މަންމަ އަށް ބޭނުންވާނެ ޚަރަދުތަށް ބަލަހައްޓައި ދިނުމަކީ ދަރިފުޅުގެ މައްޗަށް ލާޒިމް ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، މުސްކުޅި ޢުމުރަށް ދިޔުމުން މަންމަމެން ދޫކޮށް، ދަރިފުޅު އެހެންގެއަކަށް ބަދަލުވުން، ނުވަތަ މުސްކުޅިން ބަލަހައްޓާ މަރްކަޒަކަށް މަންމަމެން ގެންގޮސް ބެހެއްޓުން، ނުވަތަ އަމިއްލަ މަސައްކަތުން އެމުސްކުޅި މަންމަ އާއި ބައްޕަ ކައިބޮއި ހެދުމަކީ އިސްލާމްދީން ގަބޫލު ކުރާ ކަންތަކެއް ނޫނެވެ.
އަންބެއްގެ ޙައިޘިއްޔަތުން ވެސް އިސްލާމްދީންވަނީ އަންހެނުން މާތް ކުރައްވާފައެވެ. އަނބިންނަށް ހެޔޮކޮށް ހިތުމަށް ފިރިންގެ މައްޗަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ. އަދި ރިވެތިވެގެންވާ ހެޔޮ ދިރިއުޅުމެއް އުޅުމަށް އަމުރުކުރެއްވިއެވެ. އަދި ފިރިންގެ މައްޗަށްވާ އަނބިންގެ ޙައްގުތަކެއް ލެއްވިއެވެ. މީސްތަކުންގެ ތެރެއިންވާ އެންމެ ހެޔޮމީހަކީ އަނބިންނަށް އެންމެ ހެޔޮ މީހާ ކަމުގައި ލެއްވިއެވެ. އެކަނބަލުންގެ ރުހުމަކާ ނުލައި އެކަނބަލުންގެ މުދަލުން ބޭނުން ނުކުރުމަށް އެންގެވިއެވެ. ނިސާ ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ) މާނައަކީ: " އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!". ބަގަރާ ސޫރަތުގެ 228 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ) މާނައަކީ: " އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ".
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (اسْتَوْصُوا بِالنِّسَاءِ خَيْرًا) މާނައަކީ: "ތިޔަބައިމީހުންގެ އަނބިންނާއި މެދުގައި ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވަމެވެ"، އަދިވެސް ޙަދީޘް ކުރެއްވިއެވެ. (خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي) މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަނބީންނަށް އެންމެ ހެޔޮ މީހާ އެވެ".
އަންހެން ކުއްޖެއްގެ ގޮތުގައި އޭނާ މާތް ކުރެއްވިއެވެ. އަންހެންކުދިން ހެޔޮގޮތުގައި ތަރްބިއްޔަތު ކުރުމަށް ބާރުއަޅުއްވާ، އެކަމުގައި ބޮޑުވެގެންވާ ދަރުމަ ލެއްވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.(مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ وَضَمَّ أَصَابِعَهُ ) މާނައަކީ: "ދެއަންހެންކުދިން ބާލިޣުވުމަށް ދާންދެން ޚަރަދުކޮށް ބަލަހައްޓައިފިމީހާ ގިޔާމަތް ދުވަހުން ވާހުށީ ތިމަންކަލޭގެފާނާއި މިހާ ހިސާބުގައެވެ. މިހެން ޙަދީޘް ކުރައްވާ އެކަލޭގެފާނުގެ އިނގިލިފުޅުތައް ލަންބަވައިލެއްވިއެވެ".
ޢުގްބާ ބިން ޢާމިރު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. (مَنْ كَانَ لَهُ ثَلاثُ بَنَاتٍ ، فَصَبَرَ عَلَيْهِنَّ ، وَأَطْعَمَهُنَّ وَسَقَاهُنَّ وَكَسَاهُنَّ مِنْ جِدَتِهِ كُنَّ لَهُ حِجَابًا مِنْ النَّارِ يَوْمَ الْقِيَامَةِ ) މާނައަކީ: "ތިން އަންހެންދަރިންލިބި، އެކުދިންގެ ތަރްބިއްޔަތުގެ ކަންތަކުގައި ކެތްތެރިވެ، އެކުދިންނަށް ކާންދީ، އަންނައުނު ހޯދައިދީ ހަދައިފިމީހާ ދަންނާށެވެ. އޭނާގެ އެޢަމަލު ގިޔާމަތް ދުވަހުން ނަރަކައިގެ ހުރަހަކަށް ވާހުއްޓެވެ".
