ފުލުހުން މިހާރު ބަލަހައްޓަމުން އަންނަ ތަންތަނުގައި ދިރިއުޅޭ ބިދޭސީންގެ މޯބައިލް މެޑިކަލް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ފުލުހުން ބަލަހައްޓަމުން ގެންދާ ތަންތަނުގައި މިވަގުތު ތިބި ބިދޭސީ މީހުން ސްކްރީން ކޮށްފައިވާ ކަމަށެވެ. އެގޮތުން 80 މީހަކު ސްކްރީން ކޮށްފައިވާ ކަމަށާއި އަދި ބޭނުންވާ ބައެއް ސިއްހީ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ވަނީ އެމީހުން މިހާރު ދިރިއުޅެމުންދާ ހާލަތާއި ގުޅޭ ގޮތުން އެސެސްމަންޓެއް ހަދާފައެވެ.

ރާއްޖެއިން އިއްޔެވެސް ވަނީ 47 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިންވެސް ގިނައީ ބިދޭސީންނެވެ. އެގޮތުން ބަންގްލަދޭޝްގެ 22 މީހުންނާއި ނޭޕާލް 2 މީހަކާއި އިންޑިއާގެ 4 މީހަކު އިއްޔެ ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 19އެވެ.

އިއްޔެ ޕޮޒިޓިވްވި 47 މީހުންނާ އެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1078 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 557 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 382 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.