ރާއްޖެ އިން ކޮވިޑް-19 އަށް ފަރުވާ ދެމުން ދާ މީހުންގެ ތެރެއިން މިހާރު ވެންޓިލޭޓަރަށް ލާ ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނީ އެންމެ މީހެއް ކަމަށާއި ބާކީ ފަރުވާ ހޯދަމުންދާ މީހުންގެ ހާލަތު ސްޓޭބަލް ކަމަށެވެ.
އެގޮތުން އެ މީހާއަށް ފަރުވާ ދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކަން ފާހަގަ ކުރައްވާ އެ މީހާގެ އިތުރުން އިތުރު އެއް މީހަކަށް ޑީއެޗް11 ގައި ފަރުވާ ދެމުން ދާ ކަމަށާއި އެމީހާގެ ހާލުވެސް ސްޓޭބަލް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖެ އިން ބަލިޖެހޭ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަން ހުރީ ބަލިޖެހުނު މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންގެ ކިބައިން ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 1090 އަށް އަރާފައި ވާއިރު، މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅު ވެފައި ވަނީ 59 މީހެކެވެ. އަދި މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ.
އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.