ބޮޑުދައިތަ އެއްގެ ގޮތުން އަދި އުޚްތެއްގެ ގޮތުންވެސް އިސްލާމްދީންވަނީ އަންހެނުން މާތް ކުރައްވާފައެވެ. ރަޙިމްގެ ގުޅުން ބޭއްވުމަށް އަމުރުކުރައްވާ ބާރު އެޅުއްވިއެވެ. އަދި ރަޙިމްގެ ގުޅުން ކަނޑާ ނުލުމަށާއި، އެކަމުގެ ހުރި ނުބައިކަން އުއްމަތަށް ބަޔާންކޮށްދެއްވާ އިންޛާރު ދެއްވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (يَا أَيُّهَا النَّاسُ ، أَفْشُوا السَّلامَ ، وَأَطْعِمُوا الطَّعَامَ ، وَصِلُوا الأَرْحَامَ ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ ، تَدْخُلُوا الْجَنَّةَ بِسَلامٍ) މާނައަކީ: "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން އެކަކު އަނެކަކަށް ސަލާމްގޮވާ އުޅޭށެވެ. އެކަކު އަނެކަކަށް ކާންދީ ހަދާށެވެ. މީސްތަކުން ނިދާފައި ތިއްބާ ރޭގަނޑު ނަމާދު ކުރާށެވެ. އޭރުން ސަލާމަތްތެރިކަމާއި އެކު ސުވަރުގެ އަށް ވަދެވޭނެއެވެ".
ގުދްސިއްޔަ ޙަދީޘެއްގައި ރަޙިމް އާއި ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. (مَنْ وَصَلَكِ وَصَلْتُهُ ، وَمَنْ قَطَعَكِ قَطَعْتُهُ) މާނައަކީ: "ރަޙިމްގެ ގުޅުން ދަމަހައްޓައިފި މީހަކަށް ތިމަން ﷲ ގުޅުން ދަމަހައްޓަވާނަމެވެ. އަދި ރަޙިމްގެ ގުޅުން ކަނޑާލައިފި މީހަކާ ތިމަން ﷲ ގުޅުން ކަނޑުއްވާ ހުށީމެވެ".
އަންހެނެއްގެ ކިބައިގައި މިހުރިހާ ޞިފަތަކެއް އެއްވުމަކީ ގާތް ކަމެކެވެ. އޭނާ އަކީ އަންހެން ކުއްޖެކެވެ. ދައްތަ އެކެވެ. މަންމައެކެވެ. ބޮޑުދައިތަ އެކެވެ. މިހުރިހާ ޙައްޘިއްޔަތެއް އެއްވުމުން އަންހެނާ އަށް ކޮންފަދަ ބޮޑު ދަރަޖައެއްތޯއެވެ؟!
އެހެންކަމުން، އިސްލާމްދީނުގައި ވަނީ އަންހެނާގެ މަގާމާއި ދަރަޖަ އުފުއްލަވާފައެވެ. އަދި އަންހެނުންނާއި ފިރިހެނުން ގިނަ ކަންތައްތަކެއްގައި ހަމަހަމަ ކުރެއްވިއެވެ. ފިރިހެނުންނާއި އެއްގޮތަށް އަންހެނުންވެސް ﷲ އަށް އީމާންވެ ކިޔަމަންތެރިކަން އަދާކުރަންޖެހެއެވެ. އަދި އާޚިރަތުގެ ޖަޒާ ހަމަހަމަ ކުރެއްވިއެވެ. ބަސްބުނުމުގެ ޙައްގު އެކަނބަލުންނަށް ދެއްވިއެވެ. ﷲ ގެ މަގަށް ގޮވާލާ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީ ކުރުމަށް އެންގެވިއެވެ. ވިޔަފާރި ކުރުމުގެ ޙައްގު ދެއްވިއެވެ. ވާރުތަ މުދާ ލިބުމުގެ ޙައްގު ދެއްވިއެވެ. އެކަނބަލުންގެ ރުހުމަކާ ނުލާ އެއްވެސް މީހަކަށް އެކަނބަލުންގެ މުދާ އަތުލައި ނުގަނެވޭނެކަން އެންގެވިއެވެ. ޢިލްމު އުނގެނުމުގެ ޙައްގު ދެއްވިއެވެ. އަދި ދުނިޔަވީ ރިވެތި އުޅުމެއް ވޭތު ކުރުމުގެ ޙައްގު ދެއްވިއެވެ. އެއްވެސް ގޮތަކުން އެކަނބަލުންނަށް އަނިޔާވެރިވުން މަނާ ކުރެއްވިއެވެ.
