކަމުގެ ސިލްސިލާ ދާއިމީގޮތެއްގައި ޤިޔާމަތާޖެހެންދެން ދެމެހެއްޓުމަށްޓަކައި ދީނީ ޢިލްމު އުނގެނީ އެ ޢިލްމު ތިބާގެ ދަރީންނަށާއި ޢާއިލާގެ މީހުންނަށް ފޯރުކޮށްދޭށެވެ.
ދުނިޔެއާއި އާޚިރަތުގައި އެއްވެސް ފައިދާއެއް ނުކުރާ ވާހަކަފޮތްތަކާއި، ވަގުތު ބޭކާރުކުރާ މަޖައްލާތަކާއި، ތިބާއަށް ދީނީ އަދި ދުނިޔަވީ ފައިދާއެއްވެސް ހޯދާނުދެވޭ މިފަދަ އެއްޗިހި ކިޔުމުގައި ޙަޔާތުގެ އަގުހުރި ވަގުތުތައް ބޭކާރު ކުރުމާމެދު ސަމާލުވާން އެބަޖެހެއެވެ. އެންމެ ފައިދާބޮޑު ޢިލްމަކީ ދީނީ ޢިލްމެވެ.
އުންމުއް ދަރްދާއު ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “އަހަރެންނަށް ވަރަށް ގިނަ ކަންތައްތަކުން އަޅުކަމުގެ ރަހަ ލިބުނެވެ. އަދި ޢިލްމުވެރިންގެ ބައްދަލުވުންތަކާއި އެބައިމީހުންގެ ހަނދާންކޮށްދިނުންތަކުން ލިބުނުވަރުގެ ހިތްހަމަޖެހުމެއް އެހެން ކަމަކުން ނުލިބެއެވެ.”
އުއްމުއް ދަރުދާއު ރަޟިޔަﷲ ޢަންހާ އަކީ މާތް ޞަޙާބީ އަބުއްދަރްދާއު ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުންނެވެ. އެކަމަނާއަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ދަސްކުރެއްވި ބޭކަނބަލެކެވެ. އިމާމު ބުޚާރީ އައްޞަޙީޙުގައި އެކަމަނާގެ ރިވާޔަތްތައް ގެންނަވާފައިވެއެވެ. އިބްނު ޢަބްދިލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި އެކަމާނާއަކީ ޙަދީޘް ޢިލްމުވެރިއެކެވެ. އަދި އެހާމެ ވިސްނުންތޫނު ތަޤްވާވެރި ބޭކަނބަލެކެވެ. (ބައްލަވާ އަލްއިސްތީޢާބު ފީ އަސްމާއިލް އަންސާބް، އިބްނު ޢަބްދިލްބައްރު)
އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ ލޮބުވެތި މަންމަ އުންމުލް ފަޟްލު ރަޟިޔަﷲ ޢަންހާއަކީ އެކަލޭގެފާނުގެ ބައްޕަ އިސްލާމްވުމަށް އެންމެބޮޑަށް މަސައްކަތްކުރެއްވި ފަރާތެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ބައްޕާފުޅު އިސްލާމްވުމުގެ ކުރީގައި އެކަލޭގެފާނުގެ މަންމާފުޅު އިސްލާމްވެވަޑައިގަތެވެ. އަދި އެކަމަނާގެ ފިރިކަލުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މަސައްކަތްޕުޅުކުރެއްވިއެވެ.
(وَالْبَاقِيَاتُ الصَّالِحَاتُ ) ބަހުންނާއި ޢަމަލުން ކުރެވޭ ހެޔޮ ޢަމަލުތައް، އޭގެ ތެރޭގައި ހެޔޮ ޛިކްރާއި، ނަމާދާއި ޞަދަގާތް، ރޯދަ، ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީ ކުރުން، އަދި މިނޫންވެސް ކަންތައްތައް ހިމެނެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (اسْتَكْثِرُوا مِنَ الْبَاقِيَاتِ الصَّالِحَاتِ ، قِيلَ : وَمَا هُنَّ يَا رَسُولَ اللَّهِ ؟ قَالَ : التَّكْبِيرُ ، وَالتَّهْلِيلُ ، وَالتَّسْبِيحُ ، وَالْحَمْدُ لِلَّهِ ، وَلا حَوْلَ وَلا قُوَّةَ إِلا بِاللَّهِ ) މާނައަކީ: "ބާގިޔާތުއްޞާލިޙާތު އިން ތިޔަބައިމީހުން ގިނަކުރާށެވެ." ދެންނެވުނެވެ. "ﷲގެ ރަސޫލާ އެވެ. އެއީ ކޮން އެއްޗެއްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ތަކްބީރު ކިޔުމާއި، ތަހްލީލު ކިޔުމާއި، ތަސްބީޙަ ކިޔުމާއި، ޙަމްދު ކުރުމާއި، ލާޙައުލަ ވަލާ ގުއްވަތަ އިއްލާ ބިއްލާހި، މިފަދައިން ކިޔުމެވެ."
އަދިވެސް ޙަދީޘް ކުރެއްވިއެވެ. (لأَنْ أَقُولَ : سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلا إِلَهَ إِلا اللَّهُ وَاللَّهُ أَكْبَرُ أَحَبُّ إِلَيَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ ) މާނައަކީ: "އިރު އެއެއްޗެއްގެ މައްޗަށް އެރި ކޮންމެ އެއްޗަކަށްވުރެ ސުބްޙާނަﷲ ވަލްޙަމްދު ލިއްލާހި، ވަލާއިލާހަ އިއްލަﷲ ވަﷲ އަކްބަރު، މިފަދައިން ކިޔުން ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑެވެ."