ޖާހިލިއްޔަ ޒަމާނުގައި އަންހެނުންގެ ކަންތައް ހުރި ގޮތާއި އިސްލާމްދީނުގައި އަންހެނުންގެ ޙައްގުތައް ދެއްވާފައި ހުރި ގޮތް އަޅާ ކިޔައިފިމީހަކަށް މިކަންތައްތަކުގެ ޙަގީގަތް ފެނިގެންދާނެއެވެ. އަދި އިސްލާމްދީނުގައި އަންހެނުން މާތް ކުރެއްވި ވަރަށް އެހެންއެއްވެސް ދީނެއްގައި އަދި ޝަރީޢަތެއްގައި ވެސް އެކަނބަލުން މާތް ކުރައްވާފައެއް ނުވެއެވެ.
ޔޫރަޕްގެ މީހުން އަންހެނުންނާއި މެދުގައި ދެކެމުން އައި ގޮތާއި މެދުގައި ވިސްނާލަމާތޯއެވެ. 585މ. ގައި ފަރަންސޭސިން އަންހެނުންގެ ކަންތައްތަކާއި ބެހޭގޮތުން ބައްދަލުވުމެއް ބޭއްވިއެވެ. އެއަންހެނާގެ ރޫޙެއް ވޭތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. ރޫޙެއްވީނަމަވެސް، އެއީ އިންސާނެއްގެ ރޫޙުތޯ ނުވަތަ ޙައިވާނެއްގެ ރޫޙުތޯ ބެލުމަށެވެ. އެންމެ ފަހުން އެބައްދަލުވުމުގައި އެބައިމީހުން ނިންމީ އަންހެނުންނަކީ ފިރިހެނުންނަށް ޚިދުމަތް ކުރުމަށްޓަކައި ހައްދަވާފައިވާ ބައެއް ކަމަށެވެ.
ހެންރީ 8 ގެ ދުވަސްވަރުގައި އިނގިރޭސި ވިލާތުގެ ޕާލިމެންޓުން ނެރުނު ބަޔާނެއްގައިވަނީ އެބައިމީހުންގެ މުގައްދަސް ފޮތް ކަމުގައިވާ "އިންޖީލު" ކިޔެވުމަކީ އަންހެނުންގެ މައްޗަށް މަނާވެގެންވާ ކަމެއްގެ ގޮތުގައެވެ. ސަބަބަކީ އެކަނބަލުންނަކީ ނަޖިސް ބަޔަކަށްވާތީވެއެވެ.
1805 ވަނަ އަހަރާ ހަމަ އަށް އިނގިރޭސިވިލާތުގެ ގާނޫނު ބުނާ ގޮތުން ފިރިމީހާ އަށް އޭނާގެ އަންހެނުން ވިއްކާލުމުގެ ޙައްގު ލިބިގެންވެއެވެ. އަދި އެބައިމީހުން އަންހެނާގެ އަގެއް ކަމުގައި ކަނޑައަޅާފައިވަނީ އެންމެ 6 ޕައުންޑެވެ.މިފަހުގެ ޒަމާންތަކުގައިވެސް ޔޫރަޕް މީހުން އަންހެން ކުދިންނާއި މެދުގައި ދެކެމުން އައި ގޮތަކީ ޢުމުރުން 18 އަހަރު ފުރުމުން ޢާމްދަނީ ހޯދުމަށް ގެއިން ނިކުތުން މަޖްބޫރު ކުރުވުމެވެ. ނުނިކުމެ ގޭގައި ތިބެއްޖެނަމަ، ކޮޓަރީގެ ކުއްޔާއި ކެއިންބުއިމުގެ ޚަރަދު މައިންބަފައިންނަށް ދޭންޖެހެއެވެ.
އެހެންކަމުން، އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ޝަރަފާއި މާތް ކަން އެހެން ބަޔަކަށް ދެވޭނީ ކިހިނަކުންތޯއެވެ؟!
- ނުނިމޭ -