( وَالْبَاقِيَاتُ الصَّالِحَاتُ) ގެ މުރާދަކީ ފަރްޟު ފަސް ނަމާދު ކަމުގައި އިބްނު ޢައްބާސް، ސަޢީދު ބިން ޖުބައިރު، މަސްރޫގު- ރަޟިޔަﷲ އަންހުމް- ގެ ކިބައިން ރިވާވެގެން ވެއެވެ.
(وَالْبَاقِيَاتُ الصَّالِحَاتُ) އެއީ އެންމެހައި ހެޔޮ ޢަމަލުތައް ކަމުގައި ގަތާދާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
(خَيْرٌ عِندَ رَبِّكَ ثَوَابًا ) ޘަވާބާއި ދަރުމަ ދެއްވުމުގައި،
( وَخَيْرٌ أَمَلًا ) އެދޭ އެދުމެއްގެ ގޮތުން މާހެޔޮކަން ބޮޑުމެއެވެ. ސަބަބަކީ މިއީ ދާއިމަށް ދެމިހުންނާނެ ތަކެއްޗެވެ. ދުނިޔެ އާއި ދުނިޔޭގައިވާހާ ޒީނަތްތެރި ކަމަކީ ފަނާވެގެންދާނެ ތަކެއްޗެވެ.
ޢަލީ ބިން އަބީޠާލިބް ރަޟިޔަﷲ ޢަންހު ވިދާޅުވި ބަސްފުޅެއްގައިވެއެވެ. "މުދަލާއި ދަރިންނަކީ ދުނިޔޭގެ ގޮވާމެވެ. ހެޔޮ ޢަމަލަކީ އާޚިރަތުގެ ގޮވާމެވެ."
( وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ﴿٤٧﴾ )
މި އާޔަތުގައި ﷲ ތަޢާލާ މިއަންގަވަނީ ގިޔާމަތް ދުވަހުގެ ވާހަކައެވެ. އެދުވަހުގެ ބިރުވެރި ކަމުގެ ވާހަކައެވެ. އެދުވަހުގައި އުފުލަން ޖެހޭނެ ބުރަތަކުގެ ވާހަކައެވެ.
(وَيَوْمَ نُسَيِّرُ الْجِبَالَ) " އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ!"
ސޫރަތުއް ނަބައުގެ 20 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا ﴿٢٠﴾ ) މާނައަކީ: " އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ. " ދެން އެއަށްފަހު ފަރުބަދަތައް ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ވެގެންދެއެވެ.
ސޫރަތުލް ގާރިޢާގެ 5 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ﴿٥﴾ ) މާނައަކީ: " އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ." މިފަދައިން ފަރުބަދަތައް ވެގެންދަނީ ﷲ ތަޢާލާ ބިންގަނޑު ފުނޑުފުނޑުކޮށްލެއްވުމާއި ގުޅިގެންނެވެ. އެޔާއި ވިދިގެން ފަރުބަދަތައް ފައިބައިގެންދާ ވެލިފުންޔެއް ފަދައިން ވެގެންދެއެވެ. ސޫރަތު މުއްޒައްމިލްގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( يَوْمَ تَرْجُفُ الْأَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيبًا مَّهِيلًا ﴿١٤﴾ ) މާނައަކީ: " އެދުވަހުން ބިމާއި، ފަރުބަދަތައް ހެލިގެންދާނެތެވެ. އަދި ފައިބައިގެންދާ ވެލިފުންޏަކަށް އެ ފަރުބަދަތައް ވާހުށްޓެވެ." ދެން އެޔަށްފަހު ފަރުބަދައިގެ އެތިކޮޅުތައް ޖައްވައް ބުރައިގެންދެއެވެ. ސޫރަތުއް ނަމްލުގެ 88 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ ۚ صُنْعَ اللَّـهِ الَّذِي أَتْقَنَ كُلَّ شَيْءٍ ۚ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ ﴿٨٨﴾ ) މާނައަކީ: " އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ حال، ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ސޫރަތުލް ވާގިޢާގެ 5 އަދި 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَبُسَّتِ الْجِبَالُ بَسًّا ﴿٥﴾ فَكَانَتْ هَبَاءً مُّنبَثًّا ﴿٦﴾ ) މާނައަކީ: " އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ. ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ."
ސޫރަތު ޠާހާގެ 105 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا ﴿١٠٥﴾) މާނައަކީ: " އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ."
(وَتَرَى الْأَرْضَ بَارِزَةً ) " (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ." އެހެނީ އެދުވަހު ބިންމަތީގައި ގަހެއް ފަރުބަދަ އެއް ނުހުންނާނެއެވެ. ސޫރަތު ޠާހާގެ 106 އަދި 107 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَيَذَرُهَا قَاعًا صَفْصَفًا ﴿١٠٦﴾ لَّا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا ﴿١٠٧﴾ ) މާނައަކީ: " ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ. އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ."
- ނުނިމޭ -
ތަފްސީރަށް ބަލާއިރު ހަމަ އެ ކަނި އެއްމެ މީހެއް ގެ ތަފްސީރަށް ބަލައިގެން ނުނިމޭ.